Advertisement

ދުންފަތް ޕޮލިސީގެ ފައިދާ ސިނގިރޭޓު ހުއްޓަން ބޭނުންވާ ޒުވާނާއަށް ލިބޭތަ؟

13 ނޮވެންބަރު 2025 - 15:32 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު


ދުންފަތް ޕޮލިސީގެ ފައިދާ ސިނގިރޭޓު ހުއްޓަން ބޭނުންވާ ޒުވާނާއަށް ލިބޭތަ؟

13 ނޮވެންބަރު 2025 - 15:32 0

ވައަތުގެ ޝަހާދަތްއިނގިއްޔާއި މެދުއިނގިލިން ސިނގިރޭޓެއް ހިފަހައްޓައިގެން އިނދެ، މުހައްމަދު ޔޫޝައު* އެ ކިޔައިދެނީ އޭނާގެ ހަޔާތުގެ ބޮޑު ވާހަކައެކެވެ. ވާހަކައިގެ ދޭތެރެއަކުން މޭޒުމަތީގައި އިން ކޮފީތަށި ހިއްލާލައި، ކޯވަރެއް ބޯލަ އެވެ.

ޔޫޝައު އުފަންވީ ފައިސާގެ މައްޗަކަށް ނޫނެވެ. މަންމަ އާއި ބައްޕައަކީ "ބޭފުޅުންނެއް" ނޫނެވެ. ހަޔާތުގައި ކުރަން ބޭނުންވި ކަމެއް، ހޯދަން ޖެހުނު އެއްޗެއް، ކުރަނީ އަދި ހޯދަނީ ގަދައަޅައި މަސައްކަތްކޮށްގެންނެވެ.

އޭނާގެ އުމުރުން މިހާރު 27 އަހަރު ފުރިއްޖެ އެވެ. ކުޑަ ފިހާރައެއްގެ ސޭޓުކަމުން ވަޒީފާއަށް ނުކުތް ޔޫޝައު މިއަދު މަސައްކަތް ކުރަނީ މިނިވަން މުއައްސަސާއެއްގެ، ޒިންމާދާރު ވަޒީފާއެއްގަ އެވެ. އޯލެވެލް އިމްތިހާނުން ކިރިޔާ ފާސްވި ނަމަވެސް ޔޫޝައު މިހާރު އެ އުޅެނީ ފުރަތަމަ ޑިގުރީ ކޯހެއްގެ ތިން ވަނަ އަހަރުގަ އެވެ. މިހާތަނަށް ލިބުނު ހުރިހާ ނަތީޖާއެއް ވެސް ނިކަން ފުރިހަމަ އެވެ.

މާ ލަސްތަކެއް ނުވެ އޭނާ މީހަކާ އިންނާނެ އެވެ. ޒަވާޖީ ހަޔާތެއް ފަށައި، ވަކިން ދިރިއުޅޭ ފެންވަރަށް އޭނާގެ ދިރިއުޅުމުގެ ހާލަތު ގޮސްފި އެވެ. އަދި މަންމަ ދުނިޔޭގައި ހުއްޓައި، މާމަ ކިޔާނެ ކުއްޖަކު ހޯދުމަކީ ވެސް ޔޫޝައުގެ ހުވަފެނެކެވެ.

އެ ހުރިހާ ކަމެއް ވެސް ކުރިއަށްދަނީ ޔޫޝައު ބޭނުންވާ ގޮތަށެވެ. އެކަމަކު އޭނާގެ ބޮޑު މައްސަލައެއް އެބަ އޮތެވެ. ރަނގަޅު ކުރަން ބޭނުންވާ ކަމެއް އެބަ އޮތެވެ. ޔޫޝައު ގަބޫލު ކުރާ ގޮތުގައި އޭނާއަކީ ދެއްވެކެވެ. ދެވިހިފާފައި ހުރީ ސިނގިރޭޓަށެވެ. ހަޔާތުގައި، ކުރަން އުޅެއުޅެ، ނުކުރެވުނު ހަމައެކަނި ކަމަކީ، ސިނގިރޭޓު ބުއިން ހުއްޓާލުމެވެ.

