Advertisement

މީޑިއާ ކޮންޓްރޯލް ކޮމިޝަނުގެ ރައީސްކަމަށް ފަރުޝަތު އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި

27 އޮކްޓޯބަރު 2025 - 12:45 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީޑިއާ ކޮންޓްރޯލް ކޮމިޝަނުގެ ރައީސްކަމަށް އައްޔަނުކުރަން މަޖިލީހުން ފާސްކުރި ފަރުޝަތު -- ފޮޓޯ: އަދަދު


މީޑިއާ ކޮންޓްރޯލް ކޮމިޝަނުގެ ރައީސްކަމަށް ފަރުޝަތު އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި

27 އޮކްޓޯބަރު 2025 - 12:45 1

މިނިވަން މީޑިއާ ނެތިކޮށްލުމަށް ފާސްކުރި ގާނޫނުގެ ދަށުން އުފައްދާ މީޑިއާ ކޮންޓްރޯލް ކޮމިޝަނުގެ ރައީސްކަމަށް މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، މުހައްމަދު ފަރުޝަތު އައްޔަނުކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ކޮންޓްރޯލް ކޮމިޝަނުގެ ރައީސްކަމަށް ފަރުޝަތު އައްޔަނުކުރަން މަޖިލީހުން ފާސްކުރީ 49 މެންބަރުންގެ ވޯޓުންނެވެ. އޭނާ އެ މަގާމަށް އައްޔަނުކުރަން ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓުދެއްވި އެވެ.

މިނިވަން މީޑިއާ ނެތިކޮށްލުމަށް ފާސްކުރި ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުން އެ ކޮމިޝަނުގައި ތިއްބަވާ ހަތް މެންބަރުންގެ ތެރެއިން ތިން މެންބަރުން އަދި ކޮމިޝަނުގެ ރައީސް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

އެ ކޮމިޝަނަށް މަޖިލީހުން އައްޔަނުކޮށްފައި ވަނީ ބްރޯޑްކޮމްގެ ކުރީގެ ރައީސް، ސަފާ ޝަފީގު އާއި ބްރޯޑްކޮމްގެ ކުރީގެ މެންބަރު، އާމިނަތު ސަރާހަތު އިއްޒަތުގެ އިތުރުން މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، މުހައްމަދު ފަރުޝަތު އެވެ.

އޮންލައިން މީޑިއާތަކުން އެ ކޮމިޝަނަށް އިންތިހާބުވީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް، ހުސައިން ސަގީފް އާއި ވަގުތު ނޫހުގެ ނޫސްވެރިޔާ، ސިމާހާ ނަސީމް އެވެ.

ބްރޯޑްކާސްޓިން މީޑިއާތަކުން އެ ކޮމިޝަނަށް އިންތިހާބުވީ ބްރޯޑްކާސްޓިން ކޮމިޝަނުގެ ކުރީގެ މެންބަރު، ޒަމްއަތު ވަހީދު އާއި އަބްދުލްއަޒީޒް އިބްރާހީމް އެވެ.

އޮންލައިން އަދި ބްރޯޑްކާސްޓިން ކެޓެގަރީން ކޮންޓްރޯލް ކޮމިޝަނަށް ހަތަރު މެންބަރުން އިންތިހާބުވީ ވޯޓަކާ ނުލަ އެވެ.

މީޑިއާ ކައުންސިލް އުވުމާ ހަމައަށް ކުރިއަށްގެންދިޔަ އިންތިހާބުތައް ކޮންމެ ފަހަރަކުވެސް ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް ވާދަވެރިކަމާއެކުގަ އެވެ. އެހެންނަމަވެސް ކޮންޓްރޯލް ކޮމިޝަނަށް މެންބަރުން އިންތިހާބު ކުރަން ކުރި އިއުލާނަށް މީޑިއާތަކުން ތަރުހީބެއް ނުލިބުނެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ވުޖޫދު ކުރި މީޑިއާ ކޮންޓްރޯލް ގާނޫނު އުވައިލަން ބައިނަލްއަގުވާމީ އެކި ޖަމާއަތްތައް ހިމެނޭގޮތަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އޭގެ ތެރޭގައި އދ. އާއި ޔޫރަޕިއަން ޔޫނިއަން، އެމެރިކާ، އިނގިރޭސިވިލާތް، އައިއެފްޖޭ، އާރުއެސްއެފް، ސީޕީޖޭ ހިމެނެ އެވެ.