Advertisement

އާ ޑްރޯންތަކާއެކު އޭގައި ހަރުކުރާ ހަތިޔާރު ޝިޕްމަންޓެއް ވެސް ގެނައި

23 އޮކްޓޯބަރު 2025 - 09:36 7

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްއެންޑީއެފް އަށް މިދިޔަ އަހަރު ގެނައި ޓީބީ-2 ޑްރޯންތައް އިފްތިތާހު ކުރި ރޭ ރައީސް މުއިއްޒު ޑްރޯން އެއް ބައްލަވާލައްވަނީ --- ފޮޓޯ: ރައީސް އޮފީސް


އާ ޑްރޯންތަކާއެކު އޭގައި ހަރުކުރާ ހަތިޔާރު ޝިޕްމަންޓެއް ވެސް ގެނައި

23 އޮކްޓޯބަރު 2025 - 09:36 7

ކަނޑާއި ވައިގެ ސަރަހައްދު ބަލަހައްޓަން އެމްއެންޑީއެފްއަށް މި މަހު ގެނައި ބައިރަކްތާރު ޓީބީ-2 ޑްރޯން ތަކާއެކު، އެ އުޅަނދުތަކުގައި ހަރުކުރަން ހަތިޔާރު ޝިޕްމަންޓެއް ވެސް ގެނައިކަން އެނގިއްޖެ އެވެ.

މީގެ ކުރިން މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރު ދިވެހި އަސްކަރިއްޔާގެ ބޭނުމަށް ގަނެފައިވަނީ ބައިކާރު ކުންފުނިން އުފައްދާ "ބައިރަކްތާރު އަކިންޗީ" ޑްރޯންތަކެކެވެ. ނަމަވެސް، މިހާރު ކަށަވަރުވެފައިވާ ގޮތުގައި އެމްއެންޑީއެފް އިން ގެނެސްފައިވަނީ ޓީބީ-2 މަރުކާގެ ތިން ޑްރޯން އެވެ.

މި ޑްރޯންތަކާއެކު ގެނައި ހަތިޔާރުތަކުގެ އަދަދެއް ނޭނގެ އެވެ. އެއް މަސްދަރުން މައުލޫމާތު ދިން ގޮތުގައި ދެތިން ކޮންޓެއިނަރުގެ ހަތިޔާރު އައްޑޫއަށް ގެނެސްފައިވެ އެވެ. ޓީބީ-2 ޑްރޯންތަކުގައި ހަތަރު ޕޭލޯޑު ހަރުކުރެވެ އެވެ.

އެމްއެންޑީއެފް އަށް ފުރަތަމަ ގެނައި ޓީބީ-2 ޑްރޯންތައް އިފުތިތާހު ކުރި ރޭ ދައްކާލި އެއް ޑްރޯން ގައި ހުރީ ހަތިޔާރު ހަރުކޮށްފަ އެވެ.

ބައިކާރަކީ ހަތިޔާރު އުފައްދާ ކުންފުންޏެއް ނޫނެވެ. އެ ކުންފުނިން ގައުމުތަކަށް ޑްރޯން ޑެލިވާ ކުރާއިރު އާންމުކޮށް ފޯރުކޮށްދެނީ ތުރުކީގެ އެހެން ޑިފެންސް ކުންފުނިތަކުން އުފައްދާ ހަތިޔާރެވެ.

ބައިކާރުގެ ޑްރޯންތަކުގައި ހަރުކުރަން ހަތިޔާރު ގަންނަ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ތުރުކީގެ ރޮކެޓްސަން އަދި އަސެލްސަން އެވެ. ބައިކާރުގެ ވެބްސައިޓުގައި ބުނާ ގޮތުން ޓީބީ-2 ޑްރޯންތަކުގައި އާންމުކޮށް ހަރުކުރަނީ ރޮކެޓްސަން އިން އުފައްދާ އެމްއޭއެމް-އެލް އަދި އެމްއޭއެމް-އެލް މިއުނިޝަން އެވެ.

ބައިރަކްތާރު ޓީބީ-2 ގައި ހަރުކުރާ ރޮކެޓްސަން ގެ އެމްއޭއެމް-އެލް އަދި އެމްއޭއެމް-ސީ މިއުނިޝަން ---


ޑްރޯންތަކާއި ހަތިޔާރު އައްޑޫއަށް ގެނައީ އޮކްޓޯބަރު 15، އަދި އޮކްޓޯބަރު 17، ވަނަ ދުވަހުގެ ރޭ ވަކަވަކިން ގެނައި ތިން ޝިޕްމެންޓެއްގަ އެވެ.