"އަސްލަކީ އެއީ އެޑިކްޝަނެއް. އަހަރެން އާންމުކޮށް ސިނގިރޭޓް މިބޮނީ ސޯޝަލް ކަމަކަށް، ރައްޓެހިންނާއެކީ ދިމާވެފައި ކޮފީއެއް ބޯއިރުގައި. މަ ބޭނުންވެ ހުއްޓަން. އެކަމަކު މަށަކަށް ނޭނގޭ ހުއްޓަން ކިހިނެއް ކަމެއް މަސައްކަތް ކުރަންވީ. މަ ޕާސަނަލީ އެކަން ކުރެވޭތޯ އުޅެފިން. ނުވާތީ ނުހުއްޓެނީ. މިއީ ހަމަ ވަރުގަދަ އެޑިކްޝަނެއް،" ޔޫޝައު ކިޔައިދިނެވެ.

އެއީ ޔޫޝައުގެ އެކަނި ވާހަކައެއް ނޫނެވެ. މީގެ ތިން އަހަރު ކުރިން 2022 ގައި ޝާއިއު ކުރި ސާވޭއަކުން ދައްކާ ގޮތުގައި ރާއްޖޭގައި ދިރިއުޅޭ ދިވެހި އާބާދީގެ 113،414 މީހުން ދުންފަތުގެ އިސްތިއުމާލު ކުރެ އެވެ. އެއީ އާބާދީގެ 26 ޕަސެންޓު މީހުންނެވެ. ސާވޭއިން ދައްކާ ގޮތުގައި، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ތެރެއިން 39.9 ޕަސެންޓު މީހުން ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން މަސައްކަތްކޮށް، އެކަން ނާކާމިޔާބުވެފަ އެވެ.

ކުއްލިއަކަށް ކަނޑައެޅި ސަރުކާރުގެ ސިނގިރޭޓު ޕޮލިސީ

މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅޭ ޕޮލިސީތަކުގެ ތެރެއިން، އާންމުންނަށް އެންމެ ބޮޑަށް އަސަރު ކުރާނެ ގޮތަކަށް ބައްޓަންކޮށްފައި ވަނީ ދުންފަތާ ދެކޮޅަށް އެމަނިކުފާނު ކަނޑައަޅަމުންދާ ސިޔާސަތުތަކެވެ.

އާންމުން ދުންފަތާ ދުރުކުރުމުގެ ނިޔަތުގައި ކަމަށް ބުނެ ސަރުކާރުން ވަނީ ސިނގިރޭޓާއި ދުންފަތުގެ ޓެކްސް ނޮވެމްބަރު، 2024، ގައި 100 ޕަސެންޓު ބޮޑުކޮށްފަ އެވެ. އެއާއެކު ގެނައި އަނެއް ބަދަލަކީ މުޅި ދިވެހިރާއްޖެއިން ވޭޕު މަނާ ކުރުމެވެ.

ޓެކްސް ބޮޑު ކުރުމާއި ވޭޕު މަނާ ކުރުމުގެ އިތުރުން އެންމެ ފާހަގަކޮށްލެވޭ ބަދަލަކަށް ސަރުކާރުން ގެނައި އަނެއް ބަދަލަކީ، ސިނގިރޭޓުގެ ޖެނެރޭޝަނަލް ބޭންއެއް ތައާރަފު ކުރުމެވެ. ޖެނުއަރީ، 2007، ގެ ފަހުން އުފަންވި މީހުންނަށް މީގެ ފަހުން ދުންފަތުގެ އިސްތިއުމާލެއް ނުކުރެވޭނެ އެވެ. ނޮވެމްބަރު 1، 2025، ޖެނެރޭޝަނަލް ބޭންއަށް އަމަލު ކުރަން ވަނީ ފަށައިފަ އެވެ.

ދުންފަތާ ދެކޮޅު ޕޮލިސީތަކެއް ތައާރަފު ކުރިއިރު ބައެއް އެހެން ކަންކަން ސަރުކާރުން ތައާރަފު ކުރި އެވެ. އޭގެ ތެރޭގައި، އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުމާއި ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ސިސޭޝަން ކްލިނިކުތަކެއް ގާއިމް ކުރުން ހިމެނެ އެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން އެއްކޮށް ހުއްޓާލާ ރަށްރަށަށް މާލީ އިނާޔަތެއް ދިނުން ހިމެނެ އެވެ.

