Advertisement

މާލޭގައި އަޅަން މުއިއްޒު ވައުދުވި ޕާކިން އިމާރާތުގެ މަސައްކަތް 30 ދުވަހުގެ ހަވާލުކުރާނަން: އަމީން

28 އޮކްޓޯބަރު 2025 - 09:25 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލޭގެ މަގެއް މަތީ ގިނަ އަދަދެއްގެ ސައިކަލުތަކެއް ޕާކުކޮށްފައި: ޕާކް ކުރާނެ އިމާރާތްތައް އަޅަން 30 ދުވަހުގެ ތެރޭ ހަވާލުކުރަނީ ---- ފޮޓޯ: އަދަދު


މާލޭގައި އަޅަން މުއިއްޒު ވައުދުވި ޕާކިން އިމާރާތުގެ މަސައްކަތް 30 ދުވަހުގެ ހަވާލުކުރާނަން: އަމީން

28 އޮކްޓޯބަރު 2025 - 09:25 0

މާލޭ ސަރަހައްދުގެ މަގުމަތީގައި ހުރި އުޅަނދުތަކުގެ ސަބަބުން ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރަން ރައީސް މުހައްމަދު މުއިއްޒު ވައުދުވި މަލްޓިސްޓޯރީ ޕާކިން އިމާރާތުގެ މަސައްކަތް ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ސަރުކާރުން އަޅަން ބުނި ޕާކިން އިމާރާތުގެ އަދާހަމަ ހޯދުމަށް ސުވާލު ކުރެއްވީ އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް އެވެ. ޖަވާބުގައި ވަޒީރު ވިދާޅުވީ އެ މަސައްކަތް ކުރަން ނިންމާފައިވަނީ ޑިޒައިން އެންޑް ބިލްޑު އުސޫލުން ކަމަށާއި މަހެއް ތެރޭ މަޝްރޫއު ހަވާލުކުރެވޭނެ ކަމަށެވެ.

"ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ފަދައިން ހަމަ ޕާކިން ބިލްޑިން އެޅުމުގެ ކަންކަން އަޅުގަނޑު މި ދެންނެވީ ޑިޒައިން އެންޑް ބިލްޑިން ކޮންސެޕްޓުގެ ދަށުން އަޅުގަނޑުމެން މި މަރުހަލާތައް ކުރިއަށް ގެންދަނީ، އިރާދަކުރެއްވިއްޔާމުން ހަމަ ކުރިއަށް އޮތް 30 އަކަށް ދުވަހުގެ ތެރޭގައި މި ބިލްޑިން އަޅާނެ ފަރާތްތަކާ ހަވާލު ކުރެވި މި ބިލްޑިން އެޅުމުގައި ވެސް ވަކި މުއްދަތެއް ދީގެން ޕާކިން ބިލްޑިންގެ މަސައްކަތް ކުރިއަށް ގެންދެވޭނެ،" އަމީން ވިދާޅުވި އެވެ.

މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނު ދެއްވި ދެ ރިޔާސީ ބަޔާނުގައި ވެސް ޕާކިން ބިލްޑިންތަކުގެ ވާހަކަ ހިމެނުއްވި އެވެ. މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި މުއިއްޒު ވިދާޅުވީ މެއި، 2024، ގައި އެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. ނަމަވެސް އަހަރު ނިމުނީ އެކަން ނުކުރެވި އެވެ. މި އަހަރުގެ ރިޔާސީ ބަޔާނުގައި މުއިއްޒު ވިދާޅުވީ މި އަހަރު މަސައްކަތް ފެށޭނެ ކަމަށެވެ.

"އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސިންގެ އެހީގައި، މާލޭގެ ހަތަރު ސަރަހައްދެއްގައި ތިމާވެށްޓާ ރައްޓެހި، އިއާދަކުރަނިވި ހަކަތައިން ޕަވާ ޖެނެރޭޓް ކުރާ ޕާކިން ބިލްޑިންތަކެއް އެޅުމަށްވަނީ ހަމަޖެހިފައި. މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް، މި އަހަރު ފެށުމަށް މަސައްކަތް ކުރަމުންދާކަންވެސް އުފަލާއެކު އަޅުގަނޑު ފާހަގަކޮށްލަން،" ފެބްރުއަރީ 6، ގައި ދެއްވި މި އަހަރުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މާލޭގެ މަގުތައް އަމާންތަނަކަށް ހެދުމުގެ މަގުސަދުގައި ސަރުކާރުން ފަށައިގެން އުޅޭ "މާލެ ފަހި" ޕްރޮގްރާމުގެ ދަށުން މާލެ އާއި ހުޅުމާލޭގައި ޕާކިން ބިލްޑިންތަކެއް އަޅަން ނިންމާ އެކަން ޓްރާންސްޕޯޓު މިނިސްޓްރީން އިއުލާނުކުރީ ޖުލައި، 2024، ގަ އެވެ.

މުއިއްޒު ހައުސިން މިނިސްޓަރު ކަމާއި މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު ޕާކިން މައްސަލަ ހައްލުކުރަން ކަމަށް ބުނެ އެކި މަސައްކަތް ކުރެއްވި އެވެ.

އެގޮތުން ހައުސިން މިނިސްޓަރު ކަމުގައި ހުންނަވާ ހުޅުމާލޭގައި އެޅި މެކޭނިކަލް ޕާކިން އިމާރާތްތަކަށް ބޭނުމެއް ނުކުރެވެ އެވެ. މޭޔަރުކަމުގައި މާލޭގެ މަގުތަކުން ޕާކިން ސްލޮޓު ވިއްކި ނަމަވެސް އެކަން ވެފައިވަނީ އާންމުންނަށް ތަކުލީފަކަށެވެ. ސިޓީ ކައުންސިލުން އެ ސްލޮޓުތައް މިހާރު ވަނީ އުވާލައިފަ އެވެ.

ޕާކް ކުރާނެ އިމާރާތްތަކެއް ނާޅައި، ގަވާއިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތަކުގެ ވެރިން ޖޫރިމަނާ ނުކުރާނެ ކަމަށް ވެސް މުއިއްޒު ވައުދުވި އެވެ. ނަމަވެސް، މި ސަރުކާރުން އެގޮތަށް ޕާކް ކުރާ އުޅަނދުތައް ޓޯކޮށް، ޖޫރިމަނާ ކުރަމުންދާތާ މިހާރު ދެ އަހަރު ވަނީ އެވެ.