Advertisement

ރެއާލުން ރެކޯޑް ދެމެހެއްޓިއިރު، ޗެލްސީ އަށް ވެސް މޮޅެއް

23 އޮކްޓޯބަރު 2025 - 09:14 0


ރެއާލުން ރެކޯޑް ދެމެހެއްޓިއިރު، ޗެލްސީ އަށް ވެސް މޮޅެއް

23 އޮކްޓޯބަރު 2025 - 09:14 0

މެޑްރިޑް (އޮކްޓޫބަރު 23) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޔުވެންޓަސް 1-0 އިން ބަލިކޮށް ރެއާލް މެޑްރިޑުން މި ފަހަރުގެ މުބާރާތުގައި ހުރިހާ މެޗަކުން މޮޅުވުމުގެ ރެކޯޑް ދެމެހެއްޓިއިރު، އަޔަކްސް އަތުން 5-1 އިން ޗެލްސީން ވެސް މޮޅެއް ހޯދައިފި އެވެ.

ރެއާލްގެ މަޝްހޫރު ދަނޑު ސަންޓިއާގޯ ބާނަބައުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ 57 ވަނަ މިނިޓްގައި، ރެއާލަށް ކުޅޭ އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް އެވެ.

މިއީ، އަނިޔާގެ ސަބަބުން މި ސީޒަނުގައި ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ބެލިންހަމް އަށް ލިބިގެންދާނެ ބޮޑު ހިތްވަރެކެވެ. މި ސީޒަނުގައި ތިން މެޗެއްގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ބެލިންހަމް ވަނީ ބަދަލަކަށް ހަތަރު މެޗުގައި ކުޅެން އަރައިފަ އެވެ.

މެޗަށް ފަހު ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ ވެސް ވަނީ މި މެޗުގައި ބެލިންހަމްގެ ފަރާތުން ފެނުނު ކަންތައްތަކާ އެކު ސީޒަނުގައި ކުރިއަށްދިއުމަށް ރަނގަޅު ފޯމަކަށް އެޅުމަށް ލުއިތަކެއް ލިބޭނެ ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ފުރަތަމަ ތިން މެޗު ނިމުނުއިރު، ފަސް ޓީމަކުން ވަނީ ފުރަތަމަ ތިން މެޗުން މޮޅުވެފަ އެވެ. އެއީ، ރެއާލްގެ އިތުރުން، ބަޔާން މިއުނިކް، ޕީއެސްޖީ، އާސެނަލް އަދި އިންޓަ މިލާން އެވެ.

ޗެލްސީން ތިން މެޗުގެ ތެރެއިން ދެ ވަަނަ މެޗުން މޮޅުވިއިރު، މި މެޗުގެ ބޮޑުބައި އަޔަކްސް އިން ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، މެޗުގެ، 17 ވަނަ މިނިޓްގައި، އަޔަކްސްގެ ކެޕްޓަން، ކެނެތު ޓޭލާ އަށް ރަތް ކާޑެއް ދެއްކުމުންނެވެ. މެޗުގައި ޗެލްސީގެ ލަނޑުތައް ޖެހީ، މާކް ގުއިއޫ، މޮއިސަސް ކައެސޭޑޯ އަދި ޓައިރިކް ޖޯޖްހެ އިތުރުން ދެ ޕެނަލްޓީން އެންޒޯ ފެނާންޑޭޒް އާއި އެސްޓެވާއޯ އެވެ.

މެޗުގައި އަޔަކްސްގެ ހަމައެކަނި ލަނޑު ޖެހީ، ޕެނަލްޓީ އަކުން ވައުޓް ވެގްހޯސްޓް އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އިން ވަނީ 0-0 އިން މޮނާކޯއާ އެއްވަރުވެފަ އެވެ. އަދި، ބަޔާނުން ވަނީ ކްލަބް ބްރޫޖް އަތުން 4-0 އިން މޮޅުވެފަ އެވެ. ބަޔާނުން އަންނަނީ މި ސީޒަނުގައި ހުރިހާ މުބާރާތެއްގައި މިހާތަނަށް ކުޅެފައިވާ ހުރިހާ މެޗަކުން މޮޅުވަމުންނެވެ