އެ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން ތައާރަފު ކުރީ، ދުންފަތާ ދެކޮޅަށް މަސައްކަތް ކުރާނެ ގޮތުގެ މާސްޓާ ޕްލޭނެއް ހަދަން ނިންމާފައި އޮއްވަ އެވެ. ފިޔަވަޅުތައް އަޅަމުން މި ދަނީ މާސްޓާ ޕްލޭން ނުހެދެނީސް އެވެ. ދުންފަތާ ދެކޮޅަށް ގެންގުޅޭނެ މާސްޓާ ޕްލޭނެއް ހަދަން ވަޒީރުންގެ މަޖިލީހަށް މުއިއްޒު އެންގެވީ އޮކްޓޯބަރު، 2024، ގަ އެވެ.

ސިނގިރޭޓު ޕޮލިސީ: މިހާތަނަށް ފެންނަނީ ފޭލިވާ މަންޒަރު

ސަރުކާރުން ތައާރަފު ކުރި އެ ބަދަލުތަކާއެކު ދިވެހިރާއްޖެއަށް ވެސް ބޮޑު ބަދަލެއް އައިސްފި އެވެ. އެކަމަކު، އެ ބޮޑު ބަދަލަށް އަހަރެއް ފުރެން ގާތްވެފައިވާއިރު، ސިނގިރޭޓު ޕޮލިސީތަކުން ނުކުތް ނަތީޖާ ބަލަން ކަމާ ގުޅޭ ދައުލަތުގެ އިދާރާއެއްގެ ދިރާސާއެއް ހަދާފައެއް ނެތެވެ. އެފަދަ ދިރާސާއެއް ކޮށްފައި ވަނީ އަމިއްލަ ފަރާތަކުންނެވެ.

ސިނގިރޭޓު އިމްޕޯޓާއި ސިނގިރޭޓު ވިކޭ މިންވަރާއި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އާދަތަކަށް ބެލުމަށްފަހު އަމިއްލަ ކުންފުންޏަކުން ހެދި ދިރާސާއެއް އެ ކުންފުނިން ވަނީ މިނޫހާ ހިއްސާކޮށްފަ އެވެ. ދިރާސާގެ ނަތީޖާއިން ކަންބޮޑުވާ ކަންކަން ވަނީ ފާހަގަވެފަ އެވެ.

އެ ދިރާސާއިން ދައްކާ ގޮތުގައި ސަރުކާރުގެ ސިނގިރޭޓު ޕޮލިސީތައް ތަންފީޒު ކުރަން ފެށުމުން، ވަގު ސިނގިރޭޓާއި ފިލްޓަރު ނެތް ސިނގިރޭޓު ބޭނުން ކުރުން ދިވެހިންގެ ތެރޭގައި އިންތިހާ ގިނަވެއްޖެ އެވެ. ދިރާސާއިން ހާމަވި އެންމެ ބޮޑު ކަމަކީ، ސަރުކާރުން ގެނައި ބަދަލަށްފަހު ވެސް، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު މަދު ނުވާ ކަމެވެ.

އެ ދިރާސާއިން ދައްކާ ގޮތުގައި ޕޮލިސީގެ ބަދަލަށްފަހު، ތަނޑި ނައްޓާފައި ހުރި ރޯލިން ޓޮބޭކޯ ބޭނުން ކުރާ މިންވަރު ވަނީ 286 ޕަސެންޓު އިތުރުވެފަ އެވެ. ރޯލިން ޓޮބޭކޯގެ އެހެން ވައްތަރުތަައް ބޭނުން ކުރާ މިންވަރު 309 ޕަސެންޓު އިތުރުވެފައިވާ ކަމަށް ވެސް އެ ދިރާސާއިން ދައްކަ އެވެ. ރޯލިން ޓޮބޭކޯއަކީ ފިލްޓަރާ ނުލައި ވިއްކާ އެއްޗެކެވެ.

