1 ނޮވެންބަރު 2025 - 11:42 1
އަހުމަދު އާއިދު
މިދިޔަ އަހަރުގެ ރޯދަ މަހު ސަރުކާރުން ބެހި ކާޑު ހޯދަން ބަޔަކު ގަލޮޅު ދަނޑުގައި ހެދި ޑިސްޓްރިބުއުޝަން ސެންޓަރުގައި --- ފޮޓޯ: އަދަދު
1 ނޮވެންބަރު 2025 - 11:42 1
މިދިޔަ ރޯދަމަހު ސަރުކާރުން ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ބަހަން ދައުލަތުގެ ބަޖެޓުން 111 މިލިއަން ރުފިޔާ ހަރަދުކުރިކަން އެނގިއްޖެ އެވެ.
"ރޯދަ ހަދިޔާ" ގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ބަހަން ނިންމައި އެކަން ރައީސް މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ނޮވެމްބަރު 17، 2024، ގައި ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާއެއްގަ އެވެ.
މި އަހަރު މަސްދަޅު ބަހަން ކުރި ހަރަދު ހާމަވީ އަންނަ އަހަރަށް ލަފާކޮށް ބުރާސްފަތި ދުވަހު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުންނެވެ. ބަޖެޓުގައި ސްޓޭޕަލް ފުޑް ސަބްސިޑީގެ ދަށުން މިފްކޯއިން ދޫކުރާ މަސްދަޅު އަގުހެޔޮ ކުރުމަށް ސަރުކާރުން 111,805,270ރ. ހަރަދުކުރި ކަމަށް ބުނެފައިވެ އެވެ.
މިކަމަށް ހަރަދުވީ ބަޖެޓުން ފެންނަން އޮތް ވަރަށްވުރެ މަދު އަދަދެއް ކަމަށް ވެސް ފިނޭންސާއި ހަވާލާދީ ޕީއެސްްއެމް އިން ރިޕޯޓުކޮށްފައިވެ އެވެ. ޕީއެސްއެމް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މަސްދަޅު ކޭސް ބެހުމަށް ހަރަދުވީ 81 މިލިއަން ރުފިޔާ އެވެ. ބަޖެޓުގައިވާ ގޮތުން މިއީ 20 މިލިއަން ރުފިޔާގެ ތަފާތެކެވެ.
އެކަމަކު، އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި މަސްދަޅު ބަހަން ފައިސާ ހިމަނާފައެއް ނުވެ އެވެ. މި އަހަރު މަސްދަޅު ބެހިއިރު ވެސް އެކަން ކުރީ ބަޖެޓުގައި ޖަހައިގެނެއް ނޫނެވެ. އޭގެ ކުރިން 2024 ވަނަ އަހަރުގެ ރޯދަ މަހު ސަރުކާރުން ވަނީ ކަރަންޓު ބިލުތަކަށް 142 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފަ އެވެ.
ދައުލަތުގެ މީޑިއާއަށް ފިނޭންސް މިނިސްޓްރީން ހިއްސާކުރި ތަފާސްހިސާބުތަކަށް ހަވާލާދީ އެ މީޑިއާއިން ބުނެފައިވަނީ މިދިޔަ ރޯދައާއި ދިމާކޮށް ބެހީ 111،231 މަސްދަޅު ކޭހެވެ. އެއީ މާލޭގެ ގޭބިސީތަކަށް 50،519 ކޭހާއި އަތޮޅު ތެރެއަށް 60،712 ކޭހެވެ.
Comment