Advertisement

ބޭންކުގެ އުސޫލުތައް މުގުރާލާފައި އަމިއްލަ ކުންފުނިތަކަށް ލޯނު ދޭ ވާހަކަ ދޮގުކޮށްފި

9 ނޮވެންބަރު 2025 - 10:31 2

އަމަން ހަލީމް

އަމަން ހަލީމް

ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު ޝަރީފް، ގިނަ ބައެއްގެ ފާޑުކިޔުން ބީއެމްއެލްއަށް އަންނަނީ އަމާޒުވަމުން ---


ބޭންކުގެ އުސޫލުތައް މުގުރާލާފައި އަމިއްލަ ކުންފުނިތަކަށް ލޯނު ދޭ ވާހަކަ ދޮގުކޮށްފި

9 ނޮވެންބަރު 2025 - 10:31 2

ސަރުކާރުން މި ފަހުން އަމިއްލަ ކުންފުނިތަކަށް ބަހާލި ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޯޑުގެ ހުއްދައާ ނުލައި، ލޯނު ދިނުމުގެ އުސޫލުތަކާ ހިލާފަށް ލޯނުތައް ދޫކުރަމުންދާ ކަމަށް ކުރާ ތުހުމަތުތައް އެ ބޭންކުން ދޮގުކޮށްފި އެވެ.

ބީއެމްއެލްއަށް މި ތުހުމަތުތައް އަމާޒުވީ 2.6 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓުތައް ހިންގަނީ ކޮންޓްރެކްޓާ ފައިނޭންސިން މޮޑެލްގެ ދަށުން ކަމަށް އިއުލާނުކުރުމުންނެވެ. މި ނޫހަށް މައުލޫމާތު ދިން ބައެއް މީހުން ބުނި ގޮތުގައި ކޮންޓްރެކްޓަރުން އެއްބަސްވުންތަކުގައި ސޮއިކުރީ ހާއްސަ އުސޫލުތަކެއްގެ ދަށުން ލޯނުގެ ކަންކަން ހަމަޖައްސައިދޭން ކަމުގެ ޔަގީންކަން ސަރުކާރުން ދިނުމުންނެވެ.

ނަމަވެސް ބީއެމްއެލްއިން ނެރުނު ދިގު ބަޔާނެއްގައި ބުނީ، ބޭންކުގެ ބޯޑާއި މެނޭޖުމަންޓުން މަސައްކަތް ކުރަނީ ފުރިހަމަ ޕްރޫޑެންސް (ސަމާލުކަން ބަހައްޓައިގެން) އާއި މިނިވަންކަމާއެކުގައި ކަމަށެވެ. އަދި، އެ ބޭންކުން އަންނަނީ އެމްއެމްއޭ އާއި ބައިނަލްއަގުވާމީ އެންމެ ހަރުދަނާ ސްޓޭންޑަޑުތައް ހިފަހައްޓަމުން ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

"އެގޮތުން ބޭންކުގެ އޮނިގަނޑުތައް ގާއިމުކުރެވިފައި ވަނީ ރާއްޖޭގެ ބޭންކިން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް، އެމްއެމްއޭ އިން ކަނޑައަޅުއްވާފައިވާ ޕްރޫޑެންޝަލް ރެގިއުލޭޝަންތަކާއި ސްޓޭންޑާޑްތަކުގެ އިތުރުން ބާސެލް III އަދި IFRS 9 ފަދަ ބައިނަލްއަގުވާމީ ހަރުދަނާ ސްޓޭންޑާޑުތަކަށް،" ބީއެމްއެލްގެ ބަޔާނުގައި ބުންޏެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މިކަން ކަށަވަރު ކުރަން ބައިނަލްއަގުވާމީ އޮޑިޓު ފާމުތަކުން ގަވާއިދުން އެ ބޭންކު އޮޑިޓު ކުރެ އެވެ. އަދި މިނިވަން އޮޑިޓުތަކުން ބޭންކުގެ ހިންގުން ހަރުދަނާކަން ކަށަވަރުކުރެވެ އެވެ.

ބޭންކުން ލޯނު ދޫކުރާ ގޮތުގެ ތަފުސީލުތަކަށް ދަމުން ބީއެމްއެލްއިން ބުނީ، އެ ބޭންކުން ދޫކުރާ ލޯނުތަކަކީ ބޭންކުގެ ކްރެޑިޓް ޕޮލިސީ ތަކާއި އެއްގޮތަށް އަދި އެމްއެމްއޭއިން ކަނޑައަޅާފައިވާ ގަވާއިދުތަކާ އުސޫލުތަކާއި އެގޮތަށް ދޫކުރާ ލޯނުތަކެކެވެ. އަދި ލޯނު ދެއްކުމުގެ ގާބިލުކަން ހުރި ނެތް މިންވަރާއި، ސިންގަލް ބޮރޮވާ އެކްސްޕޯޝާ އަދި ގްރޫޕް ބޮރޮވާ އެކްސްޕޯޝާއަށް ބަލާނެ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްއިން ވަނީ ސަރުކާރު ޕްރޮޖެކްޓުތައް ހަވާލުކުރި ކޮންޓްރެކްޓަރުންނަށް ވެސް ހިނގާނީ މި އުސޫލު ކަމަށް ބުނެފަ އެވެ.