ސަރުކާރުން ސިނގިރޭޓުގެ އަގު ބޮޑުކުރިއިރު، ހީޓެޑް ޓޮބޭކޯގެ ބާވަތްތަކުގެ އަގު ވެސް ބޮޑު ކުރި އެވެ. އެ ބަދަލާއެކު، ހީޓިން ޓޮބޭކޯ ބޭނުން ކުރަމުންދިޔަ 5،000 ވަނީ އެކަން ހުއްޓާލައިފަ އެވެ. ހީޓިން ޓޮބޭކޯއަކީ ސިނގިރޭޓަށްވުރެ ގެއްލުން ކުޑަ އެއްޗެއްކަން ދިރާސާތަކުން ދައްކަ އެވެ. އޭގެ މައިގަނޑު ސަބަބަކީ އެއީ ރޯކޮށްގެން ބޭނުން ކުރާ އެއްޗަކަށްނުވާތީ އެވެ. ސިނގިރޭޓުން އުފައްދާ ވިހަ ކެމިކަލްތަކުގެ ތެރެއިން ގިނަ ކެމިކަލަކީ ސިނގިރޭޓު ރޯކޮށްލުމުން އުފެދޭ ކެމިކަލެވެ.

ދުންފަ


ސިނގިރޭޓު ޕޮލިސީތައް ތައާރަފު ކުރިއިރު، ސަރުކާރުން ބުނެފައި އޮތް އެއް ކަމަކީ ސްމޯކިސް ސެސޭޝަން ކްލިނިކުތައް ހުރިހާ ރަށެއްގައި ގާއިމް ކުރުމެވެ. އެފަދަ ކްލިނިކެއް މާލޭގެ އައިޖީއެމްއެޗުގައި ހިންގާތާ އަހަރުތަކެއްވެއްޖެ އެވެ. އެ ކްލިނިކުން މައިގަނޑު ގޮތެއްގައި ކުރާ ކަމަކީ ނިކޮޓިން ގަމް އާއި ނިކޮޓިން ޕެޗު ދޫކުރުމެވެ.

އެކަމަކު އަދަދު އަށް އެނގިފައިވާ ގޮތުގައި ސެސޭޝަން ކްލިނިކު ރަށްރަށުގައި ގާއިމް ކުރި ނަމަވެސް ނިކޮޓިން ގަމް އަދި ޕެޗު ލިބެން ނެތް ކަމަށްވެ އެވެ. ސިނގިރޭޓު އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ މީހާ ޖެހެނީ ކްލިނިކަށް ދައްކަން ނަން ނޯޓުކޮށްގެން ހުންނާށެވެ.

ސަރުކާރުގެ އެންމެ ބޮޑު ފޭލިއާ ފެންނަނީ "ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވާއިދު" ތަންފީޒު ކުރުމުގަ އެވެ. ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ އާންމު ގަވާއިދު ފުރިހަމައަށް ތަންފީޒުކޮށްފި ނަމަ، ދުންފަތުގެ އިސްތިއުމާލު ކުރާ ީހުން މާލެ ތެރެއިން ފެންނަ މިންވަރު އިންތިހާއަށް ދަށްވާނެ އެވެ.

އެ ގަވާއިދުގެ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތަނުގެ ތެރޭގައި:

