Advertisement

ޔޫޑަބްލިއުސީ މޯލްޑިވްސްގެ ސްކޮލާޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

20 އޮކްޓޯބަރު 2025 - 10:47 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޔޫޑަބްލިއުސީ މޯލްޑިވްސްގެ ސްކޮލާޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

20 އޮކްޓޯބަރު 2025 - 10:47 0

އޯލެވެލް ފެންވަރުގެ ކިޔެވުން ނިންމާ ދިވެހި ކުދިންނަށް މަތީ ތައުލީމު ހާސިލުކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ދިވެހިރާއްޖޭގައި ޔޫޑަބްލިއުސީ ސްކޫލްތައް ތަމްސީލްކުރާ ގައުމީ ކޮމިޓީ، ޔޫޑަބްލިއުސީ މޯލްޑިވްސްގެ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސްކޮލާޝިޕަށް ކުރިމަތިލާން ހުޅުވާލީ ޑިސެމްބަރު 15، ގެ ނިޔަލަށެވެ. އެޕްލިކޭޝަން ފޯމް ޔޫޑަބްލިއުސީ މޯލްޑިވްސްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ. އަދި ސްކޮލާޝިޕަށް ކުރިމަތިލާން ފުރިހަމަވާންޖެހޭ ޝަރުތުތައް ވެސް ވެބްސައިޓުން ފެންނާނެ އެވެ.

ގްރޭޑް 10 ނިންމާ އުމުރުން 15 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ހިންގާ އެ ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން ހޮވޭ ދަރިވަރުންނަށް ދުނިޔޭގައި ނަން ހިނގާ ބައިނަލްއަގުވާމީ ސްކޫލްތައް ކަމަށްވާ ޔުނައިޓެޑް ވޯލްޑް ކޮލެޖު ނުވަތަ ޔޫޑަބްލިއުސީގައި ކިޔެވުމަށް މާލީ އެހީތެރިކަން ލިބޭނެ އެވެ.

ޔޫޑަބްލިއުސީ މޯލްޑިވްސްގެ ސިލެކްޝަން ކޯޑިނޭޓާ ސުހާ އަހުމަދު ވިދާޅުވީ މިއީ ދިވެހި ދަރިވަރުންނަށް އޮތް ރަނގަޅު ފުރުސަތެއް ކަމަށާއި އެއީ އެ ކުދިންގެ މުޅި ހަޔާން ބަދަލުކޮށްލާނެ ފުރުސަތެއް ކަމަށެވެ.

"ސަބަބަކީ ޔޫޑަބްލިއުސީ ސްކޫލްތަކުގައި ކިޔެވުމަކީ ދުނިޔޭގެ އެންމެ ރަނގަޅު ޔުނިވާސިޓީތަކުން ބޭނުންވާ ކޮންމެ ރޮނގަކުން ކިޔެވުމަށް ވެސް ހުޅުވޭ ދޮރަކަށްވާތީ،" އޭނާ ވިދާޅުވި އެވެ.

ޔޫޑަބްލިއުސީއަކީ 1962 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އަމާންކަމާއި ސުލްހަޔަށް ތައުލީމަކީ ބިންގަލެއް ކަމުގައި ދެކި، މަތީ ސާނަވީ އުމުރުގެ ޒުވާނުންނަށް ހާއްސަކުރެވިގެން އުފެއްދި ސްކޫލެއް ނުވަތަ ކޮލެޖެކެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ޖުމްލަ 18 ޔޫޑަބްލިއުސީ ކޮލެޖު ހުންނައިރު، ސްކޮލާޝިޕް ޕްރޮގްރާމުގެ ދަށުން މިހާރުވެސް ދިވެހި ފަސް ދަރިވަރުން ޖަރުމަން، ކެނަޑާ، އިންޑިއާ، ހޮންކޮންގް އަދި ދެކުނު އެފްރިކާގެ އެސްޓަވީނީގައި ކިޔަވަމުންދެ އެވެ.

ޔޫޑަބްލިއުސީގައި ދަރިވަރުން ފުރިހަމަ ކުރާނީ އިންޓަނޭޝަނަލް ބެކަލޯރިއޭޓް (އައިބީ) ޑިޕްލޮމާ އެވެ. އެއީ އޭލެވެލްއާ އެއްފެންވަރުގެ އަދި ދުނިޔޭގެ ހުރިހާ ޔުނިވާސިޓީތަކާ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ވެސް ގަބޫލުކުރާ ދެ އަހަރުގެ ކޯހެކެވެ.

ޔޫޑަބްލިއު މޯލްޑިވްސް އިން ވަނީ 2001 ވަނަ އަހަރުން ފެށިގެން މިހާތަނަށް 65 އަށްވުރެ ގިނަ ދިވެހި ދަރިވަރުން ސްކޮލާޝިޕްގައި ޔޫޑަބްލިއުސީގައި ތައުލީމް ހާސިލުކޮށްފަ އެވެ.

އެ ޕްރޮގްރާމް ފުރިހަމަކުރި ހުރިހާ ދިވެހި ދަރިވަރުން ވެސް ވަނީ މަތީ ތައުލީމު ހާސިލުކުރުމަށް އިތުރު ސްކޮލާޝިޕް ހޯދައިފަ އެވެ. އޭގެ ތެރެއިން ގިނަ ކުދިން ކިޔެވީ ނުވަތަ ކިޔަވަމުންދަނީ އެމެރިކާގެ އެންމެ މޮޅު ޔުނިވާސިޓީތަކުންނެވެ.