Advertisement

2.5 ބިލިއަން ރުފިޔާ ޗާޕު ކުރަން އުޅެނީ ގާނޫނާ ހިލާފަށް، ވަގުތުން ވަގުތަށް އެކަން ހުއްޓައިލަން ގޮވާލަން: އެމްޑީޕީ

20 އޮކްޓޯބަރު 2025 - 13:55 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެމްޑީޕީގެ ރައީސް، އަބްދުالله ޝާހިދު އާއި އެ ޕާޓީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް އަދި ކުރީގެ ނައިބުރައީސް، ފައިސަލް ނަސީމް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


2.5 ބިލިއަން ރުފިޔާ ޗާޕު ކުރަން އުޅެނީ ގާނޫނާ ހިލާފަށް، ވަގުތުން ވަގުތަށް އެކަން ހުއްޓައިލަން ގޮވާލަން: އެމްޑީޕީ

20 އޮކްޓޯބަރު 2025 - 13:55 0

ޕެންޝަން ފަންޑު ބޭނުންކޮށްގެން 2.5 ބިލިއަން ރުފިޔާ ޗާޕު ކުރަން ސަރުކާރުން އުޅެނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ވަގުތުން ވަގުތަށް އެކަން ހުއްޓައިލުމަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ވަރަށް ނުރައްކާތެރިކަމެއް ކަމަށެވެ. އަދި ފައިސާ ޗާޕު ކޮށްފިނަމަ ދިވެހި ރުފިޔާގެ އަގު އަގު ދަށްވެ ބޭރު ފައިސާގެ އަގު އިތުރަށް މަތިވުމުގެ ނަތީޖާއެއްގެ ގޮތުން މުދަލާއި ހިދުމަތުގެ އަގުތައް އިންތިހާއަށް އުފުލޭނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"އެފަދަ މުއާމަލާތެއް ހިންގައިގެން ދައުލަތުގެ މަރުކަޒީ ބޭންކުން ސަރުކާރަށް ފައިސާ ނެގުމަކީ ގާނޫނީގޮތުން ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތައް އެއްފަރާތްކޮށް އެ ހަމަތަކާއި އުސޫލުތަކާއި ކަނޑައެޅިގެން ހިލާފަށް ހިންގާ ގައިރުގާނޫނީ އަމަލެކެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

"މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޯޑު މެންބަރުން އަދި ޕެންޝަން ފަންޑުގެ ބޯޑު މެންބަރުން ސަރުކާރުގެ މިފަދަ ގައިރުގާނޫނީ ކަންކަމުގައި ބައިވެރިވެ އެއްބާރުލުން ދިނުމަކީ މި ޕާޓީން ބަލައިގަންނާނެ ކަމެއް ނޫނެވެ."

ޕެންޝަން އޮފީސް މެދުވެރިކޮށް 2.5 ބިލިއަން ރުފިޔާ ޗާޕު ކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތަކީ އެ އޮފީހުން މީގެ ކުރިން އިންވެސްޓްކުރުމުގައި ގެންގުޅުނު ހުރިހާ ހަމަތަކެއް މުގުރާލައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ސަރުކާރަށް ނެގުމަށް އެމްއެމްއޭއިން ހިންގަމުންދާ މަސައްކަތެއް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

ސަރުކާރުން 2.5 ބިލިއަން ރުފިޔާ ޗާޕު ކުރަން ނިންމާފައި ވަނީ މި އަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓުގައި ދައުލަތަށް ފައިސާ ހޯދާނެ ކަމަށް ފިނޭންސް މިނިސްޓަރު، މޫސާ ޒަމީރު ބަޔާން ކޮށްފައިވާ ކަންކަމާ ވެސް ހިލާފަށް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އަދި ބޭރުގެ އެހީ އާއި އެތެރެއިން ފައިސާ ލިބޭނެ ދޮރުތައް އެއްކޮށް ބަންދުވެ ޗާޕު ކުރުމުގެ މަސައްކަތް ފެށީ ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތުމާއި ވެރިންގެ ނާގާބިލުކަމުން ކަމަށް އެމްޑީޕީން ބުންޏެވެ.

"މި ކަމަކީ މީގެ ދެމަސްދުވަސް ކުރިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިއުލާނުކުރި މަނިޓަރީ ޕޮލިސީއާ ވެސް ކަނޑައެޅިގެން ހިލާފަށް ކުރާ ކަމެކެވެ. އެހެންކަމުން މިއީ ހަރުދަނާ ސިޔާސަތެއް އަދި އެއްވެސް ފަރުވާލެއް ނެތި ކުރާ ކަމެއްކަން އެނގެ އެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.