Advertisement

މީޑިއާ ކޮންޓްރޯލް ކޮމިޝަނުގެ ރައީސް އައްޔަނުކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

22 އޮކްޓޯބަރު 2025 - 11:59 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


މީޑިއާ ކޮންޓްރޯލް ކޮމިޝަނުގެ ރައީސް އައްޔަނުކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

22 އޮކްޓޯބަރު 2025 - 11:59 0

މިނިވަން މީޑިއާ ނެތިކޮށްލުމަށް ފާސްކުރި ގާނޫނުގެ ދަށުން އުފައްދާފައިވާ މީޑިއާ ކޮންޓްރޯލް ކޮމިޝަނުގެ ރައީސްއަކު އައްޔަނުކުރުމުގެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.

މިނިވަން މީޑިއާ ނެތިކޮށްލުމަށް ފާސްކުރި ގާނޫނުގައި ބަޔާން ކޮށްފައިވާގޮތުން އެ ކޮމިޝަނުގައި ތިއްބަވާ ހަތް މެންބަރުންގެ ތެރެއިން ތިން މެންބަރުން އަދި ކޮމިޝަނުގެ ރައީސް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

އެ ކޮމިޝަނަށް އައްޔަނުކޮށްފައި މަޖިލީހުން އައްޔަނުކޮށްފައި ވަނީ ބްރޯޑްކޮމްގެ ކުރީގެ ރައީސް، ސަފާ ޝަފީގު އާއި ބްރޯޑްކޮމްގެ ކުރީގެ މެންބަރު، އާމިނަތު ސަރާހަތު އިއްޒަތުގެ އިތުރުން މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، މުހައްމަދު ފަރުޝަތު އެވެ.

އޮންލައިން މީޑިއާތަކުން އެ ކޮމިޝަނަށް އިންތިހާބުވީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް، ހުސައިން ސަގީފް އާއި ވަގުތު ނޫހުގެ ނޫސްވެރިޔާ، ސިމާހާ ނަސީމް އެވެ.

ބްރޯޑްކާސްޓިން މީޑިއާތަކުން އެ ކޮމިޝަނަށް އިންތިހާބުވީ ބްރޯޑްކާސްޓިން ކޮމިޝަނުގެ ކުރީގެ މެންބަރު، ޒަމްއަތު ވަހީދު އާއި އަބްދުލްއަޒީޒް އިބްރާހީމް އެވެ.

އޮންލައިން އަދި ބްރޯޑްކާސްޓިން ކެޓެގަރީން ކޮންޓްރޯލް ކޮމިޝަނަށް ހަތަރު މެންބަރުން އިންތިހާބުވީ ވޯޓަކާ ނުލަ އެވެ.

މީޑިއާ ކައުންސިލް އުވުމާ ހަމައަށް ކުރިއަށްގެންދިޔަ އިންތިހާބުތައް ކޮންމެ ފަހަރަކުވެސް ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް ވާދަވެރިކަމާއެކުގަ އެވެ. އެހެންނަމަވެސް ކޮންޓްރޯލް ކޮމިޝަނަށް މެންބަރުން އިންތިހާބު ކުރަން ކުރި އިއުލާނަށް މީޑިއާތަކުން ތަރުހީބެއް ނުލިބުނެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ވުޖޫދު ކުރި މީޑިއާ ކޮންޓްރޯލް ގާނޫނު އުވައިލަން ބައިނަލްއަގުވާމީ އެކި ޖަމާއަތްތައް ހިމެނޭގޮތަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އޭގެ ތެރޭގައި އދ. އާއި ޔޫރަޕިއަން ޔޫނިއަން، އެމެރިކާ، އިނގިރޭސިވިލާތް، އައިއެފްޖޭ، އާރުއެސްއެފް، ސީޕީޖޭ ހިމެނެ އެވެ.