Advertisement

ފައިސާ ޗާޕުކޮށްގެން ކައުންސިލް އިންތިހާބުގައި ރިޝްވަތު ބަހާނެ: އިމްރާން

21 އޮކްޓޯބަރު 2025 - 19:50 1

އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ އެމްޑީޕީގެ ޖަލްސާއެއްގައި: އިމްރާން ވިދާޅުވީ ފައިސާ ޗާޕުކުރަނީ ހީލަތްތެރި ރޭވުމެއްގެ ދަށުން ކަމަށް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ފައިސާ ޗާޕުކޮށްގެން ކައުންސިލް އިންތިހާބުގައި ރިޝްވަތު ބަހާނެ: އިމްރާން

21 އޮކްޓޯބަރު 2025 - 19:50 1

ޕެންޝަން އޮފީހާއި އެމްއެމްއޭ ބައިވެރިވެގެން ހިންގާ މުއާމަލާތުގައި ޗާޕު ކުރާ ފައިސާ ސަރުކާރަށް ނަގައިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް މުހައްމަދު މުއިއްޒު އެ ފައިސާ ރިޝްވަތުގެ ގޮތުގައި ބައްސަވާނެ ކަމަށް އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އިމްރާން އެ އިޝާރާތްކުރައްވާ މުއާމަލާތާކީ އެމްއެމްއޭއިން ފައިސާ ހޯދައިގެން ޕެންޝަން އޮފީހުން ގަންނަ 2.5 ބިލިއަން ރުފިޔާގެ ބޮންޑަށެވެ. މި ބޮންޑުގެ ތަފްސީލުތައް ހާމަނުކުރި ނަމަވެސް މުއިއްޒު ވަނީ މި މުއާމަލާތް ހިންގަން އުޅޭ ކަން ރޭ ކަށަވަރުކޮށްދެއްވާފަ އެވެ.

ކުރީ ސަރުކާރުގައި ހޯމް މިނިސްޓަަރަކަށް ވެސް ހުންނެވި އިމްރާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ޕެންޝަން އޮފީހުގެ ބޯޑަށް ބިރުދައްކައިގެން، އެ ތަނުގެ އިންވެސްޓްމަންޓެއް ކަމަށް ދޭހަވާ ގޮތަށް މި މުއާމަލާތް ހިންގަން އުޅުނަސް، މިއީ ސަރުކާރުގެ ހިންގުމުގެ ބޭނުމަށް ފައިސާ ޗާޕުކުރުުމެވެ.

މިހެން ކަން ކުރުމުން، ޕެންޝަން ސްކީމުން ޕެންޝަންގެ ސިފަ ގެއްލި ޓެކުހެއްގެ ކުލަތައް ޖެހިގެންދާ ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި މީގެ ސަބަބުން މި ސަރުކާރުގެ ޑޮލަރު މާރުކުރުމުގެ 'ދިއުޅިއެއްނުވާ' ސިޔާސަތު ފެއިލުވެފައިވާ ކަން ދޭހަކޮށްދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިކަމުން ދޭހަކޮށްދޭ އަނެއްކަމަކީ އިގުތިސޯދު ހަމަޔަކަށް އެޅުވުމަށްކަމަށް ބުނެ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ވަންނަ ޑޮލަރު އެމްއެމްއޭ މެދުވެރިކޮށް ގަދަބާރުން ސަރުކާރަށް ނަގައިގެން ހިންގަންއުޅުނު ދިއުޅިއެއްނުވާ ސިޔާސަތު ނުހިނގާ ފޭލިވެއްޖެކަން." އިމްރާން ވިދާޅުވި އެވެ.

އިމްރާންގެ ޓްވީޓު ނިންމާލަމުން އޭނާ ވަނީ މުއިއްޒު ވިދާޅުވެފައިވާ ގޮތާ ހިލާފަށް، ފައިސާ ޗާޕުކުރުމުން ޑޮލަރުގެ އަގު އިތުރަށް އުފުލޭނެ ކަމަށެވެ. މިއީ މި ކަމާ ދެކޮޅަށް ވާހަކަ ދެއްކި އެންމެން ވެސް ފާހަގަކުރަމުން އަންނަ ނުކުތާއެކެވެ.

މިއީ ފައިސާ ޗާޕުކުރުން ކަމަށް ފަންނީ މާހިރުން ވެސް ބުނަމުން އަންނަ ދަނޑިވަޅެއްގައި މުއިއްޒު ވަނީ މިއީ ފައިސާ ޗާޕުކުރުން ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި މި ފައިސާ ބޭނުންކުރަނީ ކޮންޓްރެކްޓަރުންނަށް ނުދެއްކި ހުރި ދެ ބިލިއަން ރުފިޔާ ދައްކަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެކަމަކު މި މުއާމަލާތުގެ އިގުތިސޯދީ ނަތީޖާއަކީ އެމްއެމްއޭގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓު އޯވާޑްރޯ ކުރުމުން ނިކުންނަ ނަތީޖާ އެެވެ. އަދި ކޮންޓްރެކްޓަރުންނަށް މި ފައިސާ ދޫކުރުމާއެކީ މި ފައިސާ ގޮސް އިގުތިސޯދުގެ ތެރެއަށް ވަންނަ އިރު، އިގުތިސޯދުގައި ހުރި ރުފިޔާ އިތުރުވާނެ އެވެ.