Advertisement

ބަޖެޓު 2026: އަސްކަރީ ހަރަދުތަކަށް 2.8 ބިލިއަން ރުފިޔާ ހިމަނައިފި

1 ނޮވެންބަރު 2025 - 12:16 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓް ވޯކް: އިސްމާއިލް އިމްދާދު/އަދަދު


ބަޖެޓު 2026: އަސްކަރީ ހަރަދުތަކަށް 2.8 ބިލިއަން ރުފިޔާ ހިމަނައިފި

1 ނޮވެންބަރު 2025 - 12:16 0

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޖުމްލަ ބަޖެޓުގެ ހަތަރު ޕަސެންޓު އަސްކަރީ ކަންކަމަށް ހަރަދުކުރަން ބަޖެޓުކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި އަސްކަރީ ދިފާއަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 2.8 ބިލިއަން ރުފިޔާ އެވެ. މިއީ މި އަހަރުގެ ބަޖެޓަށްވުރެ 456 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީގެ ތެރޭގައި އެމްއެންޑީއެފްގެ ބަޖެޓާއި ދިފާއީ އިންފްރާސްޓަކްޗާ ގާއިމުކުރުމަށް ޕީއެސްއައިޕީ ބަޖެޓުން ހަރަދުކުރާ ފައިސާ ހިމެނެ އެވެ.

ޕީއެސްއައިޕީ ބަޖެޓުން ދިފާއި ކަންކަމަށް ހަރަދުކުރުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައިވަނީ 247 މިލިއަން ރުފިޔާ އެވެ. މި އަަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި ދިފާއީ ކަންކަމަށް ހަރަދުވާނެ ކަމަށް ހިމަނާފައިވަނީ 85 މިލިއަން ރުފިޔާ އެވެ.

އެމްއެންޑީއެފްގެ ބަޖެޓަށް ބަލާއިރު މި އަހަރަށްވުރެ މަދުން ހިމަނާފައިވަނީ އެގްޒެކެޓިވް އަދި އިދާރީ ހިދުމަތްތަކަށް ދާނެ ކަމަށް ލަފާކުރާ ހަރަދާއި ފަންކްޝަނަލް ކޮމާންޑްސްގެ ހަރަދެވެ. ދެން ހުރި ހުރިހާ ކަމަކަށް ވެސް މި އަހަރަށްވުރެ އަންނަ އަހަރަށް ލަފާކުރާ ހަރަދު ބޮޑެވެ.

އެމްއެންޑީއެފްގެ ބަޖެޓު ބެހިފައިވާ ގޮތް

  • އެގްޒެކެޓިވް އަދި އިދާރީ ހިދުމަތްތައް - 377 މިލިއަން ރުފިޔާ (މި އަހަރު 440 މިލިއަން ރުފިޔާ)
  • ކޮމްބެޓް އެންޑް މެނޫވާ ފޯސެސް - 910 މިލިއަން ރުފިޔާ (މި އަހަރު 769 މިލިއަން ރުފިޔާ)
  • ލޮޖިސްޓިކް ސަޕޯޓް ހިދުމަތްތައް - 1.5 ބިލިއަން ރުފިޔާ (މި އަހަރު 1.2 ބިލިއަން ރުފިޔާ)
  • ފަންކްޝަނަލް ކޮމާންޑްސް - ދެ މިލިއަން ރުފިޔާ (މި އަހަރު 4.2 މިލިއަން ރުފިޔާ)
  • ކޮމްބެޓަންޓް ކޮމާންޑްސް - 78 މިލިއަން ރުފިޔާ (މި އަހަރު 50 މިލިއަން ރުފިޔާ)

ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އަސްކަރިއްޔާއަށް ބޮޑެތި ހަރަދުތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން އަސްކަރިއްޔާއަށް ގަނެފައިވާ ޑްރޯން ތަކާއި ޓޭންކަރުތައް އަދި ތުރުކީން ހަދިޔާކުރި މަނަވަރު ދުއްވުމަށް ދާ ހަރަދުތައް ހިމެނެ އެވެ.

ތުރުކީގެ ބައިކާރު ކުންފުންޏާއެކު 37 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދައިގެން ފުރަތަމަ އަސްކަރީ ޑްރޯންތަކެއް ގެނައީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. އޭރު ގެނައި ޑްރޯންތަކުގެ އަދަދެއް ޔަގީނެއް ނޫނެވެ. އެއަށްފަހު މިދިޔަ މަހު އެމްއެންޑީއެފްގެ ބޭނުމަށް ހަމަ އެ ކުންފުނިން އިތުރު ތިން ޑްރޯން ވަނީ ގެނެސްފަ އެވެ. ދެ ފަހަރު މަތިން ވެސް ގެނައީ ބައިކާރު ކުންފުނިން އުފައްދާ ބައިރަކްތާރު ޓީބީ-2 މަރުކާގެ ޑްރޯން ތަކެކެވެ.

ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އަސްކަރިއްޔާއަށް "ޓޭންކަރުތަކެއް" ގަތީ މި އަހަރުގެ ކުރީކޮޅު އެވެ. އެޕްރީލް މަހު އެމްއެންޑީއެފްގެ ބޭނުމަށް ގަނެގެން ގެނައީ ޔޫއޭއީ ސަރުކާރުގެ ޑިފެންސް ކުންފުންޏެއް ކަމަށްވާ އެޖް ގްރޫޕުން އުފައްދާ އަޖްބާން މަރުކާގެ 'އަޖްބާން 442އޭ' ވެހިކަލްތަކެކެވެ.

އަސްކަރިއްޔާގެ ބޭނުމަށް މިފަދަ ފަސް ވެހިކަލެއް ގެނެސްފައިވާއިރު، މި ތަކެއްޗަށް ހަރަދުކުރީ ކިހިނެއް ކަމެއް ނޫނީ މިއީ ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ތަކެތި ކަމަށް ސަރުކާރުން ނުބުނު އެވެ. މާކެޓު އަގުތަކުން ހިސާބުކުރާއިރު، މި ވެހިކަލްތައް ގަތުމަށް ދައުލަތުގެ ބަޖެޓުން 3.5 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ބެލެވެ އެވެ. އެއީ 54 މިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ކުރީކޮޅު ތުރުކީން ރާއްޖެއަށް ހަދިޔާކުރި 44 އަހަރުވީ ޑޮލްގަން ކްލާސްގެ ޓީސީޖީ ވޮލްކަން ނުވަތަ ދިވެހި އަސްކަރިއްޔާއިން ދީފައިވާ ނަމުންނަމަ "ދަރުމަވަންތަ" މަނަވަރަށް ހަރަދުތަކަށް ވެސް ބޮޑެތި އަދަދުތަކެއް އަރާނެ ކަމަށް ބެލެވެ އެވެ.