  1. މިސްކިތްތަކާއި މަދަރުސާތަކުގެ އިންޑޯ އަދި އައުޓްޑޯ ބައިތައް އަދި އެތަންތަނުގެ ވަދެ ނުކުންނަ ދޮރާށިތަކުގެ އިމުން ފެށިގެން 25 ފޫޓުގެ ރޭޑިއަސްގައި ހިމެނޭ އާންމު ތަންތަން
  2. ހޮސްޕިޓަލް، ކްލިނިކް އަދި ޔުނިވާސިޓީތަކުގެ އިންޑޯ އަދި އައުޓްޑޯ ބައި އަދި ވަދެ ނުކުމެ އުޅުމަށް ހަދާފައި ހުރި ދޮރާށިތައް ކުރިމަތި
  3. ބޭސް ފިހާރަ އަދި ސިއްހަތާއި ދުޅަހެޔޮކަން ކުރިއެރުވުމަށް ހަދާފައި ހުންނަ ތަންތަން
  4. ދައުލަތުގެ އެންމެހާ އިދާރާތައް، ސަރުކާރުގެ ކުންފުނިތައް، ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތައް، ސަރުކާރުގެ ޒިންމާ އަދާކުރާ އެންމެހާ ތަންތަނާއި އެތަންތަނަށް ވަދެ ނުކުންނަ ދޮރުމަތި
  5. މުސާރައަކަށް ނުވަތަ އުޖޫރަކަށް މަސައްކަތް ކުރާ ތަންތަނުގެ އިންޑޯ ބައިތައް
  6. އާންމު ދަތުރުފަތުރު ކުރާ އުޅަނދުތައް
  7. އެއާޕޯޓުތައް، ބަސް ސްޓޮޕުތައް، ޓެކްސީ ސްޓޭންޑުތައް، ކަނޑުގެ އުޅަނދުތައް ކައިރި ކުރަން ހަދާފައި ހުރި އުޅަނދުތައް، ފާލަންތައް އަދި ޖެޓީތައް.
  8. ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުމާއި މުނިފޫހިފިލުވުމަށް އަދި ހިތްފަސޭހަ ކުރުމަށް ވަދެ ނުކުމެ އުޅޭ ތަންތަން
  9. ކުޅިވަރު ކުޅޭ ސްޓޭޑިއަމްތަކާއި ކޯޓުތަކާއި ތަންތަނާއި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުމަށް އާންމު ތަންތަނުގައި ހަދާފައިވާ ތަންތަން
  10. އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ފުރުސަތު ބޮޑު ތަންތަން
  11. އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ފުރުސަތު ބޮޑު ސިނާއީ މަސައްކަތް ކުރާ ތަންތަން
  12. އެއްގަމު އުޅަނދު ޕާކު ކުރާ ތަންތަނާއި ކަނޑު އުޅަނދު ޑޮކް ކުރާ ސަރަހައްދުތަކާއި ވައިގެ އުޅަނދު މަޑު ކުރާ ސަރަހައްދުތަކުގެ ދޮރުމަތި
  13. ކުޑަކުދިންގެ ޕާކުތަކާއި މައިޒާންތަކާއި ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަކޮށްފައިވާ ސަރަހައްދުތައް
  14. ޒުވާނުންގެ މަރުކަޒުތަކާއި ޒުވާނުން ކުޅިވަރު ކުޅުމަށް ހާއްސަކޮށްފައިވާ ތަންތަން
  15. އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ތަންތަން އަދި ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަލަހައްޓާ ހުރިހާ ތަންތަން
  16. ފިހާރަތަކާއި މާރުކޭޓުތަކާއި އާންމުކޮށް ވިޔަފާރި ކުރާ ހުރިހާ ތަންތަން
  17. އެޕާޓްމަންޓުތަކުގެ ސިޑި އާއި ވައިގޮޅި ފަދަ އާންމު ތަންތަން އަދި ދަނާލާއި ހޮސްޓެލް ފަދަ ތަންތަން
  18. އެއް ގެއެއްވުރެ ގިނަ ގެތައް ވަދެ ނުކުމެ އުޅުމަށް ހަދާފައިވާ ގޯޅިތަކާއި ކޮޅު ބެދިފައިވާ ބަންޑާރަ ގޯޅިތައް

ވަގު ސިނގިރޭޓު: ނުރައްކާތެރި ކަޅު ބާޒާރެއް

ސިނގިރޭޓުގެ ޓެކްސް ބޮޑު ކުރުމުން ރާއްޖޭގައި މި ވަނީ ސިނގިރޭޓުގެ ވަރުގަދަ ކަޅު ބާޒާރެއް އުފެދި އެވެ. ސިނގިރޭޓު ވަގަށް އެތެރެ ކުރާ މިންވަރާއި ވަގަށް ވިއްކާ އަދަދުތައް އިންތިހާއަށް އިތުރުވެއްޖެ އެވެ. އެކަމަށް އެދެވޭ ފިޔަވަޅެއް ވެސް ކަމާ ގުޅުން ހުރި އިދާރާތަކަކަށް ނޭޅެ އެވެ.

