Advertisement

ފުވައްމުލަކާއި އައްޑޫއަށް ކުރެއްވި ދަތުރަށްފަހު މުއިއްޒު މާލެ ވަޑައިގެންފި

6 ނޮވެންބަރު 2025 - 06:33 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އައްޑޫ ދަތުރުގެ ތެރެއިން މުއިއްޒު ޝަންގްރިއްލާ ރިސޯޓަށް ވަޑައިގެން އެތަނުގެ މަސައްކަތްތައް ބައްލަވާލައްވަނީ --- ފޮޓޯ: ރައީސް އޮފީސް


ފުވައްމުލަކާއި އައްޑޫއަށް ކުރެއްވި ދަތުރަށްފަހު މުއިއްޒު މާލެ ވަޑައިގެންފި

6 ނޮވެންބަރު 2025 - 06:33 0

ފުވައްމުލަކާއި އައްޑޫ އަށް ކުރެއްވި ރަސްމީ ދަތުރަށްފަހު ރައީސް މުހައްމަދު މުއިއްޒު އެނބުރި މާލެ ވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެމަނިކުފާނު މާލެ ވަޑައިގެންފައިވަނީ ރޭ ދަންވަރު އެވެ. މިއީ އެމަނިކުފާނު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގެ ތެރެއިން މި މަހުގެ ފުރަތަމަ ދަތުރެވެ.

މުއިއްޒުއާއެކު މި ދަތުރުގައި ވެސް ވަޒީރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އާއި ބައެއް އެހެން ކުންފުނިތަކުގެ ވެެރިން ވެސް އެ ދަތުރުގައި ބައިވެރިވި އެވެ.

މި ދަތުރުގައި ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ އަދި މީދޫ އަށް މުއިއްޒު އާއި ސަރުކާރުގެ ވެރިން ވަޑައިގަންނެވި އެވެ. ދަތުރުގެ ތެރެއިން އެ ރަށްރަށަށް ވެފައިވާ ތަރައްގީގެ ވައުދުތައް ތަކުރާރުކުރެއްވުމާއި، ބައެއް މަޝްރޫއުތައް ހަވާލުކޮށް އެހެން މަޝްރޫއުތަކުގެ ބިންގާ އެޅުމަށް ރަސްމިއްޔާތުތައް ވެސް ބޭއްވި އެވެ.

އެގޮތުން ފުވައްމުލަކުގައި މުއިއްޒު ވަނީ ބީއެމްއެލްގެ ޑޮލަރު އޭޓީއެމް އެއް ހުޅުއްވާފަ އެވެ. އަދި މި ދަތުރުގެ ތެރެއިން އައްޑޫ ގަމުގައި އެމްއެންޑީއެފް އިން ގާއިމުކުރި އެއާ ސްޓޭޝަން ހުޅުވައިދެއްވާ، އަލަށް ގެނައި ޑްރޯންތައް ވެސް މުއިއްޒު ބައްލަވާލެއްވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވަމުން އަންނަ ދަނޑިވަޅުގައި މުއިއްޒު އަންނަނީ ރާއްޖޭގެ އެކި އަތޮޅުތަކަށް ޒިޔާރަތް ކުރައްވައި އައު ވައުދުތަކެއް ވަމުންނެވެ.

ނަމަވެސް ރައީސް އޮފީހުން ބުނަނީ އެއީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރެއް ކަމަށެވެ.

މުއިއްޒު ރާއްޖޭގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުގެ ތަފުސީލު ހާމަކުރަން ރައީސް އޮފީހުން ވަނީ ދެކޮޅު ހަދާފަ އެވެ.