Advertisement

ހޯރަފުށީގެ ތަރައްގީއަށް ކޮށްދެއްވި ކަންތައްތަކުގެ އަގުވަޒަންކޮށް ސޯލިހުއަށް އެވޯޑެއް އަރުވައިފި

31 އޮކްޓޯބަރު 2025 - 10:34 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހޯރަފުށީގައި ރޭ ބޭއްވި ހާއްސަ ޖަލްސާގެ ތެރެއިން ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުއަށް އެވޯޑެއް އަރުވަނީ --- ފޮޓޯ: އެމްޑީޕީ


ހޯރަފުށީގެ ތަރައްގީއަށް ކޮށްދެއްވި ކަންތައްތަކުގެ އަގުވަޒަންކޮށް ސޯލިހުއަށް އެވޯޑެއް އަރުވައިފި

31 އޮކްޓޯބަރު 2025 - 10:34 0

އެމްޑީޕީގެ ވެރިކަމުގައި ހއ. ހޯރަފުށީގެ ތަރައްގީއަށް ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު ކޮށްދެއްވި ކަންތައްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ރަށު ރައްޔިތުންގެ ފަރާތުން ހާއްސަ އެވޯޑެއް އެމަނިކުފާނަށް އަރުވައިފި އެވެ.

ހޯރަފުށި ދުވަސް ފާހަގަކުރަން ރޭ އެ ރަށުގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި ސޯލިހުއަށް އެރުވީ ސިރީ ނަވަރަންނަ އައްޑަނަ އެވޯޑެވެ. އެއީ ހޯރަފުށީގެ އެންމެ ޝަރަފުވެރި އެވޯޑެވެ. އެ އެވޯޑު ސޯލިހުއަށް އެރުވީ ހޯރަފުށި ކައުންސިލްގެ ރައީސް، މުހައްމަދު ވަހީދު އެވެ.

ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ ސޯލިހުއަކީ ހޯރަފުށީގެ ބާނީ އަދި އެ ރަށު ތަރައްގީގެ ހަގީގީ "ކިންގު" ކަމަށެވެ. އެ ވެރިކަމުގައި އެތައް މިލިއަން ރުފިޔާގެ މަޝްރޫއުތައް ފެށި ހޯރަފުށި ބަދަލުވެގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަނިކުފާނުގެ ވެރިކަމުގައި މި ރަށް ދިޔައީ ތިޔާގިވެ ކުރިއަރައިގެން، ވަޒީފާގެ ދޮރުކޮޅުތައް އިންތިހާއަށް ހުޅުވިގެން، ތަރައްގީ އާއި ތަމައްދުންގައި މި ރަށް ދިޔައީ ރޯޝަންވެ އުޖާލާވެގެން، އާދެ! ލޮބުވެތި ރައީސް، ހޯރަފުށީގެ މުސްތަގުބަލަށްޓަކައި މަނިކުފާނު ގެނެސްދެއްވި ބިޔަ މަޝްރޫއުތަކުގެ ހަގީގީ ތަރައްގީގެ އަގުވަޒަން ކުރާނެ ގޮތެއް ނެތް،" ވަހީދު ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި އެކި ދާއިރާތަކުން ހޯރަފުށްޓަށް ހިދުމަތްކޮށްދިން އަދި މަތީ ވަނަތައް ހާސިލުކުރި ހޯރަފުށީ ރައްޔިތުންނަށް އިނާމު ދިނުން ވެސް އޮތެވެ.

ހޯރަފުށި ރަށްވެހިންގެ އަގުވަޒަން ކުރުމުގެ ގޮތުން ހޯރަފުށި ދުވަސް ފާހަގަކުރަން ކުރީ 2022 ވަނަ އަހަރު އެވެ.