މީގެ ތެރޭގައި ހިމެނެނީ ބެލަރޫސްގެ "ރޫބީ ސްޓާ އެއާވޭސް" ގެ Ilyushin Il-76TD މަރުކާގެ ބޯޓެއްގައި ގެނައި ދެ ޝިޕްމަންޓަކާއި "އެއާ މާސްޓާ" އެއާލައިނުގެ Boeing 737-8F2 މަރުކާގެ ބޯޓެއްގައި ގެނައި ޝިޕްމަންޓެކެވެ.

ރޫބީ ސްޓާގެ ބޯޓު އައްޑޫ ގަމަށް އައީ ޔޫއޭއީގެ ފުޖައިރާ ސިޓީއިންނެވެ. އެއާ މާސްޓާގެ ބޯޓު ގަމަށް އައީ ޔޫއޭއީގެ ޝާރްޖަހް ސިޓީ އިންނެވެ. ރާއްޖެ އައުމުގެ ކުރިން ފުރަތަމަ މި ދެ ބޯޓުން ވަނީ ތުރުކީގެ ބައިކާރު ކުންފުނީގެ ޓެސްޓިން އަދި ޑްރޯން އުފައްދާ ފެސިލިޓީތަކެއް ހުންނަ ތެކިރްދާ ސިޓީ އަށް މަޑުކޮށްފަ އެވެ.

ޑްރޯންގެ ފުރަތަމަ ޝިޕްމަންޓުގައި ހިމެނުނީ 20 ފޫޓުގެ ތިން ކޮންޓެއިނަރުގަ އެވެ. ފަހު ދެ ޝިޕްމަންޓުގައި ހިމެނުނު ތަކެތީ ތަފުސީލެއް މިހާތަނަށް ނުލިބެ އެވެ. ޑްރޯންތައް އެސެމްބަލްކޮށް ޓެސްޓު ކުރުމަށް ބައިކާރުގެ ޓީމެއް މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ.

ޑްރޯންތައް އޮޕަރޭޓުކުރަން އެމްއެންޑީއެފް އިން އަންނަނީ ގަމު އެއާޕޯޓުގައި ޑްރޯން ބޭސް އެއް ތަރައްގީ ކުރަމުންނެވެ.

އެމްއެންޑީއެފްގެ ބޭނުމެއް އައްޑޫ ގަމުން ބިމެއް ދޭން އުޅޭ ކަމަށް މިދިޔަ އަހަރުގެ ފަހުކޮޅު އަޑު ފެތުރުނެވެ. އޭރު އަޑުފެތުރުނު ގޮތުގައި ގަމުން އެމްއެންޑީއެފްއަށް ދެނީ 980،000 އަކަފޫޓުގެ ބިމެކެވެ. މިކަން މިހާތަނަށް ސަރުކާރުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ގަން އެއާޕޯޓުގެ ރަންވޭގެ ދެކުނުން އޮތް ސަރަހައްދެއްގައި ޑްރޯން ބޭސް ތަރައްގީކުރަމުންދާކަން ސެޓްލައިޓު ފޮޓޯތަކުން ވެސް ދައްކަ އެވެ. ސިފައިން މިހާރު ކުރަމުންދަނީ ޑްރޯން ބޭސް އާއި ގަމުގެ ރަންވޭ ގުޅާލައި، ޓެކްސީވޭއެއް ހެދުމުގެ މަސައްކަތެވެ.

ސަރުކާރުން ސިފައިންނަށް އިރުޝާދު ދީފައިވަނީ މި މަހުގެ ފަހުކޮޅު ރައީސް މުހައްމަދު މުއިއްޒު އައްޑޫއަށް ކުރައްވާ ދަތުރުގައި އެ ބޭސް އިފްތިތާހު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމެވެ. މައުލޫމާތު ލިބޭ ގޮތުގައި މުއިއްޒު އައްޑޫއަށް ވަޑައިގަންނަވަނީ މި މަހުގެ ފަހު 10 ދުވަހުގެ ތެރޭގަ އެވެ.