Advertisement

ބޭރުގެ ގައުމުތަކަށް މުއިއްޒު ކުރެއްވި ދަތުރުތަކުގެ ހަރަދު ހާމަކުރަން ރައީސް އޮފީހުން ދެކޮޅު ހަދައިފި

2 ނޮވެންބަރު 2025 - 09:44 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު އެސްޓޯނިއާއަށް ކުރެއްވި ދަތުރުގެ ތެރެއިން: ބޭރުގެ ގައުމުތަކަށް މުއިއްޒު ކުރި ތުރުތަކުގެ ހަރަދު ހާމަކުރަން ރައީސް އޮފީހުން ދެކޮޅު ވަނީ ދެކޮޅު ހަދާފަ ---- ފޮޓޯ: ރައިސް އޮފީސް


ބޭރުގެ ގައުމުތަކަށް މުއިއްޒު ކުރެއްވި ދަތުރުތަކުގެ ހަރަދު ހާމަކުރަން ރައީސް އޮފީހުން ދެކޮޅު ހަދައިފި

2 ނޮވެންބަރު 2025 - 09:44 0

ރައީސް މުހައްމަދު މުއިއްޒު އެންމެ ފަހުން ބޭރުގެ ގައުމުތަކަށް ކުރެއްވި ހަތަރު ދަތުރުގެ ހަރަދުތައް ހާމަކުރަން ރައީސް އޮފީހުން ދެކޮޅު ހަދައިފި އެވެ.

ބޭރު ގައުމުތަކަށް ރައީސް އާއި ނައިބު ރައީސް ކުރައްވާ ދަތުރުތަކުގެ ހަރަދު، ދަތުރު ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރާނެ ކަމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ. އެކަން އިއުލާނު ކުރެއްވީ ޑިސެމްބަރު 2، 2023، ގައި މުއިއްޒު ތުރުކީ އަދި ޔޫއޭއީ އަށް ކުރެއްވި ދަތުރަށްފަހު މާލެ ވަޑައިގެން އެއާޕޯޓުގައި ހުންނަވައި ވާހަކަ ދައްކަވަމުންނެވެ.

ނަމަވެސް، މި އަހަރު އޭޕްރީލް މަހަށްފަހު އެމަނިކުފާނު ހަތަރު ގައުމަކަށް ކުރެއްވި ދަތުރުތަކުގެ ހަރަދުތައް ރައީސް އޮފީހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެ ތަފުސީލުތައް ހާމަނުކުރާ ސަބަބެއް ވެސް ރައީސް އޮފީހުން ނުބުނެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި ނޫހުން ބޭރު ހަތަރު ދަތުރުގެ ހަރަދުތަކުގެ ތަފުސީލަށް އެދުނީ ސެޕްޓެމްބަރު 21، ގަ އެވެ. ގާނޫނުން ޖަވާބު ދިނުމަށް ފުރަތަމަ ލިބޭ 21، ދުވަހުގެ މުއްދަތު ހަމަވުމުން ޖަވާބު ދިނުމުގެ ބަދަލުގައި ރައީސް އޮފީހުން ވަނީ ގާނޫނުގެ ދަށުން ޖަވާބު ދިނުމަށް ލިބޭ މުއްދަތު އިތުރު 14 ދުވަހަށް އިތުރުކޮށްފަ އެވެ.

ރައީސް އޮފީހުން އަމިއްލައަށް އިތުރުކުރި މުއްދަތު މިދިޔަ ހަފުތާ ހަމަވެފައިވާއިރު، މިއަދާ ހަމައަށް ވެސް މުއިއްޒުގެ ދަތުރުތަކުގެ ހަރަދުތަކުގެ އެއްވެސް ތަފުސީލެއް އަދި ހުށަހެޅި އާރުޓީއައި އަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ. މި މައްސަލަ މި ނޫހުން މިހާރު ވާނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅައިފަ އެވެ.

ހަރަދު ހާމަނުކުރާ ދަތުރުތަކުގެ ތެރޭގައި ހިމެނެނީ މި އަހަރު މުއިއްޒު ޗައިނާ، އިނގިރޭސިވިލާތް، މެލޭޝިއާ އަދި ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުތަކުގެ އެވެ.

މި އަހަރު ތެރޭގައި މުއިއްޒު ވަނީ ބޭރުގެ ގައުމުތަކަށް ހަ ދަތުރެއް ކޮށްފަ އެވެ. އެއީ އިނގިރޭސިވިލާތަށް ކުރެއްވި ދެ ދަތުރާއި ސިންގަޕޫރު، މެލޭޝިއާ، ޗައިނާ، އަދި އެސްޓޯނިއާއަށް ކުރެއްވި ދަތުރެވެ. މީގެތެރެއިން ސިންގަޕޫރަށް ވަޑައިގެންނެވީ އަނބިކަނބަލުން ސާޖިދާ މުހައްމަދުއާ އެކު އެވެ.

މުއިއްޒުގެ ހުރިހާ ދަތުރެއްގައި ގިނަ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން އަދި ބައެއް މަޖިލިސް މެންބަރުން ހިމެނޭ ބޮޑެތި ވަފުދުތަކެއް ބައިވެރިވެ އެވެ. ބައެއް ދަތުރުތަކުގައި ސަރުކާރުގެ ހަރަދުގައި މީޑިއާތައް ވެސް ގެންގޮސްފައިވެ އެވެ.