Advertisement

ރިކޯޑު ހެދުމަށް 200 ޕްރޮޖެކްޓެއްގައި މާދަމާ ސޮއި ކުރަނީ، ބިލިއަނުން ލޯނު ދެނީ ބީއެމްއެލްއިން

5 ނޮވެންބަރު 2025 - 23:45 1

އަހުމަދު އާއިދު

އަހުމަދު އާއިދު


ރިކޯޑު ހެދުމަށް 200 ޕްރޮޖެކްޓެއްގައި މާދަމާ ސޮއި ކުރަނީ، ބިލިއަނުން ލޯނު ދެނީ ބީއެމްއެލްއިން

5 ނޮވެންބަރު 2025 - 23:45 1

ރިކޯޑެއް ހެދުމުގެ ނިޔަތުގައި ސަރުކާރުގެ 205 ޕްރޮޖެކްޓެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމަށްޓަކައި ސޮއިކުރުމުގެ ރަސްމިއްޔާތު މާދަމާ ބާއްވަން ނިންމައިފި އެވެ.

އައްޑޫ ހިތަދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ މާދަމާ މާލޭގައި ބާއްވާ ރަސްމީއްޔާތެއްގައި 205 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރާނެ ކަމަށެވެ. ފުވައްމުލަކާއި އައްޑޫ ދަތުރުގެ ތެރެއިން އަށް މަޝްރޫއެއް ވެސް އަމިއްލަ ކުންފުނިތަކާ ހަވާލު ކުރެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މާދަމާ ސޮއިކުރާ މަޝްރޫއުތަކުގެ ތެރޭގައި ސިއްހީ، ތައުލީމީ، ކުޅިވަރު، އަމަން އަމާންކަން، އެހެން ދާއިރާތަކުގެ މަޝްރޫއުތައް ހިމެނޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"މިއިން ކޮންމެ މަޝްރޫއުއަކީ ވެސް އަޅުގަނޑު ވެފައި ހުރި ވައުދެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

މި ވެރިކަން ފެށުނު ފަހުން ހުރިހާ މަޝްރޫއުއެއްހެން ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށް، އަމިއްލަ ކުންފުނިތައް ބަނގުރޫޓުވުމުގެ ތުންފަތް މައްޗަށް ގެންދިޔުމަށް ފަހު، މުއިއްޒު މިރޭ ވިދާޅުވީ މާދަމާ ހަވާލުކުރާ މަޝްރޫއުތަކުގެ ސަބަބުން "ކޮންސްޓަރަކްޝަން އިންޑަސްޓްރީ ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ" ކަމަށެވެ.

އަމިއްލަ ކުންފުނިތަކާއެކު ސޮއިކުރުމުގެ ރަސްމިއްޔާތު އޮންނާނީ ބާސެލޯ ނަސެންދުރާގައި މާދަމާ ހެނދުނު 10:00 ގަ އެވެ.

އިތުބާރު ކުރެވޭ މަސްދަރުތަކުން ކިޔައިދިން ގޮތުގައި 205 މަޝްރޫއު ހަވާލު ކުރަނީ ގާތްގަނޑަކަށް 60 ކުންފުންޏަކާ އެވެ. ބީލަމަށް ނުލައި، ބޭނުންވާ ބަޔަކަށް މަޝްރޫއު ހަވާލުކުރާއިރު، ފައިސާ ހަމަޖައްސައި ދެނީ ބީއެމްއެލްއިނެވެ.

"ސަރުކާރާއި އަމިއްލަ ކޮމްޕެނީ އާއި ބީއެމްއެލްއާ ދެމެދު ހެދޭ އެއްބަސްވުމެއް އޮންނާނީ. ސަރުކާރުން ދޭ ޔަގީންކަމުގެ މައްޗަށް ބީއެމްއެލްއިން މި މަޝްރޫއުތަކަށް ލޯނު ދެނީ،" އަދަދު ނޫހާ ވާހަކަ ދެއްކި ސަރުކާރުގެ އޮފިޝަލަކު ބުންޏެވެ.

އެ ލޯނު ދޫކުރަނީ ނުވަ ޕަސެންޓު އިންޓްރަސްޓު ރޭޓުގައި ކަމަށްވެ އެވެ.

ދޫކުރާ ލޯނުތަކުގެ ޖުމުލަ އަދަދު އެތައް ބިލިއަން ރުފިޔާ އަކަށް އަރާނެ ކަމަށް ބެލެވޭއިރު، މި މަޝްރޫއުތަކަށް ހިނގާނެ ޖުމުލަ ހަރަދު ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ހަމައެކަނި ރިކޯޑެއް ހެދުމުގެ ބޭނުމުގައި ބީލަމަށް ވެސް ނުލައި ޕްރޮޖެކްޓުތަކެއް ބަހާލަން ނިންމިއިރު، ވަޒީރުންގެ މަޖިލީހުން ބޭނުންވާ ޕްރޮޖެކްޓުތައް ބީލަމަކަށް ނުލައި އެވޯޑު ކުރެވޭ ގޮތަށް އޮކްޓޯބަރު 12، ގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ވަނީ އިސްލާހުކޮށްފަ އެވެ.

މިބަދަލު ގެނައުމަށް ފަހު މުއިއްޒު މިރޭ ވިދާޅުވީ މަޝްރޫއުތައް ހަވާލު ކުރަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށެވެ.

ސަރުކާރުން ރިކޯޑެއް ހަދަން މަސައްކަތް ކުރާއިރު، ގައުމުގެ އިގްތިސާދު އޮތީ ނިކަން ނާޒުކު ހާލަތެއްގަ އެވެ. މި ސަރުކާރު ވެރިކަމަށް އައި ފަހުން ޕްރައިވެޓް ކޮންޓްރެކްޓަރުންނަށް ފައިސާ ދިނުން އޮތީ މަޑުޖައްސާލައިފަ އެވެ. އެ ފައިސާ ދިނުމަށް މިހާރު ފައިސާ ޗާޕު ކުރަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ސަރުކާރުން ޕްރޮޖެކްޓު ހަވާލު ކުރުމުގެ ރިކޯޑުތަކަށް ބަލާއިރު، އެންމެ ގިނައިން މިހާތަނަށް ޕްރޮޖެކްޓު ހަވާލު ކުރީ އިންޑިއާގެ މަދްޔާ ޕްރަދޭޝުގެ ރޫރަލް ޑިވެލޮޕްމަންޓު މިނިސްޓަރު ގޯޕާލް ބަރްގާވާ އެވެ. ސެޕްޓެމްބަރު 17، 2023، ގައި އޭނާ ވަނީ 2551 ޕްރޮޖެކްޓު ހަވާލުކޮށްފަ އެވެ. އެކަމަކު އެއީ ގިނިސް ވޯލްޑް ރިކޯޑުން ބަލަހައްޓާ ރިކޯޑެއް ނޫނެވެ.