Advertisement

ފުވައްމުލަކުގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމްއެއް ހުޅުވައިފި

4 ނޮވެންބަރު 2025 - 21:40 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު ފުވައްމުލަކު ޑޮލަރު އޭޓީއެމް ހުޅުވައިދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް


ފުވައްމުލަކުގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމްއެއް ހުޅުވައިފި

4 ނޮވެންބަރު 2025 - 21:40 1

ފުވައްމުލަކު ސިޓީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު އޭޓީއެމް އެއް ހުޅުވައިފި އެވެ.

މިއަދު ހަވީރު މި އޭޓީއޭމް ރަސްމީކޮށް ހުޅުވައިދެއްވީ، ރައީސް މުހައްމަދު މުއިއްޒު މިހާރު އެ ރަށަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން، އެމަނިކުފާނެވެ.

ބީއެމްއެލް އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މި އޭޓީއެމްގެ ސަބަބުން އަމިއްލަ ބޭނުމަށާއި ވިޔަފާރި ބޭނުމަށް ބޭނުންވާ ބޭރު ފައިސާ ލިބުމަށް މިހާރު ފުވައްމުލަކުގައި ހުރި ދަތިތައް ނެތިގެންދާނެ ކަމަށެވެ. އަދި އެ ސިޓީގެ އިގުތިސޯދު އިތުރަށް ކުރިއަރާ ދާނެ ކަމަށް ވެސް ބޭންކުން ބުނެފައިވެ އެވެ.

ފުވައްމުލަކަކީ ރާއްޖޭގައި ގެސްޓްހައުސް ޓޫރިޒަމް އެންމެ ކުރިއަރާފައިވާ އެއް ސިޓީ އެވެ. އެ ރަށުގެ ގުދުރަތީ ރީތަކަމާއި ވަށައިގެން ޖަމަވާ މިޔަރުތައް ދުނިޔޭގެ ސަމާލުކަމަށް އައިސް ކޮންމެ އަހަރަކު އެތައް ހާސް ޓޫރިސްޓުންނެއް އެ ރަށަށް ޒިޔާރަތްކުރެ އެވެ.

ލޯކަލް ޓޫރިޒަމާއެކު ފުވައްމުލަކުގައި އަމިއްލަ އެތައް ވިޔަފާރިއެއް ވެސް އުފެދިފައިވެ އެވެ. މި އިގުތިސޯދީ ހަގީގަތްތަކާއެކު އެ ސިޓީ ހިމެނެނީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ބޭރު ފައިސާ ވިޔަފާރީގެ އަދި އަމިއްލަ އާމްދަނީގެ ގޮތުގައި ލިބޭ އެއް ސަރަހައްދަށެވެ.

މުއިއްޒު އަތޮޅު ތެރެއަށް ކުރައްވާ ދަތުރުތަކުގެ ތެރެއިން ކުރައްވާ މައިގަނޑު ކަމަކީ ގިނަ ރަށްރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ހުޅުވަން ރިބަން ކެނޑުން ކަމަށް ބުނެ ކުރިމަތިވަމުންދާ ފާޑުކިޔުންތަކަށް އެމަނިކުފާނު ވަނީ ރައްދު ދެއްވާފަ އެވެ.

އޮގަސްޓު މަހު ހދ. އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިން ނެއްލައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އޭޓީއެމް ބެހެއްޓުމަކީ އާދައިގެ ކުޑަ ކަމެއް ނޫން ކަމަށެވެ.