Advertisement

ވަގުފްގެ ދާއިރާއަށް އިންވެސްޓްކުރުމަށް ބީއެލްއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

30 އޮކްޓޯބަރު 2025 - 15:05 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވަގުފްގެ ދާއިރާއަށް އިންވެސްޓްކުރުމަށް އިސްލާމިކް މިނިސްޓްރީ އާއި ބީއެލްއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ


ވަގުފްގެ ދާއިރާއަށް އިންވެސްޓްކުރުމަށް ބީއެލްއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

30 އޮކްޓޯބަރު 2025 - 15:05 0

ވަގުފްގެ ދާއިރާއަށް އިންވެސްޓް ކުރުމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

އިސްލާމިކް ސެންޓަރުގެ ކޮންފަރެންސް ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އެވެ. ބީއެމްއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ޝަރީފް އެވެ.

އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ ދާރުއްސަލާމް އިމާރާތާއި މާލޭގައި އިމާރާތްކުރާ ދާރުލް އަރުކަމްއަށް ބޭނުންވާ އެހީތެރިކަން އިސްލާމިކް ފައިނޭންސްގެ އުސޫލުން ހަމަޖައްސަން ބޭންކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަހީމް ވިދާޅުވީ ލާރި ނެތިގެން ހުއްޓިފައި ހުރި ވަގުފް މަޝްރޫއުތަކަށް ބީއެމްއެލްއިން އެހީތެރިވުމަށް ނިންމި ނިންމުމަކީ ވަރަށް އިސްތިރާޖީ ރަނގަޅު ނިންމުމެއް ކަމަށެވެ.

"ހަގީގަތުގައި މިކަންކަން ހުއްޓިފައި ނުވަތަ ފެށުން ލަސްވެފައި މި ހުންނަނީ ވަގުފް މަޝްރޫއުތައް ލާރި ނެތީމަ. ކޮންމެވެސް ފަރާތަކުން އެހީވެގެން މިބާވަތުގެ ކަންކަން ފެށެނީ. ފެށުމަށްފަހުގައި ދެން އެ ގާއިމުކުރެވޭ ޕްރޮޕަޓީ ނުވަތަ މަޝްރޫއުއަކުން އެހެން މަޝްރޫއުތައް އުފެދިގެން މިދަނީ. އެހެންވީމަ މިއީ ވަރަށް ވެސް ރަނގަޅު ފެށުމެއް،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ބީއެމްއެލްއާއެކު ހެދި އެއްބަސްވުމުގެ ދަށުން މަޝްރޫއުތަކަށް އިސްލާމީ އުސޫލުތަކުގެ ދަށުން ފައިނޭންސް ފެސިލިޓީތައް ފަހިވެގެންދާނެ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ އިސްލާމިކް މިނިސްޓްރީއާއެކު ހެދި އެއްބަސްވުމަކީ އިޖުތިމާއީ ދާއިރާއާ ވަރަށް ބޮޑަށް ގުޅިފައިވާ، އިސްލާމިކް ސޯޝަލް ފައިނޭންސިން ދާއިރާ އަދި ޖުމްލަކޮށް އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އެގޮތުން އެއްބަސްވުމުގެ ދަށުން ވަގުފްތައް ތަރައްގީ ކުރުމަށް މާލީ ގޮތުންނާއި އިސްތިރާޖީ ގޮތުން ބީއެމްއެލްގެ އިސްލާމިކް ވިންޑޯ މެދުވެރިކޮށް މަސައްކަތްތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.