Advertisement

ރޮސެނިއާއާ ޗެލްސީގެ ކޯޗުކަން ހަވާލުކުރަން މަޝްވަރާކުރަނީ

5 ޖަނަވަރީ 2026 - 11:27 0


ރޮސެނިއާއާ ޗެލްސީގެ ކޯޗުކަން ހަވާލުކުރަން މަޝްވަރާކުރަނީ

5 ޖަނަވަރީ 2026 - 11:27 0

ލަންޑަން (ޖެނުއަރީ 5) - ހުސްވެފައިވާ ޗެލްސީގެ ކޯޗުގެ މަގާމާ ހަވާލުވުމަށް ސްޓްރާސްބޯގެ ކޯޗަކަށް ހުރި ލިއަމް ރޮސެނިއާ، މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިނގިރޭސި 21 އަހަރުން ދަށުގެ ޓީމަށް ކުރިން ކުޅުނު ރޮސެނިއާ، 41، ކޯޗިން ކެރިއަރު ފެށީ، 2022 ވަނަ އަހަރު އެވެ. ޑާބީ ކައުންޓީގެ ވަގުތީ ކޯޗަކަށް 2022 ވަނަ އަހަރު މަސައްކަތްކުރި ރޮސެނިއާ، ފަހުން، 2022 އިން 2024 އަށް ހަލް ސިޓީގެ ކޯޗަކަށް ހުރުމަށް ފަހު، ސްޓްރާސްބޯއާ ހަވާލުވީ ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

ސްޓްރާސްބޯ އަކީ، ޗެލްސީ ހިންގަމުން އަންނަ އެއް ހިއްސާދާރު ކުންފުނި، ބްލޫކޯ އިން ހިންގަމުން އަންނަ ކްލަބެކެވެ. ޗެލްސީގެ ކޯޗަކަށް ހުރި އެންޒޯ މަރެސްކާ ވަކިކޮށް އެ ޓީމުން ކޯޗެއް ގެންނަން މަސައްކަތް ކުރަމުން އަންނައިރު، ރޮސެނިއާ،އާ އެ މަގާމު ހަވާލުކުރުމުގެ ފަހު މަރުހަލާތައް މިހާރު ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން 1-1 އިން މެންޗެސްޓާ ސިޓީއާ އެއްވަރުވި މެޗުގައި، ޗެލްސީ އަށް ކޯޗުކޮށްދިން އެ ޓީމުގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗު، ކަލުމް މެކްފާލޭން ބުނީ، ކުރިއަށްއޮތް ދުވަސްތަކުގައި ޗެލްސީގެ އާ ކޯޗެއް ފެނިގެންދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި، 2024 ވަނަ އަހަރު ޗެލްސީގެ ކޯޗުކަމާ މަރެސްކާ ހަވާލުވިއިރު، އެ އެއްބަސްވުން ހަމަވާން އޮތީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަަލަށެވެ. ޗެލްސީގެ ކޯޗަކަށް މަރެސްކާ ހުރި ފުރަތަމަ ސީޒަނުގައި އޭނާ ވަނީ އެ ޓީމަށް ޔޫރަޕްގެ ތިން ވަަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް ކޮންފަރެންސް ލީގާއި މުޅިން އަަލަށް ގިނަ ޓީމުތަކާ އެކު ކުޅޭ ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެކަމަކު، ޗެލްސީގެ މެނޭޖްމަންޓާއި މަރެސްކާއާ މައްސަލަ ޖެހި، އޭނާ މަގާމު ދޫކޮށްލީ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޗެލްސީގެ ސީނިއާ މެނޭޖްމަންޓުން މަރެސްކާއާ މެދު ހިތްހަމަނުޖެހުނީ، އޭނާ ދެ ކްލަބަކާ އެކު މަޝްވަރާތަކެއް ކުރާ ކަމަށް ބުނުމުންނެވެ. ކުރިން ލެސްޓާ ސިޓީ އަށް ކޯޗުކޮށްދިން މަރެސްކާ އަކީ މެންޗެސްޓާ ސިޓީން ވެސް ފާރަލަމުން އަންނަ ކޯޗެކެވެ. ކުރިން، މަރެސްކާ ވަނީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކޮށްފަ އެވެ.