Advertisement

އެމެރިކާއިން ހިންގާ އަސްކަރީ ތަމްރީނެއްގައި ދިވެހި ސިފައިން ބައިވެރިވަނީ

3 ނޮވެންބަރު 2025 - 14:12 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓް ވޯކް: އިސްމާއިލް އިމްދާދު/އަދަދު


އެމެރިކާއިން ހިންގާ އަސްކަރީ ތަމްރީނެއްގައި ދިވެހި ސިފައިން ބައިވެރިވަނީ

3 ނޮވެންބަރު 2025 - 14:12 1

އެމެރިކާގެ އަސްކަރިއްޔާއިން މިއަދުން ފެށިގެން މި މަހުގެ 17 އާއި ހަމައަށް ކުރިއަށް ގެންދާ ތަމްރީނެއްގައި ދިވެހި ސިފައިން ބައިވެރިވެއްޖެ އެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދަނީ އެމެރިކާގެ ހަވާއީ ސްޓޭޓުގެ ރަށްތަކާއި ފިލިޕީންސްގެ ރަށެއްގަ އެވެ. މި ތަމްރީނުގައި ދިވެހި ސިފައިން ބައިވެރިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ ހަވާއީގެ ނޫހަކުންނެވެ.

އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި "ޖޮއިންޓް ޕެސިފިކް މަލްޓިނޭޝަނަލް ރެޑިނެސް ސެންޓާއިން ކުރިއަށް ގެންދާ މި ތަމްރީނުގައި އެމެރިކާ އާއި ރާއްޖޭގެ އިތުރުން ސިންގަޕޫތު، ތައިލެންޑު، މެލޭޝިއާ، ފްރާންސް އަދި ނިއުޒިލޭންޑުގެ ސިފައިން ބައިވެރިވާނެ އެވެ.

މި ތަމްރީނުގައި އެއްގަމު މަގުން އަދި ވައިގެ މަގުން ހަނގުރާމަ ކުރާނެ އުކުޅުތައް ދަސްކުރާނެ އެވެ. އަދި، ޑްރޯން އާއި އަސްކަރީ ވައިގެ އުޅަނދުތައް ބޭނުންކޮށްގެން އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ގޮތުގެ އެކި ތަމްރީނުތައް ވެސް މި ދެ ހަފުތާ ސިފައިން ދަސްކޮށް، ފަރިތަކުރާނެ އެވެ.

އެމެރިކާ އާއެކު ދިވެހި ސިފައިން ކުރާ ތަމްރީނާއި ގުޅޭގޮތުން މިހާތަނަށް ދިވެހި އަސްކަރިއްޔާއިން އަދި ޑިފެންސް މިނިސްޓްރީން ވެސް ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.

އެމެރިކާއިން ޗައިނާއާ ދެކޮޅަށް ހަނގުރާމައެއް ފަށަން ޖެހިއްޖެ ނަމަ އެފަދަ ހަނގުރާމައަކަށް ތައްޔާރުވާން މިދިޔަ އަހަރު ބޭއްވި ތަމްރީނެއްގައި ވެސް ދިވެހި ސިފައިން ބައިވެރިވި އެވެ.

އެމެރިކާއާއެކު ޖުމްލަ 10 ގައުމަކުން ބައިވެރިވި އެ ތަމްރީނު ކުރިއަށް ގެންދިޔައީއޮކްޓޯބަރު 7، 2024 އިން ފެށިގެން ހަވާއީ، އެލަސްކާ އަދި ޕަލާއޫގަ އެވެ. އެ ތަމްރީނުގައި ބައިވެރިވި ގައުމުތަކަކީ އެމެރިކާ، ދިވެހިރާއްޖެ، އިނގިރޭސިވިލާތް، ޖަޕާން، މެލޭޝިޔާ، ތައިލެންޑް، އިންޑޮނީޝިއާ، ނިއު ޒީލެންޑް، އޮސްޓްރޭލިއާ އަދި ކެނެޑާ އެވެ.

އެ ތަމްރީނަކީ ޗައިނާއާއެކު ހަނގުރާމައަކަށް ދާންޖެހިއްޖެ ނަމަ އެފަދަ ހާލަތަކަށް ތައްޔާރުވާން ބޭއްވި ތަމްރީނެއްކަން އެމެރިކާއިން ރަސްމީކޮށް ނުބުނެ އެވެ. އެކަމަކު، އެ ގައުމުގައި ހިންގާ އެންމެ ވަރުގަދަ އެއް ނޫސް ނިއު ޔޯކް ޓައިމްސް އިން ވަނީ އެކަން ކަށަވަރު ކުރުމަށްފަހު ރިޕޯޓްކޮށްފަ އެވެ. އެ ލިޔުމަށް އެމެރިކާގެ އޮފިޝަލުން ރަސްމީކޮށް މައުލޫމާތު ދީފައި ހުއްޓެވެ.

ހަވާއީގައި ބޭއްވި ތަމްރީނުގައި ރާއްޖެއިން ބައިވެރިވިއިރު، ޗައިނާއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ޑިވެލޮޕްމަންޓް ޕާޓްނަރެވެ. ސިނަމާލެ ބްރިޖު އިމާރާތް ކުރުމުގެ އިތުރުން އެއާޕޯޓުގެ ތަރައްގީއަށް ވެސް ޗައިނާއިން ދަނީ އެހީތެރިވަމުންނެވެ. ރާއްޖެއަށް އެންމެ ގިނައިން ލޯނު ދީފައިވާ ދެ ގައުމުގެ ތެރޭގައި ވެސް ޗައިނާ ހިމެނެ އެވެ.

ރާއްޖެ އާއި އެމެރިކާ އާއި ދެމެދު އޮންނަ އަސްކަރީ އަދި އެހެނިހެން ގުޅުންތައް އިތުރަށް ބަދަހިކުރަން މި ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެކަމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑު ވެސް ކިޔަމުންނެވެ.

އެ ފާޑުކިޔުންތައް އަމާޒުވާ މައިގަނޑު ސަބަބަކީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގައި އެމެރިކާއިން ވާގިވެރިވުމެވެ. އަދި އިޒްރޭލަށް ކޮންމެ އަހަރަކު އެތައް ބިލިއަން ޑޮލަރެއްގެ އަސްކަރީ އެހީ އާއި ހަތިޔާރު ފޯރުކޮށްދިނުމެވެ.