Advertisement

މުއިއްޒުގެ ދަތުރުގެ ތެރެއިން ޗައިނާއާއެކު ސޮއިކުރި 11 ފަހުމުނާމާގެ ތަފުސީލު މަޖިލީހަށް ވެސް ނުދިން

29 އޮކްޓޯބަރު 2025 - 09:38 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރައީސުލްޖުމްހޫރިއްޔާ، މުހައްމަދު މުއިއްޒު އަރިހުގައި ފޮރިން މިނިސްޓަރު، އަބްދުالله ހަލީލް -- ފޮޓޯ: ރައީސް އޮފީސް


މުއިއްޒުގެ ދަތުރުގެ ތެރެއިން ޗައިނާއާއެކު ސޮއިކުރި 11 ފަހުމުނާމާގެ ތަފުސީލު މަޖިލީހަށް ވެސް ނުދިން

29 އޮކްޓޯބަރު 2025 - 09:38 0

ރައީސުލްޖުމްހޫރިއްޔާ، މުހައްމަދު މުއިއްޒު މިދިޔަ ސެޕްޓެމްބަރު މަހު އެ ޗައިނާއަށް ކުރެއްވި ދަތުރުގެ ތެރެއިން އެ ގައުމުގެ ސަރުކާރާއެކު ސޮއިކުރި 11 ފަހުމުނާމާގެ ތަފުސީލު ހޯދަން މަޖިލީހުން އެދުމުން އެ މައުލޫމާތު ފަހުން ދޭނެ ކަމަށް ފޮރިން މިނިސްޓަރު، އަބްދުالله ހަލީލް ވިދާޅުވެއްޖެ އެވެ.

ޗައިނާ ސަރުކާރާއެކު ދިވެހިރާއްޖެއިން ސޮއިކުރި ފަހުމުނާމާތަކުގެ ކޮޕީ ލިޔުމުން ހޯދުމަށް ފޮރިން މިނިސްޓަރު އަރިހުން އެދުނީ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު، އަހުމަދު ޝާކިރު އެވެ.

އެ ސުވާލުގެ ޖަވާބުގައި މަޖިލީހަށް ހަލީލް ފޮނުއްވި ސިޓީގައި ވިދާޅުވީ އެ މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.

"ހަވާލާދީފައިވާ ސިޓީގައި ދަންނަވާފައިވާ ފަހުމުނާމާތަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އިތުރަށް މަޝްވަރާ ކުރެވި އެއްބަސްވުމަކަށް ވާސިލުވުމުގެ މަސައްކަތް މި ވަގުތު ދަނީ ކުރެވެމުންނެވެ. އަދި މި މަސައްކަތްތައް ނިމުނުހާ އަވަހަކަށް މިކަމާބެހޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާ ކުރާނެ ވާހަކަ ދެންނެވީމެވެ،" ހަލީލް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

މުއިއްޒު ޗައިނާއަށް ވަޑައިގެންނެވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްއީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ ދަތުރުގެ ތެރެއިން ސޮއިކުރި ފަހުމުނާމާތަކުގެ ނަންތައް ވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

އާންމު އުސޫލެއްގެ ގޮތުން މުއިއްޒު ކުރައްވާ ދަތުރުތަކުގައި ސޮއިކުރާ އެއްބަސްވުންތަކުގެ ނަންތައް ރައީސް އޮފީހުގެ ހަބަރުގައި ހިމަނަ އެވެ. ނަމަވެސް، ސެޕްޓެމްބަރު 2، ގައި ސަރުކާރުން މައުލޫމާތުތައް އާންމުކުރިއިރު އެއްވެސް ވަރަކަށް ނަމެއް ނުވަތަ އިތުރު ތަފްސީލެއް ވެސް ހާމަކޮށްފައި ނުވެ އެވެ.

އެ އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު ހޯދުމަށް ރައީސް އޮފީހުގައި ސުވާލު ކުރުމުން އެ މައުލޫމާތު ފޮރިން މިނިސްޓްރީން ހޯދުމަށް ބުނެފައި ވެ އެވެ. މިހާތަނަށް ފޮރިން މިނިސްޓްރީން އެއްބަސްވުންތަކާ ގުޅޭ މައުލޫމާތުތަކެއް ހާމަކޮށްފައެއްް ނުވެ އެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ޗައިނާ ގާތް ކުރުމަށްފަހު އިންޑިއާއާ ފެއަށް ދިޔުމަށެވެ. ޖެނުއަރީ، 2024، ގައި ޗައިނާއަށް ކުރެއްވި ދަތުރަށްފަހު އެނބުރި ވެރި ރަށް މާލެއަށް ވަޑައިގެން، އިންޑިއާއާ ދުރަށްޖެހުމުގެ މަގު ޗާޓެއް ވެސް މުއިއްޒު އިއުލާނު ކުރެއްވި އެވެ.

އޭގެ ފަހުން ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. އެކަމަކު އެ ދަނޑިވަޅުގައި ވެސް ޗައިނާއާއެކު އޮތް ގުޅުން ވަރުގަދައެއް ނުވި އެވެ. ޗައިނާއިން ހޯދަން ބޭނުންވި އެހީތަކެއް ވެސް އެއިރު ހަމަޖެހިފައެއްނުވެ އެވެ.

ރާއްޖޭގެ މާލީ ހާލަތު ދަށްވުމާއެކު މުއިއްޒު ދެން ބެއްލެވީ އިންޑިއާއާއެކު އޮތް ގުޅުން ބަދަހި ކުރުމަށެވެ. ގުޅުން ބަދަހި ކުރުމަށްޓަކައި އޮކްޓޯބަރު، 2024، ގައި މުއިއްޒު އިންޑިއާއަށް ވެސް ވަޑައިގަތެވެ. އަދި ގުޅުން ބަދަހި ކުރުމުގެ އެގްރިމެންޓެއްގައި ވެސް އެ ދަތުރުގައި މުއިއްޒު ސޮއި ކުރެއްވި އެވެ.