Advertisement

މި އަހަރު ނިމުމުގެ ކުރިން ފަށަން ބުނި ހެލިކަޕްޓަރުގެ ހިދުމަތް އޮތީ ހުއްޓިފައި، ފެށޭނެ ކަމަށް ބެލެވެނީ އަންނަ އަހަރު

27 އޮކްޓޯބަރު 2025 - 09:57 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން، މީގެ ކުރިން މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދެއްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


މި އަހަރު ނިމުމުގެ ކުރިން ފަށަން ބުނި ހެލިކަޕްޓަރުގެ ހިދުމަތް އޮތީ ހުއްޓިފައި، ފެށޭނެ ކަމަށް ބެލެވެނީ އަންނަ އަހަރު

27 އޮކްޓޯބަރު 2025 - 09:57 0

މިއަހަރު ނިމުމުގެ ކުރިން ފަށާނެ ކަމަށް ބުނި ހެލިކަޕްޓަރު އެމްބިއުލާންސްގެ ހިދުމަތް ފެށޭނީ އަންނަ އަހަރުގެ ތެރޭގައި ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ ހެލިކަޕްޓަރުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ސަރުކާރުން މިދިޔަ އަހަރު ހުޅުވާލިއިރު ބޭރުގެ ކުންފުނިތަކަށް ފޮނުވި އާރްއެފްޕީގައި ހިމަނާފައި ހުރި ބައެއް ކަންކަމާ މެދު އެ ކުންފުނިތަކުން ކަންބޮޑުވުން ފާޅުކުރި ކަމަށެވެ.

އަމީން ވިދާޅުވީ ހެލިކަޕްޓަރުގެ ހިދުމަތްދޭ ދުނިިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރެއިން 36 ކުންފުނިން ރާއްޖެއިން ފޮނުވި އާރްއެފްޕީއަށް ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ. ނަމަވެސް ހެލިކަޕްޓަރުގެ ހިދުމަތް ދޭއިރު، އެ ހިދުމަތުގެ ތެރެއިން ދައުލަތަށް ލިބޭ މަންފާ މާބޮޑު ކަމަށް އެ ކުންފުނިތަކުން ފާހަގަކުރި ކަމަށް އަމީން ވިދާޅުވި އެވެ.

"އާރްއެފްޕީ އަޅުގަނޑުމެންނަށް ޖެހުނީ އެންމެ ފަރާތަކާ އެކުގައި ކުރިއަށް ދިޔުމުގެ ބަދަލުގައި ހުއްޓާލުމަކަށް ގެންނަން، އެއީ ހުރިހާ ފަރާތްތަކަކުން ވެސް އަޅުގަނޑުމެންނަށް އިރުޝާދު ދެއްވީ އަޅުގަނޑުމެން ދައުލަތަށް ކުރިން މި ދެންނެވި ސާޗް އެންޑް ރެސްކިއު އާއި މެޑިކަލް އިވެކުއޭޝަންސްއާ ހިލޭ އެހީގެ ގޮތުގައި ނަގާބައި ބޮޑީކަމަށް، ވުމާއެކު އެ ފުރަތަމަ އާރްއެފްޕީ ޕްރޮސެސް އެއޮތީ ހުއްޓިފައި،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއިން ފުރަތަމަ ފޮނުވި އާރްއެފްޕީ މިހާރު ގާނޫނީ ގޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަަށެވެ. އަދި އެ ކުންފުނިތަކުން ފާހަގަކުރި ކަންކަން އިސްލާހު ކުރުމަށްފަހު މި އަހަރުގެ ފަހުކޮޅު އަލުން އާރްއެފްޕީއެއް ހުޅުވާލާނެ ކަމަށް އަމީން ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާމުން މި އަހަރުގެ ފަހުކޮޅުގައި ޑިސެމްބަރު މަހުގެ ކުރިން އަޅުގަނޑުމެން އަލުން ހުޅުވާލައިގެން އަހަރެއްހާ ދުވަސްތެރޭގައި މިކަންތައް ކުރެވޭނެކަމުގެ ޔަގީންކަން އަޅުގަނޑަށް ވަރަށް ބޮޑަށް އެބައޮތް،" އަމީން ވިދާޅުވި އެވެ.

މިދިޔަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޝައުގުވެރިކަން ފާޅު ކުރުމަށް ޓްރާންސްޕޯޓުން ހުޅުވާލީ އޮގަސްޓް 6، 2024، ގަ އެވެ.

އެ މަޝްރޫއުގެ ދަށުން ހެލިކޮޕްޓަރު ބޭނުންކޮށްގެން ބަލި މީހުން އުފުލުމުގެ ހިދުމަތާއި ސާޗް އެންޑް ރެސްކިއު ހިދުމަތުގެ އިތުރުން ފަތުރުވެރިކަމަށް އެހީތެރިވުމުގެ ގޮތުން ވިޔަފާރި އުސޫލުން އެތެރޭގެ އާންމު އުދުހުންތަކުގެ ހިދުމަތް ވެސް ދޭން ޖެހޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން ބުންޏެވެ.

ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތަކަށް 10 އަހަރު ފަތުރުވެރިން އުފުލުމަށް އެކްސްކްލޫސިވިޓީ ދޭނެ ކަމަށް ވެސް މިނިސްޓްރީން އޭރު ބުންޏެވެ.