Advertisement

ޖޭއެސްސީއަށް މަޖިލީހުން ކަނޑައަޅާ މެންބަރަކަށް ހުސްނީ މުބާރަކު އައްޔަނުކުރަން ފާސްކޮށްފި

27 އޮކްޓޯބަރު 2025 - 12:37 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މަނަދޫ ދާއިރާގެ މަޖިލިސް މެންބަރު، ހުސްނީ މުބާރަކު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ޖޭއެސްސީއަށް މަޖިލީހުން ކަނޑައަޅާ މެންބަރަކަށް ހުސްނީ މުބާރަކު އައްޔަނުކުރަން ފާސްކޮށްފި

27 އޮކްޓޯބަރު 2025 - 12:37 0

ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ރައްޔިތުންގެ މަޖިލިސް ތަމްސީލު ކުރައްވަމުން ގެންދެވި މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް އެ ކޮމިޝަނުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޝަނަށް މާފަރު ދާއިރާގެ މެންބަރު، ހުސްނީ މުބާރަކު އައްޔަނުކުރަން ފާސްކޮށްފި އެވެ.

ޖޭއެސްސީގައި މަޖިލިސް ތަމްސީލު ކުރައްވާ ގޮނޑިއަށް ހުސްނީ މުބާރަކު އައްޔަނުކުރުމަށް އޭނާގެ ނަން މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، އިބްރާހިމް ފަލާހު އެވެ. އޭނާ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ވެލިދޫ ދާއިރާގެ މެންބަރު، މުހައްމަދު އައްބާސް އެވެ.

ޖޭއެސްސީގައި މަޖިލިސް ތަމްސީލު ކުރައްވާ މެންބަރަކަށް ހުސްނީ މުބާރަކު އައްޔަނުކުރަން ފާސްކުރީ 58 މެންބަރުންގެ ވޯޓުންނެވެ. އޭނާ އެ މަގާމަށް އައްޔަނުކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ޖޭއެސްސީގެ ރައީސްކަމުން ރިޒާ އިސްތިއުފާ ދެއްވީ އިއްޔެ އެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެ އެވެ. ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާދެއްވިއިރު، އެ ކޮމިޝަނުގެ ރައީސްއަކަށް ވެސް ހުންނެވީ ރިޒާ އެވެ. އެހެންވެ، ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމުން ރައީސް ކަމުގެ މަގާމު ވެސް ވަނީ ހުސްވެފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު އާއި އަޒްމިރާލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރީ ރިޒާގެ ރިޔާސަތުގަ އެވެ. އެ ފަނޑިޔާރުންގެ މައްސަލަ ބަލަން ފެށީ ސިޔާސީ ޕާޓީގެ މެންބަރަކު ކަމުން ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ނިންމުމާ ގުޅިގެންނެވެ.