19 އޮކްޓޯބަރު 2025 - 12:19 0
މުހައްމަދު ޝަހްޒާން
އޮކްޓޫބަރު 3 ގެ މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދުކުރަން އަމުރުކުރި ހަ މީހުން: މި ހަ މީހުން ވެސް ދޫކޮށްލީ 15 ދުވަސް ބަންދުގައި ބޭތިއްބުމަށް ފަހު -- ފޮޓޯ: އަދަދު
19 އޮކްޓޯބަރު 2025 - 12:19 0
އިދިކޮޅު އެމްޑީޕީން އޮކްޓޫބަރު 3 ގެ މުޒާހަރާއިން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހި ހުރިހާ އެންމެން ދާދި ދެންމެއަކު ދޫކޮށްލައިފި އެވެ.
އެ އެންމެން ވެސް ދޫކޮށްލީ ތަހުގީގަށް އެއްބާރުލުމަށް ޝަރުތުކުރުމަށްފަހު އެވެ. ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކުރި ނަމަވެސް މުޒާހަރާއިން ހައްޔަރުކުރި ހުރިހާ އެންމެންގެ ވެސް ބަޔާން ނަގައި ނިމިފައިވާ ކަމަށް އެމީހުންގެ ގާނޫނީ ވަކީލުން ޓީމުން ބުންޏެވެ.
އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން އަށް މީހުން ފުލުހުން ހައްޔަރުކުރި އެވެ. އެހެންނަމަވެސް އޭގެތެރެއިން ބަންދުގެ މުއްދަތު ކޯޓުން ޖެހީ ހަ މީހުންނަށެވެ.
އެ މީހުން 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކުރީ އޮކްޓޫބަރު 4، ގަ އެވެ. އެ މުއްދަތު މިއަދަށް ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކޮށް ފުލުހުން އެދުނީ އިތުރު 15 ދުވަސް އެމީހުންގެ ބަންދަށް އިތުރު ކޮށްދިނުމަށެވެ. ނަމަވެސް ކޯޓުން ނިންމީ އެމީހުން ދޫކޮށްލުމަށެވެ.
މުޒާހަރާގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުނުކޮށް ދޫކޮށްލީ އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު އާއި މުހައްމަދު ހަލަފު އިބްރާހިމް އެވެ. ހަލަފު ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކޮށް، އަދި ހުއްދަ ހޯދައިގެން ނޫން ގޮތަކަށް މާލޭން ބޭރަށް ނުދެވޭ ގޮތަށެވެ.
މުޒާހަރާގައި އެތައް ހާސް ބަޔަކު ޖަމާވެ، މަޖީދީ މަގުން ހިނގާފައި ދާން ދިމާކުރުމުން، ރަޔަޓު ގިޔަރުގައި ފުލުހުން ނުކުމެ ބާރުގެ ބޭނުންކޮށް، ޕެޕަ ސްޕްރޭ ޖެހި އެވެ. އަދި ފުރަތަމަ ފަހަރަށް ސޮނިކް ވެޕަން ބޭނުންކުރި އެވެ.
އެމްޑީޕީން ވަނީ ނޮވްމެބަރު 17، ގައި އަނެއްކާ ވެސް ބޮޑު މުޒާހަރާއެއް ބާއްވާނެކަން އިއުލާނުކޮށްފަ އެވެ.
Comment