ސިނގިރޭޓުގެ ކަޅު ބާޒާރު

  • އޮކްޓޯބަރު 25، 2024 - ރާއްޖެއަށް އެތެރެ ކުރަން އުޅުނު ދެ މިލިއަން ސިނގިރޭޓު އަތުލައިގަތް
  • ޖެނުއަރީ 30، 2025 - ރާއްޖޭގައި އުފައްދާފައި ހުރި 980،000 ވަގު ސިނގިރޭޓު އަތުލައިގަތް
  • މާޗު 26، 2025 - އެއާޕޯޓު ޑިއުޓީ ފްރީއިން 140 ކާޓަނު ސިނގިރޭޓު ވަގަށް ނެރެން އުޅެނިކޮށް އަތުލައިގަތުން
  • އޭޕްރީލް 8، 2025 - ޑިއުޓީ ފްރީ އިން 140 ކާޓަން ސިނގިރޭޓު ބޭރު ކުރަން އުޅުނު ފުލުހަކު ހައްޔަރު ކުރި
  • އޭޕްރީލް 19، 2025 - ގަން އެއާޕޯޓުން ވަގަށް އެތެރެކުރަން އުޅުނު 130،000 ސިނގިރޭޓު އަތުލައިގަތް
  • އޭޕްރީލް 26، 2025 - ވަގަށް އެތެރެކުރަން އުޅުނު 13 މިލިއަން ސިނގިރޭޓު އަތުލައިގަތުން
  • މެއި 6، 2025 - މާލެ ތެރެއިން 221 ކާޓަންގެ ވަގު ސިނގިރޭޓު އަތުލައިގަތް
  • މެއި 25، 2025 - ވަގަށް އެތެރެ ކުރަން އުޅުނު 32 ކާޓަން ސިނގިރޭޓު އަތުލައިގަތް
  • ސެޕްޓެމްބަރު 24، 2025 - ހިތަދޫ ޕޯޓުން ވަގަށް އެތެރެ ކުރަން އުޅުނު 1.8 މިލިއަން ސިނގިރޭޓު އަތުލައިގަތް

މެންޗެސްޓާ: ޒުވާނާގެ އަތަށް ގޮތް ނޭނގޭ ސިނގިރޭޓެއް

ދުންފަތުގެ ޑިއުޓީ ބޮޑުކުރުމުން، ސިނގިރޭޓުގެ އަގު ވަނީ ދިވެހިންގެ އަތް ނުފޯރާ ފަށަށް އުފުލި އެވެ. އޭގެ ނަތީޖާއަކީ ރާއްޖޭގައި މިއަދު ސިނގިރޭޓުގެ އާދަޔާ ހިލާފު ބޮޑު ކަޅު ބާޒާރެއް އުފެދުމެވެ. ގޮތް ނޭނގޭ ވަގު ސިނގިރޭޓު ޒުވާނުންގެ މެދުގައި އާންމުވެއްޖެ އެވެ.

ގަވާއިދުން އެތެރެކޮށްގެން ވިއްކާ ސިނގިރޭޓުގެ ފޮއްޓެއް ބާޒާރުގައި ލިބެނީ 240 ރުފިޔާއަށެވެ. އެކަމަކު، ކަންމަތީ ފިހާރަތަކާއި ކުދި ސައިހޮޓާތަކަކުން އެންމެ 60 ރުފިޔާއަށް ސިނގިރޭޓު ފޮއްޓެއް މިއަދު ގަންނަން ލިބޭނެ އެވެ. އެއީ ވަގު ސިނގިރޭޓެވެ.

އެންމެ އާންމުކޮށް ރާއްޖޭގައި ލިބޭ ވަގު ސިނގިރޭޓަކީ މެންޗެސްޓާ އެވެ. މެންޗެސްޓާއަކީ ޖޭއެސްއެސް ޓޮބޭކޯ އެލްޓީޑީގެ ކިޔާ ކުންފުންޏެއްގެ ދަށުން ދުބާއީގައި އުފައްދާ ސިނގިރޭޓު ބްރޭންޑެކެވެ. އެ ކުންފުނީގެ ވެރިޔަކީ ސީރިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ ހާލިދު އަލް-މަހާމިދް އެވެ.

އޮސްޓްރޭލިއާގައި ސިނގިރޭޓާ ދެކޮޅަށް ފެށި ކެމްޕެއިނަށްފަހު ވެސް މުޅި ގައުމުގައި މެންޗެސްޓާ އާންމުވި އެވެ. އެ ދުވަސްވަރު، ހޯދިފައިވާ ހޯދުންތަކުން އެނގޭ ގޮތުގައި މެންޗެސްޓާއަކީ ވަގު ބްރޭންޑެއް ނޫން ނަމަވެސް އެއީ ބްލެކް މާކެޓުގައި ވިއްކުމަށް ހާއްސަކޮށް އުފައްދާ ސިނގިރޭޓެކެވެ.

ރާއްޖެއިން ގަނެފައިވާ މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓު ފޮއްޓެއް


ޑުބާއީގައި އުފައްދާ މެންޗެސްޓާ ސިނގިރޭޓަކީ ކޮލިޓީ ދަށް ސިނގިރޭޓެއް ކަމަށް ވެސް ހޯދުންތަކުން ދައްކަ އެވެ. މެންޗެސްޓާ ސިނގިރޭޓުގެ ފޭކު ވެސް މުޅި ދުނިޔޭގައި ފުޅާ ދާއިރާއެއްގައި ދައުރު ކުރެ އެވެ. މެންޗެސްޓާގެ ފޭކު ސިނގިރޭޓަކީ، އޭގެ އަސްލަށް ވުރެ ވެސް ކޮލިޓީ ދަށް ސިނގިރޭޓެކެވެ. އެކަމަކު، ފޭކާއި އަސްލު ސިނގިރޭޓުގެ ޕެކޭޖިންގައި މާ ބޮޑު ތަފާތުތަކެއް ނުހުރެ އެވެ.

މެންޗެސްޓާ ސިނގިރޭޓުގެ އަނެއް މައްސަލައަކީ އިންޒާރު ލިޔެފައި ނުހުންނަ މައްސަލަ އެވެ. ދުންފަތުން ލިބޭ ގެއްލުމަށް އިންޒާރުކޮށްދޭ ލިޔުމާއި ފޮޓޯ ސިނގިރޭޓު ފޮށީގެ ބޭރުގައި ޖެހުމަކީ ރާއްޖެ ހިމެނޭ ދުނިޔޭގެ ގިނަ ގައުމުތަކުގައި ލާޒިމު ކަމެކެވެ. އެކަމަކު ދުނިޔޭގެ އެކި ކަންކޮޅުގައި އެނބުރޭ މެންޗެސްޓާގެ ސިނގިރޭޓު އަދި ރާއްޖޭގައި ލިބެން ހުންނަ އެ ބްރޭންޑުގެ ސިނގިރޭޓު ފޮށިތަކުގައި ވެސް އެއްވެސް ޒާތެއްގެ އިންޒާރެއް ނުހުރެ އެވެ.

މެންޗެސްޓާ ސިނގިރޭޓު ވެރި ރަށް މާލެ އަދި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލިބެން ހުރުމަކީ މައްސަލައެކެވެ. އެ ބްރޭންޑުގެ ސިނގިރޭޓު ރާއްޖޭގައި ވިއްކުން ހުއްދަ ނުވާނެކަން ފޮއްޓަށް ބަލައިލި ނަމަވެސް ސާފުކޮށް އެނގެ އެވެ. ވަގު ސިނގިރޭޓާ ދެކޮޅަށް ފުލުހުން ސީރިއަސް މަސައްކަތްތަކެއް ކުރާ ނަމަ ފިހާރަތަކުން މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓު ހުސްކޮށްލުން ވާނީ ފަސޭހަ އޮޕަރޭޝަނަކަށެވެ.

~ ~

ކުރިން މި ލިޔުމަށް ވާހަކަ ދެއްކި ޔޫޝައު ފަދަ ޒުވާނުންނަކީ ދުންފަތާ ދުރުވާން މަސައްކަތް ކުރަމުންދާ އެތައް ބައެއްގެ ހަގީގަތެވެ. އޭނާ އަދި އެހެން ޒުވާނުން ވެސް ދުންފަތާ ދުރު ކުރުވަން ބޭނުންވަނީ ސައިޓިފިކަލީ ޕްރޫވަން މެތޮޑުތަކެވެ.

ދުރު ވިސްނުމެއް ނެތި ކުއްލިއަކަށް އުފަން ކުރުވާ ޕޮލިސީތަކުން ފައިދާ ވަނީ ކުށްވެރިންނަށެވެ. އެފަދަ ޕޮލިސީތަކުގެ ސަބަބުން ބޭނުންވާ މަގްސަދު ހާސިލު ނުވެ، ކަންކަން އިތުރަށް ވަނީ ގޯހެވެ. ދެން ވެސް އެންމެ ބުއްދިވެރި ގޮތެއް ކަމަށް ފެންނަނީ ސިނގިރޭޓުގެ މާސްޓާ ޕްލޭން ނިމެންދެން އިތުރު އާ ޕޮލިސީއެއް ތައާރަފު ނުކުރުމެވެ.