"ސަރުކާރުގެ ޕްރޮޖެކްޓްތައް ލިބުނު ކުންފުނިތަކަކީ ބޭންކުގެ ކަސްޓަމަރުން ކަމަށް ވާނަމަ ބޭންކުން މިހާރު ވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ލޯނަށް އެދެމުގެ ފުރުސަތު އެ ފަރާތްތަކަށް ވެސް އޮންނާނެ. ވިޔަފާރީގެ އުސޫލުން މި ލޯނުތައް ދޫކުރުމުގައި ވެސް ކްރެޑިޓް ޕޮލިސީތަކުގައި ކަނޑައަޅާފައިވާ އެންމެހާ ކަންކަމަށް ބަލާނެ،" ބީއެމްއެލްއިން ބުންޏެވެ.

އޭގެ އިތުރުން ބޭންކުން ލޯނު ދޫކުރެވޭނެ މިންގަނޑުތައް ވެސް ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އޭގެ ތެރޭގައި ސީދާ ސަރުކާރުގެ ކަންކަމަށް ބޭންކުން އިންވެސްޓްކުރެވޭނެ މިންވަރާއި، ސަރުކާރުން ގެރަންޓީދީގެން އެކި ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރާއި، ސަރުކާރުން ލިބެން ޖެހޭ ރިސީވަބަލްގެ މައްޗަށް ބިނާކޮށް އަމިއްލަ ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލޯނު ދޫކުރެވޭނެ މިންވަރު ހިމެނޭ ކަމަށް ބޭންކުން ބުންޏެވެ.

ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ލޯނު ދޫކޮށްފައިވާ ކަމަށް ބާރު ދޭން ބީއެމްއެލްއިން ވަނީ އެ ބޭންކުގެ ލޯން ޕޯޓްފޯލިއޯގެ ތަފުސީލުތައް ހިއްސާކޮށްފަ އެވެ. އަދި ބުނީ، ބޭންކުން ލޯނު ދޫކުރަމުން ދަނީ ބޭންކުގެ ރިސްކްތްރެސްހޯލްޑް މިންގަނޑުގެ ތެރޭގައި ކަމަށް މި އަދަދުތަކުން ހާމަވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރ ނިމުނުއިރު ބޭންކުގެ ޖުމްލަ ލޯން ޕޯޓްޕޯލިއޯ 23.7 ބިލިއަން ރުފިޔާއަށް އަރައެވެ. އަދި މި އަހަރުތެރޭ އަލަށް 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކުށްފައިވެއެވެ. މިހާތަނަށް ބޭންކުން އެކި ދާއިރާތަކުން ދޫކޮށްފައިވާ ލޯންތަކުގައި ސެޕްޓެމްބަރ 2025 ގެ ނިޔަލަށް ހުރި ޖުމްލަ އަދަދުތަކަކީ:

  • ޓުއަރިޒަމް – 8.71 ބިލިއަން ރުފިޔާ
  • އަމިއްލަ ފަރުދުންނަށް – 5.34 ބިލިއަން ރުފިޔާ
  • ޢިމާރާތްކުރުމަށާއި ގެދޮރުވެރިކަމަށް – 5.09 ބިލިއަން ރުފިޔާ
  • ދަތުރުފަތުރާއި ކޮމިއުނިކޭޝަނަށް – 2.40 ބިލިއަން ރުފިޔާ
  • ވިޔަފާރިތަކަށް – 1.04 ބިލިއަން ރުފިޔާ
  • އެހެނިހެން ދާއިރާތައް – 1.11 ބިލިއަން ރުފިޔާ

ބޭންކުގެ ބަޔާން ނިންމާލަމުން، ބޭންކާ ގުޅޭ ގޮތުން އާންމުންނަށް އޮޅޭ ގޮތަށް މައުލޫމާތު ނުފަތުރަން އިލްތިމާސްކޮށްފަ އެވެ. އަދި، "ކަމުގެ މައުލޫމާތު ރަގަޅަށް ނުހޯއްދަވާ، ބައެއް ފަރާތްތަކުން ވަކި މަގުސަދެއް ހާސިލްކުރުމަށް ޓަކައި" މި ފަދަ މައުލޫމާތު ހާމަނުކުރަން ބޭންކުން ބުންޏެވެ.