Advertisement

އެފްއެސްއެމްއިން ކުރާ ވައްކަން ހުއްޓުވޭނީ މަޖިލިސް މެންބަރުން ގުޅުން ހުއްޓާލައިގެން: އެމްޑީ އާޝާން

6 ނޮވެންބަރު 2025 - 12:30 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެފްއެސްއެމްގެ އެމްޑީ އާޝާން: އެފްއެސްއެމްގައި ތެލުން ހިންގާ ވައްކަންތައް ހުއްޓުވަން ގިނަ މަސައްކަތްތަކެއް އެ ކުންފުނިން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


އެފްއެސްއެމްއިން ކުރާ ވައްކަން ހުއްޓުވޭނީ މަޖިލިސް މެންބަރުން ގުޅުން ހުއްޓާލައިގެން: އެމްޑީ އާޝާން

6 ނޮވެންބަރު 2025 - 12:30 1

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ތެލުން ކުރާ ވައްކަން ހުއްޓުވޭނީ ތުހުމަތުވާ މުވައްޒަފުން ވަކިކުރަން ނިންމުމާއެކު މަޖިލިސް މެންބަރުންގެ ފަރާތުން އަންނަ ކޯލުތައް ހުއްޓާލައިގެން ކަމަށް މާލިއްޔަތު ކޮމިޓީގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާން އިއްޔެ ވިދާޅުވެއްޖެ އެވެ.

މާލިއްޔަތު ކޮމިޓީއަށް އެފްއެސްއެމް ހާޒިރުކުރީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އޮޕަރޭޝަންތަކަށް 2018 އިން 2020 އަށް ޑީސަލް ގަތުމާ ގުޅޭ މުއާމަލާތާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓާ ގުޅިގެން އެ ކޮމިޓީން ދިރާސާކޮށް ތައްޔާރުކުރި ރިޕޯޓުގައި އެފްއެސްއެމްއަށް ކުރަން އެންގި ކަންކަން ގޮސްފައި ހިސާބު ބެލުމަށެވެ.

އާޝާން ވިދާޅުވީ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ޗިޓު ފޮނުވާ ހިސާބުން އެއްވެސް ބޭފުޅަކު އޭނާއަށް ނުގުޅުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށާއި ވައްކަންތައް ހުއްޓުވޭނީ އޭރުން ކަމަށެވެ.

"އަޅުގަނޑުމެން މީހަކު ކަނޑާލަން ކޮމިޓީއަކުން ނޫނިއްޔާމުން އަޅުގަނޑުމެން ޗިޓު ދޭ ހިސާބުން އެއްވެސް ބޭފުޅަކު އަޅުގަނޑުމެންނަށް ނުގުޅީމައޭ އެކަން އަޅުގަނޑުމެންނަށް އެކަން ތަންފީޒުކުރެވޭނީ އެނގޭތޯ. އެހެންވީމަ އެއްވެސް ބޭފުޅަކު އަޅުގަނޑުމެންނަށް ނުގުޅުއްވާށޭ އަޅުގަނޑުމެން މީހަކު ވަޒީފާއިން ވަކިކުރަން ބޭނުންވާ ހިނދު،" އޭނާ ވިދާޅުވި އެވެ.

އާޝާން ވިދާޅުވީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ އިތުރުން އެ މުވައްޒަފެއްގެ މައްސަލަ ފުލުހަށް ފޮނުވަން ބެނުންވާއިރަށް އޭނާގެ އިތުރުން އެފްއެސްއެމްގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު މުރާދުއަށް ބައެއް ފަހަރު ކޯލުތައް އައިސްފައިވާ ކަމަށެވެ. ސިޔާސީ އެއްވެސް މީހަކު އޭނާ އާއި މުރާދުއަށް ގުޅުމަށް ދެމީހުން ވެސް ނޭދޭ ކަމަށާއި ގުޅަން ޖެހޭ ސަބަބެއް ވެސް ނޯންނާނެ ކަމަށް އާޝާން ވިދާޅުވި އެވެ.

"ނޫނީ ޕޮލިހަށް އަޅުގަނޑުމެން އެ މައްސަލަ ހުށަހަޅަން ބޭނުންވާ ދުވަހަކު އެއްވެސް ބޭފުޅަކު ދެމީހުންނަށް މެސެޖެއް ވެސް ނުކޮށްލިއްޔާ އަޅުގަނޑުމެންނަށް ރަނގަޅީ. އެއީ އަޅުގަނޑުމެން ދެމީހުންނަކީ ކުންފުނި ހިންގަން ތިބި މީހުން. އެހެންވީމަ އަޅުގަނޑުމެން ބޭނުމެއް ނޫން ސިޔާސީ އެއްވެސް މީހަކު އަޅުގަނޑުމެން ދެ މީހުންނަށް ގުޅަން ޖެހޭ ސަބަބެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

އާޝާން ވިދާޅުވީ އެފްއެސްއެމްގައި ތެލުން ހިންގާ ވައްކަންތައް ހުއްޓުވަން ގިނަ މަސައްކަތްތަކެއް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ. އެގޮތުން އެކަންކަން ރަނގަޅު ކުރެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެންކަން އޭނާ ފާހަގަކުރެއްވި އެވެ.

އެފްއެސްއެމް އިން ވިއްކާ ތެލުން މުވައްޒަފުން ކުރާ ވައްކަންތައް ހުއްޓުވަން 21 ބާޖެއްގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ. އެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެ އެވެ.