Advertisement

ވީއައިއޭގެ ސެކިއުރިޓީ ފޫއަޅުވާލި މައްސަލައިގެ ތަފުސީލު ފަސް ގަޑިއިރުވީއިރު ވެސް އޭވިއޭޝަން މިނިސްޓަރަށް ނޭނގޭ

27 އޮކްޓޯބަރު 2025 - 12:00 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން -- ފޮޓޯ: ރައީސް އޮފީސް


ވީއައިއޭގެ ސެކިއުރިޓީ ފޫއަޅުވާލި މައްސަލައިގެ ތަފުސީލު ފަސް ގަޑިއިރުވީއިރު ވެސް އޭވިއޭޝަން މިނިސްޓަރަށް ނޭނގޭ

27 އޮކްޓޯބަރު 2025 - 12:00 0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މާސްކް އެޅި ބަޔަކު ވަދެ، ބީއެމްއެލްގެ މުވައްޒަފުން އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގަތްތާ ފަސްގަޑިއިރުވީއިރު ވެސް އެކަމުގެ ފުރިހަމަ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށް ޓްރާސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަމީން ވިދާޅުވީ އެކަމަކީ މިއަދުގެ ފަތިހު ހިނގި ކަމަކަށް ވާތީ އެކަމުގެ ފުރިހަމަ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އިއްޒަތްތެރި މެންބަރަށް ވެސް އެނގިވަޑައިގަންނަވާނެ، ތިޔަ ވިދާޅުވީ މިއަދު ފަތިހު ހިނގި އަދި ވަރަށް ބޮޑު ސެކިއުރިޓީ ބްރީޗެއް، އަދި ތިކަމުގެ ފުރިހަމަ މައުލޫމާތު އަޅުގަނޑަށް އެނގި ނެތި ތިޔަށް ވަކި ޖަވާބެއް ދެންނެވުމަކީ އަޅުގަނޑަށް މި ވަގުތު އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޫން،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަމުގެ މައުލޫމާތު ސާފު ކުރެއްވުމަށްފަހު އެކަމާ ގުޅޭގޮތުން ޖަވާބެއް މީކާއިލްއަށް އަރުވާނެ ކަމަށެވެ.

މީކާއިލް ސުވާލު ކުރެއްވީ ދިވެހިރާއްޖޭގެ ވައިގެ ބަނދަރަށް ބަޔަކު ވަދެ ފޭރުމުގެ ބޮޑު އަމަލެއް ހިންގާފައި ވާތީ އެތަނުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ކޮބައިތޯ އެވެ.

ރާއްޖޭގެ ވައިގެ ބަނދަރުތައް ބެލެހެއްޓުމުގެ ބެލެނިވެރި ފަރާތަކީ ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މީހުން ފޭރިގަތީ ވީއައިއޭގެ ކުރީގެ ޓާމިނަލުން އައު ޓާމިނަލް އަށް ވަންނަން ދިޔަ ބޭންކުގެ ދެ ސްޓާފުން އަތުން ކަމަށެވެ. ފައިސާ ހުރީ އެ މީހުން އަތުގައި ހުރި ބްރީފްކޭސް އެއްގަ އެވެ. އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ސާފެއް ނުވެ އެވެ.

މި މައްސަލަ ފުލުހަށް ރިޕޯޓު ކުރީ ރޭ ފަތިހު 4:45 ހާއިރު ކަމަށް ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ. މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފޭރިގަތް ފައިސާ ހުރި ބްރީފްކޭސް ހިފައިގެން ވަގުން އެއާޕޯޓުން ފިލީ ޖެޓީގައި އޮތް ލޯންޗެއްގަ އެވެ. އެ ތަނުން އެ ލޯންޗު ދަތުރުކުރީ ކޮން ރަށަކަށް ކަމެއް ނޭނގެ އެވެ. އަދި ވައްކަމުގައި ބައިވެރިވީ ކިތައް މީހުން ކަމެއް ވެސް ސާފެއް ނޫނެވެ.

ބީއެމްއެލްގެ މުވައްޒަފުން އަތުން ފޭރިގަތް ބްރީފް ކޭހުގައި ހުރީ ގިނަ އަދަދެއްގެ ޑޮލަރުކަން އަދަދު އަށް ވަނީ އެނގިފަ އެވެ. ނަމަވެސް ބްރީފް ކޭހުގައި ހުރީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް މިހާތަނަށް ކަށަވަރެއް ނުވެ އެވެ.