Advertisement

ސިނގިރޭޓު މައްސަލައިގައި ރޭ ހައްޔަރުކުރި މީހާގެ ވަނަވަރު އާންމުކޮށްފި

22 އޮކްޓޯބަރު 2025 - 13:01 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެމްޕީއެލްގައި ބަހައްޓާފައި ހުރި ސިނގިރޭޓު ދެ ކޮންޓޭނަރު ވަގަށްނެގި މައްސަލައިގައި ރޭ ހައްޔަރުކުރި މީހާ -- ފޮޓޯ: ފުލުހުން


ސިނގިރޭޓު މައްސަލައިގައި ރޭ ހައްޔަރުކުރި މީހާގެ ވަނަވަރު އާންމުކޮށްފި

22 އޮކްޓޯބަރު 2025 - 13:01 1

އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި 13 މިލިއަން ސިނގިރޭޓުގެ މައްސަލައިގައި ރޭ ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.

އެމްޕީއެލްގައި ހުއްޓައި 13 މިލިއަން ސިނގިރޭޓު ވަގަށްނެގި މައްސަލައިގައި ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގައި ވަގަށް ނެގި ކޮންޓެއިނަރުތަކުގެ ބައިތަކެއް ވެސް އޮކްޓޯބަރު 19، ގައި ތިލަފުށިން ހޯދައިފަ އެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ރޭ ހައްޔަރުކުރީ ހަސަން އަބްދުއްރަހްމާން، 52، އެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މި ނޫހަށް ލިބިފައިވާ ފޮޓޯއަކުން ފެންނަ ގޮތުގައި ތިލަފުށީގައި ކޮންޓެއިނަރުތައް ބަހައްޓާފައިހުރީ ރޫޅާލުމަށްފަހު ބައިތައް ވަކިވަކިންނެވެ. މި މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.

ސިނގިރޭޓު ވައްކަމާއި ގުޅިގެން މީގެ ކުރިން ފުލުހުން ހައްޔަރުކުރީ ބޮޑު ދެ ވިޔަފާރިވެެރިން ކަމަށްވާ އަހުމަދު އާރިފާއި މުހައްމަދު ވަހީދު އާއި ކަސްޓަމްސްގެ ކުރީގެ އޮފިސަރެއް ކަމަށްވާ މުއާޒް އަލީ އަދި ކަސްޓަމްސްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް އެވެ.

އާރިފް އާއި ޒިވާރުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދިނެވެ. މުހައްމަދު ވަހީދުގެ ބަންދަށް ދިނީ 10 ދުވަހެވެ. މުއާޒް ބަންދުގައި ބަހައްޓަން ފުރަތަމަ ފަސް ދުވަސް ޖެހުމަށްފަހު ފަހުން އިތުރު 10 ދުވަސް ވަނީ ޖަހައިފަ އެވެ.

މި މައްސަލައާ ގުޅިގެން ކަސްޓަމްސް އިން ވަނީ ހައްޔަރުކުރި ޒިވާރު ވަޒީފާއިން ސަސްޕެންޑުކޮށްފަ އެވެ. އަދި، އެމްޕީއެލްގެ ހަ މުވައްޒަފަކު ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.