Advertisement

ޕޮގްބާ އަށް އަނިޔާގެ އާ މައްސަަލަ އެއް

3 ނޮވެންބަރު 2025 - 10:47 0


ޕޮގްބާ އަށް އަނިޔާގެ އާ މައްސަަލަ އެއް

3 ނޮވެންބަރު 2025 - 10:47 0

މޮނާކޯ (ނޮވެމްބަރު 3) - މަނާބޭހުގެ މައްސަލައެއްގައި ކުޅުމާ ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނަން ޖެހިފައިވާ ފްރާންސްގެ މިޑްފީލްޑަރު، ޕައުލް ޕޮގްބާ އަށް އަނިޔާގެ އާ މައްސަލަ ދިމާވެ، ކުޅުމަށް އެނބުރި އައުން މަޑުޖެހިއްޖެ އެވެ.

މަނާބޭހާ ގުޅޭ ސަސްޕެންޝަނަކާ ހެދި 18 މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހުނު ޕޮގްބާ، 32، މޮނާކޯއާ އެކު، މިދިޔަ ޖޫން މަހު ސޮއިކުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

ފިޓްނަސް ލެވަލް ރަނގަޅުކޮށް، ޕޮގްބާގެ ކަންކަން މޮނާކޯގެ ފިޓްނަސް ކޯޗުންގެ ޓީމުން ބަލަމުން އައިއިރު، މިދިޔަ މަހު 18 ވަނަ ދުވަހު މޮނާކޯ އިން އެންޖާސްއާ ކުޅޭ މެޗުގައި ޕޮގްބާ ބޭނުންކުރަން ޕްލޭންކުރި އެވެ. އެކަމަކު، މަސްގަނޑަށް ދިމާވި ކުޑަ އަނިޔާއެއްގެ ސަބަބުން އެންޖާސް މެޗުގައި ޕޮގްބާ ބޭނުންނުކުރަން ނިންމީ އެވެ.

އޭގެ ފަހުން، މިދިޔަ ހޮނިހިރު ދުވަހު ޕެރިސް އެފްސީ އަތުން މޮނާކޯ ބަލިވި މެޗުގައި، ޕޮގްބާ ބޭނުންކުރަން އެ ޓީމުން ރޭވި އެވެ. އެހެން ނަމަވެސް، ބުރާސްފަތި ދުވަހު، ޓްރެއިނިންގެ ތެރެއިން ކުޑަހުޅަށް ލިބުނު އަނިޔާއަކާ ހެދި ޕޮގްބާ އަށް މި ހަފްތާގެ މެޗުގައި ވެސް ނުކުޅެވުނެވެ.

މޮނާކޯގެ ކޯޗު ސެބަސްޓިއަން ޕޮކޮންޔޯލީ ބުނީ، މި ހަފްތާ ތެރޭގައި ޕޮގްބާގެ އިތުރު ޓެސްޓްތަކެއް ހަދާނެ ކަމަށާއި މެޗުތަކުގައި ކުޅެވޭނެ ތާރީހެއް އެނގޭނީ ޓެސްޓްތަކުގެ ތަފްސީލަށް ފަހު ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ އެކަޑަމީއިން ވިދާލި ޕޮގްބާ ވަނީ އެ ޓީމަށާއި އިޓަލީގެ ޔުވެންޓަސް އަށް ދެ ފަހަރެއްގެ މަތިން ކުޅެފަ އެވެ. މަނާ ބޭހުގެ މައްސަލާގައި އޭނާ ފުރަތަމަ ވަގުތީ ގޮތުން ސަސްޕެންޑުކުރީ 2023 ގެ ސެޕްޓެމްބަރު މަހު އެވެ. ވަގުތީ ސަސްޕެންޝަނުގައި ހުއްޓާ ދެ ވަނަ ފަހަރަށް ނެގި ސާމްޕަލް ވެސް ވަނީ، މަނާބޭހުގެ ގޮތުގައި ލިސްޓުކޮށްފައިވާ ޓެސްޓޯސްޓެރޯން އަށް ޕޮޒިޓިވްވެފަ އެވެ. އެއާއެކު ޕޮގްބާ އަށް ހަތަރު އަހަރުގެ ސަސްޕެންޝަނެއް އައި ނަމަވެސް ޕޮގްބާގެ ފަރާތުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް)ގައި ޕޮގްބާގެ ފަރާތުން ރަޖިސްޓްރީކޮށް، ކުރިއަށްގެންދިޔައިރު، ކާސް އިން ނިންމީ ޕޮގްބާގެ ސަސްޕެންޝަން 18 މަސް ދުވަަހަށް ކުޑަކޮށްދިނުމަށެވެ.

މަނާބޭހަށް ސަސްޕެންޑްކުރިއިރު، ޕޮގްބާ، ޔުވެންޓަސް ކޮންޓްރެކްޓްގައި ހުރި ނަމަވެސް، މިދިޔަ އަހަރު ނޮވެމްބަރު މަހު، އެ ޓީމުން ވަނީ އެ އެއްބަސްވުން އުވާލައިފަ އެެވެ. މޮނާކޯއާ ގުޅުމަށް ފަހު، ޕޮގްބާގެ އެންމެ ބޮޑު ޓާގެޓަކީ، އަންނަ އަހަރުގެ ވޯލްޑް ކަޕަށް ދާ ފްރާންސް ސްކޮޑުން ޖާގަ ހޯދުމެވެ.