Advertisement

އައިއެމްއެފްއިން ބުނަނީ ސަރުކާރުން ލަފާކުރާ ވަރަށް އިގުތިސޯދު ކުރިނާރާނެ ކަމަށް

20 އޮކްޓޯބަރު 2025 - 19:43 0

އަމަން ހަލީމް

އަމަން ހަލީމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް: އިގުތިސޯދީ ކުރިއެރުން އޮތީ މި ޓާމިނަލް ފުރިހަމައަށް ބޭނުންކުރުމާ ގުޅިފައި --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


އައިއެމްއެފްއިން ބުނަނީ ސަރުކާރުން ލަފާކުރާ ވަރަށް އިގުތިސޯދު ކުރިނާރާނެ ކަމަށް

20 އޮކްޓޯބަރު 2025 - 19:43 0

ދިވެހި އިގުތިސޯދު ކުރިއަރާނެ ކަމަށް ސަރުކާރުން ލަފާކުރާ ވަރަށް މި އަހަރާއި އަންނަ އަހަރު އިގުތިސޯދު ކުރިނާރާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ރިޕޯޓެއްގައި ބުނެފި އެވެ.

ސަރުކާރުން މި އަހަރަށް ފާސްކުރި ބަޖެޓުގައި އަންދާޒާ ކުރީ މި އަހަރު ރިއަލް ޖީޑީޕީ ކުރިއެރުން ހުންނާނީ 6.4 ޕަސެންޓުގައި ކަމަށެވެ. ނަމަވެސް އައިއެމްއެފްއިން އެންމެ ފަހުން އާންމުކޮށްފައިވާ "ވޯލްޑް އިކޮނޮމިކް އައުޓްލުކް" ގައި އަންދާޒާ ކުރަނީ އިގުތިސޯދު ކުރިއަރާނީ އެންމެ 4.8 ޕަސެންޓުގައި ކަމަށެވެ.

އޭގެ އިތުރުން، އަންނަ އަހަރު 5.8 ޕަސެންޓު އިގުތިސޯދު ކުރިއަރާނެ ކަމަށް ސަރުކާރުން ލަފާކުރި ނަމަވެސް އައިއެމްއެފުން ޖަހާ ނަންބަރަކީ 4.5 ޕަސެންޓެވެ.

ރާއްޖޭގެ އިގުތިސޯދު ކުރިއަރާނެ ކަމަށް އައިއެމްއެފްއިން އަންދާޒާ ކުރި އަދަދުތައް ހުރީ އޭޝިއާ ސަރަހައްދުގެ އަރަމުން އަންނަ އިގުތިސޯދުތަކާއި ތަރައްގީވަމުން އަންނަ އިގުތިސޯދުތަކުގެ އެވަރެޖަށް ވުރެ ދަށުގަ އެވެ. ނަމަވެސް ކުދި ޖަޒީރާ ގައުމުތަކުގެ އިގުތިސޯދުތަކާ އަޅާކިޔާއިރު، ޕަސެންޓޭޖުތައް މައްޗެވެ. އަދި ދުނިޔޭގެ އެވަރެޖަށް ވުރެ ވެސް މައްޗެވެ.

އިގުތިސޯދު ކުރިއަރާ މިންވަރު ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް މަޑުޖެހޭނެ ކަމަށް އައިއެމްއެފުން އަންދާޒާކުރާއިރު، މިދިޔަ އަހަރަކީ 2016 ގެ ފަހުން، ކޮވިޑު ބަލިމަޑުކަމުގެ އަހަރު ނަގާފައި، ޖީޑީޕީ ކުރިއަރާ މިންވަރު ހަތަރު ޕަސެންޓުން ދަށަށް ދިޔަ ފުރަތަމަ އަހަރެވެ.

މިދިޔަ އަހަރު ރިއަލް 3.5 ޕަސެންޓުން އިގުތިސޯދު ކުރިއެރިއިރު، މިއީ ވެއެތުވި 20 އަހަރުގެ އެވަރެޖު ކަމުގައި ފަސް ޕަސެންޓަށް ވުރެ ވެސް ދަށް އަދަދެކެވެ.

އައިއެމްއެފްގެ ރިޕޯޓުގައި ރާއްޖެއާ ގުޅޭ އެންމެ މުހިންމު ކަމަކީ، މާލިއްޔަތަށް ހުރި ޕްރެޝަރުތަކަށް އަވަސް ހައްލެއް ހޯދުމަށް ގޮވާލާފައި އޮތުމެވެ. ދުނިޔޭގެ އިގުތިސޯދަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، މި ކަމުގެ ނުރައްކާ އެންމެ ބޮޑީ މަދުން އާމްދަނީ ލިބޭ ގައުމުތަކަށް ކަން ފާހަގަކޮށް އައިއެމްއެފްއިން ވަނީ މީގެ ސަބަބުން ކުއްލިއަކަށް އަންނަ ޝޮކަކުން އަރައިގަންނަން އުނދަގޫ ވާނެ ކަމަށް ބުނެފަ އެވެ.

މި ނުރައްކާތަށް ރާއްޖެއަށް ވެސް ބޮޑެވެ. އެންމެ ބޮޑު މައްސަލައަކީ ސަރުކާރުން ވައުދުވި ގޮތަށް ހަރަދުތައް ކުޑަނުކުރުމާއި ބަޖެޓު ޑެފިސިޓު ފޫބައްދަން ރޭވި ޕްލޭން ފެއިލްވުމެވެ. ސަރުކާރުގެ ހަރަދުތައް ފޫބައްދަން ބޭނުންވާ ފައިސާއަށް މުޅީން ކަހަލަ ގޮތަކަށް ބަރޯސާވަނީ ޑޮމެސްޓިކް ބާޒާރަށެވެ.

މީގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ފައިނޭންސް ކުރަން ހުރި ފައިސާ މަދުވެ، ވިޔަފާރިތަކުން އިންވެސްޓުކުރުމާއި ވިޔަފާރި ފުޅާކުރަން ހުރި ފުރުސަތުތައް ވަނީ ހަނިވެފަ އެވެ.

އޭގޭ އިތުރުން ބޭރުގެ އާ އިންވެސްޓުމަންޓުތައް ގެންނަަން ސޮއިކުރި ނަމަވެސް، ޓޫރިޒަމް ސިނާއަތަށް އަންނަ އިންވެސްޓުމަންޓުތައް ފިޔަވައި އެހެން ދާއިރާއަކުން ބޮޑު އިންވެސްޓުމަންޓުތަކެއް ވަދެ، އަމަލީ މަސައްކަތް ހިނގަމުން ނުދެ އެވެ.

ނަމަވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުން އިގުތިސޯދުގެ ދުވެލި ހިފަހައްޓަން ފަސޭހަތަކެއް ލިބޭނެ ކަމަށް އެ ޓާމިނަލް ހުޅުވުމުގެ ކުރިން ނެރުނު ރިޕޯޓުތަކުގައި ވޯލްޑް ބޭންކުން ފާހަގަކޮށްފައި ވެ އެވެ. މިހާރު އެ ޓާމިނަލް ބޭނުންކުރަން ފަށައިފި އެވެ.