Advertisement

ފުލުހުންގެ ފޮޓޯއެއް ނެގި މައްސަލައިގައި ހުސައިންގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރަން ފޮނުވައިފި

29 އޮކްޓޯބަރު 2025 - 16:24 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު، ހުސައިން ހަސަން -- ފޮޓޯ: އަދަދު


ފުލުހުންގެ ފޮޓޯއެއް ނެގި މައްސަލައިގައި ހުސައިންގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރަން ފޮނުވައިފި

29 އޮކްޓޯބަރު 2025 - 16:24 0

މާލޭގެ އާންމު ތަނެއްގައި ފުލުހުން އޮޕަރޭޝަނެއް ހިންގި ވަގުތު ފޮޓޯއެއް ނެގި މައްސަލައިގައި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު، ހުސައިން ހަސަންއަށް ޖިނާއީ ދައުވާއެއް ކުރަން ފޮނުވައިފި އެވެ.

ހުސައިން އަދަދު އާ ވާހަކަ ދައްކަމުން ބުނީ އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން މައްސަލަ ފޮނުވާފައިވާކަން އެ އިދާރާއިން މިއަދު އެންގި ކަމަށެވެ.

"އަޅުގަނޑަށް ދައުވާ ކުރަން ޕީޖީ އޮފީހަށް މައްސަލަ ފޮނުވިކަމަށް ދެންމެ ފުލުހުން އަންގައިފި. ދައުވާ ކުރަން އުޅެނީ ފުލުހުންގެ ޑްރަގް އޮޕަރޭޝަނެއްގެ ފޮޓޯ ނެގި މައްސަލާގައި،" ހުސައިން ބުންޏެވެ.

ހުސެއިން ބުނީ އޭނާގެ މައްޗަށް ފުލުހުން ކުރަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ގައިގައި ޖަހައި މާރާމާރީ ހިންގުމުގެ ތުހުމަތު ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ހުސައިން ގެންދިޔައީ ސެޕްޓެމްބަރު 10، ގައި ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި މީހަކު ހައްޔަރުކުރި ވަގުތު އެތަނުގައި ހުރެފައި ހުސައިން ފޮޓޯއެއް ނެގުމުން، އެ ފޮޓީ ޑިލީޓު ކުރަން އެންގުމުން ވެސް ފޮޓޯ ޑިލީޓު ނުކޮށް އިތުރު ފޮޓޯ ނަގަން އުޅުމުންނެވެ.

ހުސައިންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ފުލުހުން ވަނީ އޭނާގެ މައްޗަށް ޖިނާއީ 14 ކުށެއްގެ ތުހުމަތުކޮށް އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައި ދިނުމަށް އެދިފަ އެވެ.

މަންޒަރު ދުށް މީހުން މި ނޫހަށް މައުލޫމާތު ދިން ގޮތުގައި ފުލުހުން އޮޕަރޭޝަން ހިންގަމުން ދިޔައީ ސަރަހައްދު ވަކިކުރަން ޓޭޕު ދަމައިގެންނެއް ނޫނެވެ. ހާމަކޮށް މަގުމަތީގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ފޮޓޯ ނެގުމަކީ ޖިނާއީ ކުށެއް ކަމަށް ބަލައި މީހަކު ހައްޔަރު ނުކުރެވޭނޭ ކަމަށް ހުސައިންގެ ވަކީލުން ކޯޓުގައި ބުނެފައިވެ އެވެ.

ފުލުސް އޮފީހަށް ބަޔާން ދިނުމަށްފަހު ނުކުމެ، ނޫސްވެރިންނަށް މައުލޫމާތު ދެމުން ހުސައިން ބުނީ ފުލުހުން ކުރާ ތުހުމަތުތަކަށް ބަލައިލީމަ އެނގުނީ އޭނާގެ ވާޖިބަށް ހުރަސްއެޅީ ފުލުހުންކަން ކަމަށެވެ.

"ފުލުހުން ވިދާޅުވަނީ ފުލުހުންގެ ވާޖިބަށް އަޅުގަނޑު ހުރަސް އެޅީއޭ. އެ ބޭފުޅުން ކުރި ތުހުމަތުތައް ބަލާލީމަ އެނގުނީ ހަގީގަތުގައި އަޅުގަނޑުގެ ވާޖިބަށް އެބޭފުޅުން ހުރަސް އެޅީ. އެއީ އަޅުގަނޑުމެންނަކީ އިދިކޮޅު ޕާޓީގައި ތިބެ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް އަޅުގަނޑުމެން މިކުރަނީ. އެބޭފުޅުން ކުރާ ކަންތައްތަކަށް ފާރަވެރިވެ މިތިބީ،" އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން މީޑިއާތަކާ ވާހަކަދައްކަވަމުން ހުސައިންގެ ގާނޫނީ ވަކީލު، އިބްރާހިމް ޝިޔާން ވިދާޅުވީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅުމުގެ ގޮތުން ހުސައިން ކޮށްފައިވާ އަމަލަކީ ސީންއެއްގެ ފޮޓޯ ނެގުން ކަމަށާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ އަމަލެއް ގޮތުން ހުސައިން ކޮށްފައި އޮތް ކަމަކީ އެ ފޮޓޯ ޑިލީޓް ނުކުރުންކަން ތަހުގީގުގައި ދޭހަވި ކަމަށެވެ.