Advertisement

އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރަން "ބިޔަ، ބޮޑު" މަޝްރޫއެއް ހިންގަނީ

5 ނޮވެންބަރު 2025 - 23:13 0

އަމަން ހަލީމް

އަމަން ހަލީމް

މުއިއްޒު އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ: ސަރުކާރުން ހިންގާ މަޝްރޫއާއެކީ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް މުއިއްޒު ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް


އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރަން "ބިޔަ، ބޮޑު" މަޝްރޫއެއް ހިންގަނީ

5 ނޮވެންބަރު 2025 - 23:13 0

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރަން އެކި ތާރީހުތައް ދިނުމަށް ފަހު، އެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން "ބިޔަ، ބޮޑު" މަޝްރޫއެއް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކާއި އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އައްޑޫ ސިިޓީގައި ހިމެނޭ ރަށްތަކުގެ ރައްޔިތުންނާ އެކީ ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވަނީ މިހާތަނަށް ސަރުކާރުން ކުރި މަސައްކަތުން އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ނުކުރެވުނު ކަމަށް އިއުތިރާފުވެވަޑައިގެންފަ އެވެ.

"[ކަރަންޓު ކެނޑޭ މައްސަލަ] ހައްލުކުރުމުގައި ކުދިކުދި ކަންކަން ކޮށްގެން ވާން އޮތް ކަމެއް ނޫން އެއީކީއެއް. މިއަދާ ހަމައަށް އަޅުގަނޑުމެންނަށް އަށެއްކަ ޖެން ސެޓު ގެނެވިއްޖެ. އެހެން ނަމަވެސް އަދިވެސް މުޅިން މި ކަމަކަށް ހިތްހަމަޖެހޭ ވަރުގެ ހައްލެއް ނާދޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިމެނޭހެން އައްޑޫ ސިޓީގައި ހިމެނޭ ހިތަދޫ އާއި މަރަދޫ އާއި މަރަދޫފޭދޫގެ އިތުރުން ފޭދޫގެ ކަރަންޓުގައި، 30 މެގަވޮޓުގެ ކެޕޭސިޓީ ގާއިމުކުރަން ނިންމާފައިވާ ކަމަށެވެ. އަދި މި ޕްރޮޖެކްޓާ އެކީ، އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ، ވަށާޖެހޭ ހައްލެއް ލިބިގެން ދާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވި އެވެ.

މީގެ ކުރިން މި ޕްރޮޖެކްޓުގެ ވާހަކަ އެއްވެސް ތަނެއްގައި ނަން ގަނެފައި ނެތް ނަމަވެސް މުއިއްޒު ވިދާޅުވީ އެ ޕްރޮޖެކްޓުގެ އިދާރީ އަދި ފަންނީ އެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި. ވަކި ތާރީހެއް ދިނުމެއް ނެތި އެމަނިކުފާނު ވަނީ ވަރަށް އަވަހަށް އެ މަސައްކަތް ހަވާލުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

"ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ އެ މަސައްކަތް ހަވާލުކުރެވި، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ހަމަ ވީހާ ވެސް އަވަހަކަށް ޖަނަރޭޓަރުތަކާއި ޕަވާހައުސް އަޕްގްރޭޑު ކުރުމާއި، މިހެން ހުރި ހުރިހާ ކަމެއް. އަދި މިހާރު ހުރި ސެޓަޕުގެ ތެރޭގައި ރަނގަޅުކުރެވެން ހުރި ކަންކަން ރަނގަޅުކުރުމަށް،" މުއިއްޒު ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރަން ބޮޑު ޕްރޮޖެކްޓެއް ފަށާނެ ކަމަށް މިރޭ މުއިއްޒު ވިދާޅުވިއިރު، މަޖިލިސް އިންތިހާބުގެ ކުރިން ހަމަ މި ކަހަލަ ޕްރޮޖެކްޓެއް ޗައިނާގެ ޑޮންފަންގް އިލެކްޓްރިކްއާ މަޝްރޫއެއް ހަވާލުކުރި އެވެ.

މި ޕްރޮޖެކްޓަކީ 32 މެގަވޮޓުގެ ޕަވާ ޕްލާންޓަކާއެކު ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑު ކުރަން ވެގެން ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުން ހިންގަން ހަވާލުކުރި ޕްރޮޖެކްޓެކެވެ. ނަމަވެސް އެޑްވާންސުގެ ގޮތުގައި ފަސް ލައްކަ ޑޮލަރު ނެގުމަށް ފަހު މި ޕްރޮޖެކްޓަށް ވީނުވީއެއް ނޭނގެ އެވެ.

އައްޑޫގެ ކަރަންޓު ކެނޑުމުގެ މައްސަލަ ދިގުލައިގެން ގޮސް އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މިހާރު ވެސް ދޭތެރެދޭތެރެއިން ފެނަކައިން އަންނަނީ ކަރަންޓު ކަނޑަމުންނެވެ.