6 ނޮވެންބަރު 2025 - 07:14 1
އަމަން ހަލީމް
ލަންޑަނުގައި ކުރިއަށް ދިޔަ ސިޓިޒަންޝިޕް ކޮންފަރެންސުގައި ސައީދު ވާހަކަ ދައްކަވަނީ: މި ޕްރޮގްރާމު ރަސްމީކޮށް ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޭޕްރިލްއިން ފެށިގެން --- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
6 ނޮވެންބަރު 2025 - 07:14 1
ރާއްޖޭގައި އިންވެސްޓުކޮށްގެން ދިރިއުޅެވޭ ގޮތަށް ހިންގާ، "ދަ މޯލްޑިވްސް ޕާލް ރެޒިޑެންސް" ގެ ނަމުން ނަން ދެވިފައިވާ ރެޒިޑެންސީ ބައި އިންވެސްޓުމަންޓު ޕްރޮގްރާމު މުޅި ދުނިޔެއަށް ރަސްމީކޮށް އިއްޔެ އިއުލާންކޮށްފި އެވެ.
މިކަން ކުރީ ލަންޑަނުގައި މިހާރު ކުރިއަށްދާ 19 ވަނަ ގްލޯބަލް ސިޓިޒަންޝިޕް ކޮންފަރެންސުގައި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ، މިއީ އިގުތިސޯދު ސިންދަފާތުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވަން ރައީސް މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ކުރެވުނު މަސައްކަތެއް ކަމަށެވެ.
"ދަ މޯލްޑިވްސް ޕާލް ރެސިޑެންސުން ތަމްސީލުކުރަނީ ޒިންމާދާރު އިންވެސްޓްމަންޓު ކުރުމުގެ އާ ޒަމާނެއް، އަދި އީޖާދީ އަދި ދެމެހެއްޓެނިވި ގޮތެއްގައި، ދުރު ރާސްތާގައި އަގު ލިބޭ ގޮތަށް ގުޅިލާމެހޭ ފުރުސަތުތަައް އާލާކޮށްދޭ." އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
މުއްސަނދިންނަށް ރާއްޖޭގައި ގެދޮރު ގަނެގެން ދިރިއުޅެވޭ ގޮތަށް ހިންގާ މި ޕްރޮގްރާމު ރަސްމީކޮށް ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޭޕްރިލްގަ އެވެ.
މި ޕްރޮގްރާމް ފުރަތަމަ އިއުލާންކުރީ މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ. އެ ދުވަހު ދިވެހި ސަރުކާރުން ވަނީ މި ޕްރޮގްރާމް ފަރުމާކުރަން އިނގިރޭސިވިލާތުގެ އަމިއްލަ ކޮންސަލްޓަންސީ ފާމެއް ކަމަށްވާ ހެންލީ އެންޑް ޕާޓްނާސްއާ ހަވާލުކޮށްފަ އެވެ.
މިއީ މިހާރު ވެސް ދެމުން އަންނަ ކޯޕަރޭޓް ރެޒިޑެންސީ ވިސާ އިތުރަށް ފުޅާކުރުމަށް، ސެޕްޓެމްބަރު، 2024 ގައި ސަރުކާރުން ނިންމި ނިންމުމެއްގެ ދަށުން ފެށި މަސައްކަތެކެވެ.
ރެޒިޑެންސީ ވިސާ އިމިގްރޭޝަންގެ ގާނޫނުގައި ހިމެނީ އޭރު އޮތް އެމްޑީޕީގެ ސަރުކާރުން އިމިގްރޭޝަން ގާނޫނަށް ގެނައި ބަދަލަކާ އެކު ނޮވެމްބަރު 25, 2020 ގަ އެވެ. އޭގެ ކުރިން އެ ވިސާ ދެމުންދިޔައީ ރާއްޖޭގައި މަދުވެގެން 50 މިލިއަން ޑޮލަރު އިންވެސްޓު ކުރާ މީހުންނަށެވެ.
އެމްޑީޕީ ސަރުކާރުގައި ގާނޫނަށް ގެނައި ބަދަލާއެކު، 250,000 ޑޮލަރު އިންވެސްޓު ކުރާ މީހުންނަށް މި ވިސާ ލިބޭނެ މަގު ފަހި ވެގެން ދިޔަ އެވެ. އަދި، ރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250,000 ޑޮލަރު ފަސް އަހަރުގެ މުއްދަތަށް ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި ބަހައްޓައި، ދިވެހިރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ވެސް ކޯޕަރޭޓް ރެޒިޑެންޓް ވިސާ ދެވޭނެ ގޮތަށް ހެދި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment