24 އޮކްޓޯބަރު 2025 - 11:00 1
އަހުމަދު އާއިދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން: އެމަނިކުފާނު ވިދާޅުވީ ސަރުކާރުން 2.5 ބިލިއަން ރުފިޔާ ޗާޕުކުރަނީ މުސާރަ ދޭނެ ލާރި ވެސް ނެތިގެން ކަމަށް ---- ފޮޓޯ: އަދަދު
24 އޮކްޓޯބަރު 2025 - 11:00 1
ޕެންޝަން އޮފީހުން ގަނެފައި ހުރި ޓީބިލުތަކެއް އެމްއެމްއޭއަށް ގަނެ، އެ ފައިސާ ބޭނުންކޮށްގެން ޕެންޝަން އޮފީހަށް ބޮންޑެއް ވިއްކައިގެން ސަރުކާރުން 2.5 ބިލިއަން ރުފިޔާ ޗާޕުކުރަނީ ދައުލަތުގެ އަދި އެސްއޯއީތަކުގެ މުވައްޒަފުންނަށް މުސާރަ ދޭނެ ފައިސާ ވެސް ނެތިގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، މި ފައިސާ ބޭނުންކުރާނީ ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކަން ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަން ގަބޫލުނުކުރެވޭ ކަމަށެވެ. ދައުލަތުން މިހާރު އެސްއޯއީ ތަކަށާއި އަމިއްލަ ކުންފުނިތަކަށް 30 ބިލިއަނެއްހާ ރުފިޔާ ދަރާފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"ކޮންޓްރެކްޓަރުންނަށް ދަންކަން ޖެހޭ ފައިސާ ދައްކާށޭ ކިޔާފަކާއެއް 2.5 ބިލިއަން. 2،500 މިލިއަން ޗާޕުކޮށްގެންނެއް އެޔަކުންނެއް ނުވާނެ. އެ ނުވެ ހުވަނދަކަށް ވެސް. އަޅުގަނޑު ދެންމެ މި ދެންނެވީ ބައެއް ހިސާބުތައް ހުރި ގޮތް އިނގޭތޯ. އެހެންވީމަ އެކަމެއް ނުކުރާނެ،" ޔާމީން ވިދާޅުވި އެވެ.
މި ފައިސާއިން އަމިއްލަ ވިޔަފާރިވެރިންގެ ބިލުތައް ހަލާސްކުރާނެ ކަމަށް ސަރުކާރުން ބުނީ ފައިސާ ޗާޕުކުރާކަން ފަޅާއަރައި، ކުރިމަތިވި ޕްރެޝަރުތަކުން ސަލާމަތްވުމަށް ކަމަށް އެމަނިކުފާނު ރޭ ތުހުމަތު ކުރެއްވި އެވެ.
"އެއީކީ ނޫން މަގުސަދަކީ. އެކަމެއް ނުވެސް ކުރާނެ. މިއީ ހަމަ ދެންމެ ތި ވާހަކައިގަ ފެށްޓެވި ގޮތަށް، މުސާރަ ދޭނެ ލާރި ވެސް ނެތީ. ކުރެވޭނެ އެއްވެސް ކަމެއް ނެތީމަ ހަމަ އެކަމަށް، ހަމަ އެކަމަށް މިވަގުތުން މިވަގުތަށް އޮތް ހައްލަކީ މިއީ ކަމަށް ވާތީ މިކަން މި ކޮށްލަނީ،" ޔާމީން ވިދާޅުވި އެވެ.
ފައިސާ ޗާޕުނުކޮށް އިގްތިސާދު ހިފެހެއްޓުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެކަމަކު، ސަރުކާރުން މިހާރު ވަނީ އޮޅުވާލައިގެން ފައިސާ ޗާޕު ކުރަން ނިންމައިފަ އެވެ. ފައިސާ ޗާޕު ކުރަން އުޅެނީ މަރުކަޒީ ބޭންކުން ޕެންޝަން އޮފީހަށް ފައިސާ ދިނުމުން، އެ އޮފީހުން ފައިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓުކޮށްގެންނެވެ.
މިކަމާ އިހުތިޖާޖުކުރުމުގެ ގޮތުން ޕެންޝަން އޮފީހުގެ ބޯޑުން އަހުމަދު ސަރުވަޝް އާދަމް ވަނީ އިސްތިއުފާދެއްވާފަ އެވެ.
ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކަން ޕެންޝަން ފަންޑާއި އެމްއެމްއޭ ހިމެނޭ މުއާމަލާތެއް ހިންގަން އުޅޭއިރު ސަރުކާރުން އަންނަނީ މިއީ ފައިސާ ޗާޕުކުރުން ނޫން ކަމަށް ބުނެ މައުލޫމާތު ދެމުންނެވެ. މިކަން ދިފާއުކުރަން ސަރުކާރުން ދައްކަނީ މި މުއާމަލާތް ސްޓްރަކްޗާކޮށްފައިވާ ގޮތެވެ. މިހާރު އޮތް ގޮތުން ފައިސާ ޗާޕުކުރުމުގެ ޓެކްނިކަލް މާނައިގެ ތެރެއަށް މި މުއާމަލާތެއް ނުފެތެ އެވެ.
މިއީ ގާނޫނުގައި ބުނާ ފައިސާ ޗާޕުކުރުމުގެ މާނައަށް ނުފެތޭ މުއާމަލާތެއް ނަމަވެސް، ނުސީދާ ގޮތުން ސަރުކާރުގެ ހަރަދުތައް ފޫބައްދަން އެމްއެމްއޭ މެދުވެރިކޮށް ނަގާ ފައިސާއަކަށް ވާތީ މަނީ ބޭސް އިތުރުވެ އެވެ. އަދި ސަރުކާރުގެ ޑެފިސިޓު ފައިނޭންސް ކުރަން މި ފައިސާ ބޭނުންކުރެވެ އެވެ. އެހެންކަމުން އެ ޗާޕުކުރެވެނި ފައިސާ އެވެ.
މިކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީން ވަނީ ޗާޕު ކުރަން ސަރުކާރުން އުޅެނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ވަގުތުން ވަގުތަށް އެކަން ހުއްޓައިލުމަށް ގޮވާލާފަ އެވެ.
އެ ޕާޓީން މިދިޔަ ހަފުތާ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ވަރަށް ނުރައްކާތެރިކަމެއް ކަމަށެވެ. އަދި ފައިސާ ޗާޕު ކޮށްފިނަމަ ދިވެހި ރުފިޔާގެ އަގު އަގު ދަށްވެ ބޭރު ފައިސާގެ އަގު އިތުރަށް މަތިވުމުގެ ނަތީޖާއެއްގެ ގޮތުން މުދަލާއި ހިދުމަތުގެ އަގުތައް އިންތިހާއަށް އުފުލޭނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment