4 ނޮވެންބަރު 2025 - 13:33 0
އަހުމަދު އާއިދު
މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ފޮތް މެންބަރަކު ކިޔުއްވަނީ: ބަޖެޓަށް ބަހުސްކުރަން ކޮންމެ މެންބަރަކަށް 22 މިނެޓު ދޭން ކޮމިޓީން ވަނީ ފާސްކޮށްފަ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
4 ނޮވެންބަރު 2025 - 13:33 0
މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަން ކޮންމެ މެންބަރަކަށް 22 މިނެޓު ދޭން ކޮމިޓީން ފާސްކޮށްފި އެވެ.
މިއަދު ބޭއްވި މަޖިލީހުގެ އާންމު ކޮމިޓީން ނިންމީ މި އަހަރަށް ކަނޑައެޅި ބަޖެޓުގެ ބަހުސް މަރުހަލާގައި ވެސް ދިން އަދަދަށް މި އަހަރު ވެސް މެންބަރުންނަށް ފުރުސަތު ދިނުމަށެވެ.
އެއީ ބަޖެޓަށް ބަހުސް ކުރެއްވުމަށް 15 މިނެޓު އަދި ބަޖެޓު ރިޕޯޓަށް ބަހުސް ކުރެއްވުމަށް އިތުރު ހަތް މިނެޓެވެ. މީގެ އިތުރުން، މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަށް 45 މިނެޓުގެ ފުރުސަތެއް ދިނުމަށް ވެސް ކޮމިޓީން މިއަދު ފާސްކުރި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ .64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ. ފިނޭންސުން ލަފާކުރާ ގޮތުގައި އަންނަ އަހަރު 43 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ އެވެ. އަދި ހަރަދަކީ 57 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން އަންނަ އަހަރު ހަރަދުތައް ފޫބައްދަން 14 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ އެވެ.
މި އަހަރެކޭ އެއްގޮތަށް އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ވެސް ވަކިވަކި މަޝްރޫއުތަކުގެ ތަފުސީލުތަކެއް ނެތެވެ. ބަޖެޓާއި ބަޖެޓާ ގުޅިގެން އެހެން އަހަރުތަކުގައި އާންމުކުރާ މައުލޫމާތުތައް ވެސް ފިނޭންސުން މިހާތަނަށް އެ މިނިސްޓްރީގެ ވެބްސައިޓުގައި ހާމަކޮށްފައެއް ނުވެ އެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހަށް ބަޖެޓު ހުށަހެޅުއްވި ޖަލްސާ ނިމުމުން، މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށަހެޅީ މި އަހަރަށްވުރެ ކުޑަ ބަޖެޓެއް ކަމަށެވެ. މި އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކުރީ 56.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ނަމަވެސް، އާންމު އުސޫލުން ބޭރާއި އެތެރޭގެ ލޯނުތައް ހިމެނޭހެން ދައުލަތުން ކުރާ ހުރިހާ ހަރަދަކީ ބަޖެޓުގެ ތެރޭގައި ގުނޭނެ އަދަދުތަކެވެ. ބަޖެޓުގެ ވަކި ބައިބައި އުނިކޮށްގެން ބަޖެޓު ގުނާ ނަމަ އެއް އަހަރާއި އަނެއް އަހަރުގެ ބަޖެޓު އަޅާ ކިޔޭނެ ހަމަޖެހޭ އުސޫލެއް ނޯންނާނެ އެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެ 62 ޕަސެންޓަކީ ރިކަރަންޓު ހަރަދެވެ. ރިކަރަންޓު ހަރަދުގެ ގޮތުގައި ޖުމްލަ ބަޖެޓުގެ 39.9 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެ އެވެ. މީގެ ތެރޭގައި މި ފަހުން ރައީސް މުހައްމަދު މުއިއްޒު ބޮޑުކުރަން ނިންމި މުވައްޒަފުންގެ މުސާރަ ހިމެނޭ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
Comment