Advertisement

ހުލާސާކޮށް އިއްޔެ: ބީއެމްއެލް ސިޔާސީވުން ދިފާއުކުރުން

30 އޮކްޓޯބަރު 2025 - 06:13 0


ހުލާސާކޮށް އިއްޔެ: ބީއެމްއެލް ސިޔާސީވުން ދިފާއުކުރުން

30 އޮކްޓޯބަރު 2025 - 06:13 0

ރަނގަޅު ސިޔާސަތެއްގެ ދަށުން ހިންގާ ތަރައްގީގެ ޕްރޮޖެކްޓުތަކާއި އާންމު ފަރުދުންގެ ކުރިއެރުމަށް ބޭންކުން އެއްބާރުލުން ދިނުމަކީ ސިޔާސީވުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ބުނެ ބޭންކަށް އަމާޒުވާ ފާޑުކިޔުންތަކަށް ބޭންކް އޮފް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ޝަރީފް ރައްދު ދެއްވި އެވެ.

ބީއެމްއެލްގެ ހިދުމަތްތަކެއް އިފުތިތާހު ކުރަން އިއްޔެ ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ބޭންކު ސިޔާސީވެފައިވާ ކަމަށް ބުނެ ބަޔަކު ވާހަކަދައްކަމުން ދިޔަ ނަމަވެސް، ބީއެމްއެލްއިން އަމަލު ކުރަމުން ދަނީ ރަނގަޅު ސިޔާސަތެއްގެ ދަށުން ބޭންކު ހިންގަން ކަމަށެވެ.

"އާދެ، ބޭންކު ސިޔާސީ ވެއްޖެކަމަށް ބުނެ ބަޔަކު ދައްކާ ވާހަކަތަކާ ގުޅޭ ގޮތުން ވެސް އެއްޗެއް ދަންނަވައިލަން އަޅުގަނޑު ބޭނުން، ރަނގަޅު ސިޔާސަތެއްގެ ދަށުން ހިންގޭ ތަރައްގީގެ ޕްރޮޖެކްޓުތަކަށާއި އާންމު ފަރުދުންގެ ކުރިއެރުމަށް ހަރުދަނާ ބޭންކިން އުސޫލުތަކުގެ ދަށުން ބޭންކުން ކަންތައްތައް ކުރުމަކީ އެއީ ސިޔާސީވުން ކަމަށް އަޅުގަނޑު ނުދެކެން،" ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލްއަށް އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ބޭރުގައި ކިޔަވާ ކުދިންނަށާއި ވިޔަފާރިތަކަށް ދޫކުރާ ޑޮލަރު ލިމިޓު އިތުރުކުރުމާއި ގެދޮރު ގަތުން ފަދަ ކަންކަމަށް ފައިނޭންސް ލޯނު ދޫކުރުމުގައި ލުއި ގޮތްތައް ހަމަޖެއްސުމާއި ރަށްރަށުގައި އޭޓީއެމް ބެހެއްޓުމަކީ ރަނގަޅު ސިޔާސަތަކަށް ސަޕޯޓު ދިނުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ކުރިން މި ދެންނެވި ކަންތައްތަކަކީ ސަރުކާރުން އިސްނަގާފައިވާ ކަންކަމަށް ވާތީވެ ނުވަތަ އެކަންކަން ކުރުމުން ސަރުކާރަށް ރީތި ނަން ލިބޭ ކަންކަމަށް ވާތީވެ، އެކަން ބޭންކުން ނުކުރަން ގަދަ ދެއްކުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެއީ ސިޔާސީވުން ކަމަށް ވެސް ބެލިދާނެ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރު ނިންމައިލާނީ ބީއެމްއެލްއަށް އެންމެ ރަނގަޅު އަހަރުގެ ގޮތުގައި ކަމަށާއި އެކަން މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ރިޕޯޓުން ބޭންކުގެ ހިއްސާދާރުންނަށް ޔަގީންވާނެ ކަމަށެވެ.

ބޭންކުގެ ބޯޑުން މަސައްކަތް ކުރަނީ ފަރުވާތެރިކަމާއި ފުރިހަމަ މިނިވަންކަމާއެކު ކަމަށް ޝަރީފް ވިދާޅުވި އެެވެ.

މުހިއްމު ބައެއް ހަބަރު