Advertisement

މި އަހަރާއި އަންނަ އަހަރު ވެސް ފަސް ޕަސެންޓަށް ވުރެ މަތިން އިގުތިސޯދު ކުރިއަރާނެ: ފިނޭންސު

30 އޮކްޓޯބަރު 2025 - 13:36 0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގައި ޓޫރިސްޓުންތަކެއް: އިގުތިސޯދީ ދުވެލި ހިފަހައްޓަމުން ދަނީ ޓޫރިޒަމް ސިނާއަތް ރަނގަޅުކަމުން --- ފޮޓޯ: އެމްއޭސީއެލް


މި އަހަރާއި އަންނަ އަހަރު ވެސް ފަސް ޕަސެންޓަށް ވުރެ މަތިން އިގުތިސޯދު ކުރިއަރާނެ: ފިނޭންސު

30 އޮކްޓޯބަރު 2025 - 13:36 0

މި އަހަރާއި އަންނަ އަހަރު ވެސް ފަސް ޕަސެންޓަށް ވުރެ މަތިން އިގުތިސޯދު ކުރިއަރާނެ ކަމަށް އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓުގައި ފިނޭންސް މިނިސްޓަރީން އަންދާޒާކޮށްފި އެވެ.

ފިނޭންސުން ލަފާކުރަނީ އަންނަ އަހަރު ރިއަލް ޖީޑީޕީ ކުރިއެރުން ހުންނާނީ 5.4 ޕަސެންޓުގައި ކަމަށެވެ. އަދި އަންނަ އަހަރު ރިއަލް ޖީޑީޕީ ކުރިއަރާނީ 5.3 ޕަސެންޓުގައި ކަމަށެވެ.

ސަރުކާރުން އިގުތިސޯދީ ކުރިއެރުން މިހާ މަތިން އަންދާޒާ ކުރި ނަމަވެސް މަރުކަޒީ ބޭންކު، އެމްއެމްއޭ އާއި ބޭރުގެ އިދާރާތަކުން ވެސް ލަފާކުރަނީ ޖީޑީޕީ ކުރިއަރާނީ 4.5 ޕަސެންޓު ކަމަށެވެ. މިއީ ތާރީހީ އެވަރެޖު ކަމުގައިވާ ފަސް ޕަސެންޓަށް ވުރެ ދަށް އަދަދެކެވެ.

ދިވެހި އިގުތިސޯދުގެ އެންމެ ބޮޑު ބަޔަކީ ޓޫރިޒަމް ސިނާއަތެވެ. އެހެން ސިނާއަތްތަކުގެ ހަރަކާތްތެރިކަމާއި ކުރިއެރުން ވެސް ގުޅެނީ މި ސިނާއަތާ އެވެ. އޭގެ ތެރޭގައި އިމާރާތްކުރުމާއި ދަތުރުފަތުރާއި ކޮމިއުނިކޭޝަން ފަދަ އިގުތިސޯދުގައި މުހިންމު ރޯލެއް އަދާކުރާ ސިނާއަތްތައް ހިމެނެ އެވެ.

މި އަހަރަކީ ވެސް ޓޫރިޒަމް ރަނގަޅު އަހަރެކެވެ. އަދި ކުރީ އަހަރާ އަޅައިބަލާއިރު، މި އަހަރުގެ ހުރިހާ މަސްތަކުގައި ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު އިތުރެވެ. ޓޫރިޒަމް މިނިސްޓްރީގެ އެންމެ އަދާހަމަ ހިސާބުތަކުން ދައްކާ ގޮތުގައި ހޯމަ ދުވަހުގެ ނިޔަލަށް 1.8 މިލިއަނަށް ވުރެ ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ. މިއީ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 9.9 ޕަސެންޓު އިތުރު އަދަދެކެވެ.

ޓޫރިސްޓުންގެ އަދަދު މި ވަރަށް އިތުރުވީ ނަމަވެސް، ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރާ ރޭތަކުގެ އަދަދު (ބެޑް ނައިޓްސް) މި ނިސްބަތަށް އިތުރު ނުވެ އެވެ. މިދިޔަ އަހަރަށް ވުރެ ބެޑްނައިޓްސް އިތުރުވީ އެންމެ ދެ ޕަސެންޓެވެ.

އަންދާޒާ ކުރާ ވަރަށް އިގުތިސޯދު ކުރި ނޭރި ނަމަވެސް، އިގުތިސޯދީ ދުވެލި ހުރީ ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފައި ކަމަށް އެމްއެމްއޭއިން ގަބޫލުކުރެ އެވެ. އަދި ޓޫރިޒަމްގެ ހަރަކާތެރިކަމުގެ މަންފާ ނަގައި، ކުރިއަށް އޮތް މުއްދަތުގައި ވެސް އިގުތިސޯދީ ހަރަކާތްތެރިކަން ރަނގަޅު މިންވަރެއްގައި ކުރިއަރަމުން އަންނާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.