މޮނާކޯ (އޮކްޓޫބަރު 12) - މަނާބޭހުގެ މައްސަލައެއްގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުުގައި ހުުރުމަށް ފަހު، މި ފަހަރު ފްރާންސްގެ މޮނާކޯއާ ގުޅުނު މިޑްފީލްޑަރު، ޕައުލް ޕޮގްބާ އަލުން މެޗުތަކުގައި ކުޅެން އެނބުރި އައުން ފަސްވެފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.
މަނާބޭހާ ގުޅޭ ސަސްޕެންޝަނަކާ ހެދި 18 މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހުނު ޕޮގްބާ، 32، މޮނާކޯއާ އެކު، މިދިޔަ ޖޫން މަހު ސޮއިކުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.
ފިޓްނަސް ލެވަލް ރަނގަޅުކޮށް، ޕޮގްބާގެ ކަންކަން މޮނާކޯގެ ފިޓްނަސް ކޯޗުންގެ ޓީމުން ބަލަމުން އައިއިރު، މި މަހު 18 ވަނަ ދުވަހު މޮނާކޯ އިން އެންޖާސްއާ ކުޅޭ މެޗުގައި ޕޮގްބާ ބޭނުންކުރަން ޕްލޭންކުރި އެވެ. އެކަމަކު، މަސްގަނޑަށް ދިމާވި ކުޑަ އަނިޔާއެއްގެ ސަބަބުން އެންޖާސް މެޗުގައި ޕޮގްބާ ބޭނުންނުކުރަން ވަނީ ނިންމައިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި، މި މަހު މޮނާކޯ އިން ކުޅޭ މެޗެއްގައި ޕޮގްބާ ފެނުމުގެ ފުރުސަތު ކުޑަ އެވެ. އެކަމަކު، މޮނާކޯގެ އޮފިޝަލުން އެ އަށް ސީދާ ޖަވާބެއް ދޭން ބޭނުމެއް ނުވެ އެވެ.
މެންޗެސްޓާ ޔުނައިޓެޑުގެ އެކަޑަމީއިން ވިދާލި ޕޮގްބާ ވަނީ އެ ޓީމަށާއި އިޓަލީގެ ޔުވެންޓަސް އަށް ދެ ފަހަރެއްގެ މަތިން ކުޅެފަ އެވެ. މަނާ ބޭހުގެ މައްސަލާގައި އޭނާ ފުރަތަމަ ވަގުތީ ގޮތުން ސަސްޕެންޑުކުރީ 2023 ގެ ސެޕްޓެމްބަރު މަހު އެވެ. ވަގުތީ ސަސްޕެންޝަނުގައި ހުއްޓާ ދެ ވަނަ ފަހަރަށް ނެގި ސާމްޕަލް ވެސް ވަނީ، މަނާބޭހުގެ ގޮތުގައި ލިސްޓުކޮށްފައިވާ ޓެސްޓޯސްޓެރޯން އަށް ޕޮޒިޓިވްވެފަ އެވެ. އެއާއެކު ޕޮގްބާ އަށް ހަތަރު އަހަރުގެ ސަސްޕެންޝަނެއް އައި ނަމަވެސް ޕޮގްބާގެ ފަރާތުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް)ގައި ޕޮގްބާގެ ފަރާތުން ރަޖިސްޓްރީކޮށް، ކުރިއަށްގެންދިޔައިރު، ކާސް އިން ނިންމީ ޕޮގްބާގެ ސަސްޕެންޝަން 18 މަސް ދުވަަހަށް ކުޑަކޮށްދިނުމަށެވެ.
މަނާބޭހަށް ސަސްޕެންޑްކުރިއިރު، ޕޮގްބާ، ޔުވެންޓަސް ކޮންޓްރެކްޓްގައި ހުރި ނަމަވެސް، މިދިޔަ އަހަރު ނޮވެމްބަރު މަހު، އެ ޓީމުން ވަނީ އެ އެއްބަސްވުން އުވާލައިފަ އެެވެ. މޮނާކޯއާ ގުޅުމަށް ފަހު، ޕޮގްބާގެ އެންމެ ބޮޑު ޓާގެޓަކީ، އަންނަ އަހަރުގެ ވޯލްޑް ކަޕަށް ދާ ފްރާންސް ސްކޮޑުން ޖާގަ ހޯދުމެވެ.
Comment