Advertisement

އައްޑޫގައި ނަގާ އާންމު ވޯޓަށް ރީ-ރަޖިސްޓްރީ ކުރީ 255 މީހުން

19 އޮކްޓޯބަރު 2025 - 09:59 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މިދިޔަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގެ ތެރެއިން: އައްޑޫ އާންމު ވޯޓަށް ރީ-ރަޖިސްޓްރީކުރި 248 މީހުންގެ ޕްރޮސެސް މިހާރު ވަނީ ނިންމާފައި -- ފޮޓޯ: އަދަދު


އައްޑޫގައި ނަގާ އާންމު ވޯޓަށް ރީ-ރަޖިސްޓްރީ ކުރީ 255 މީހުން

19 އޮކްޓޯބަރު 2025 - 09:59 0

ލާމަރުކަޒީ ގާނޫނު ވުޖޫދުވުމާއެކު އުފެދުނު އައްޑޫ ސިޓީ ކައުންސިލް ބައިބައިކޮށް ތިން ރަށެއްގައި ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ނަގާ ފެންނަ ނުފެންނަ ވޯޓަށް ރީ-ރަޖިސްޓްރީ ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލި މުއްދަތުގައި 255 މީހުން ރަޖިސްޓްރީކޮށްފި އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ރީ-ރަޖިސްޓްރޭޝަނުގެ މުއްދަތު ހަމަވިއިރު އެކަމަށް އެދި ހުށަހެޅި 255 މީހުންގެ ތެރެއިން 248 މީހުންގެ ރީ-ރަޖިސްޓްރޭޝަން ޕްރޮސެސް މިހާރު ނިންމާފައިވާ ކަމަށެވެ.

"ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލެވުނުއިރު ގާތްގަނޑަކަށް އަޅުގަނޑުމެންނަށް މިއަދު މި ނިމިގެންދިޔައިރުގައި 255 މީހުން އެބަތިބި އަޅުގަނޑުމެންނަށް އެކަމަށް އެދި ހުށަހަޅާފައި ރަޖިސްޓްރީކުރަން އަޅުގަނޑުމެންނަށް ހުށަހެޅި. އޭގެތެރެއިން އަޅުގަނޑުމެންނަށް 248 މީހުންގެ ރީ-ރަޖިސްޓްރޭޝަން ޕްރޮސެސް މިހާރު ވަނީ ނިންމާލެވިފައި،" އޭނާ ވިދާޅުވި އެވެ.

ޒާހިދު ވިދާޅުވީ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތުގައި އެކަމަށް އެދި ހުށަހެޅި މީހުންގެ އަދަދަށް ބަލާއިރު ވޯޓުލުމުގެ ޝައުގުވެރިކަން ތިން ރަށުގެ ރައްޔިތުންގެ މެދުގައި އޮތްކަން ފެންނަމުންދާ ކަމަށާއި އެހެންކަމުން ޖުމްލަ ގޮތެއްގައި ތަރުހީބު ރަނގަޅު ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު ދަންނަވާނީ އޭގެ ޒާތުގައި ތަރުހީބު ހަމަ ރަނގަޅޭ. މިދެންނެވީ އެ ޝައުގުވެރިކަން އަޅުގަނޑުމެންނަށް އެބަ ފެނެއޭ. މި ވޯޓުގައި ބައިވެރިވުމާއި ރައްޔިތުންގެ މި ނިންމުމުގައި އެ ތިން ރަށުގެ ރައްޔިތުން ނިންމުމުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ހުރި މިންވަރު އަޅުގަނޑުމެންނަށް ދޭހަކޮށްދެއޭ އޭގެއިންވެސް،" އޭނާ ވިދާޅުވި އެވެ.

އައްޑޫ ރައްޔިތުންގެ މެދުގައި މި މަހު 25 ގައި އާންމު ވޯޓަކަށް އަހަނީ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އާއި ފޭދޫގައި ވަކި ކައުންސިލެއް ގާއިމު ކުރަން ފެނޭތޯ ބަލަން ނަގާ ވޯޓެކެވެ.

އައްޑޫ އާންމު ވޯޓުގައި 11 ވޯޓު ފޮށްޓެއް އައްޑޫގައި ބަހައްޓާއިރު، ހަތް ވޯޓު ފޮށްޓެއް މާލޭގައި ބަހައްޓާނެ ކަމަށެވެ. މާލޭގައި ވޯޓު ފޮށިތައް ބަހައްޓަނީ ކަލާފާނު ސްކޫލުގަ އެވެ.

އައްޑޫ ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާ ގުޅޭ ގޮތުން ވޯޓެއް ނަގަން ކެބިނެޓުން ނިންމީ އޮކްޓޯބަރު 5، ގަ އެވެ. އެ ނިންމުން ކެބިނެޓުން ނިންމީ އެކަން އެގޮތަށް ކޮށްދިނުމަށް އެދި އައްޑޫ ރައްޔިތުންގެ ތެރެއިން ބަޔަކު ރައީސް މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް ބުނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ވޯޓާސް ލިސްޓުގައިވާ ގޮތުން، މި ވޯޓުގައި، 9،577 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެ އެވެ.

އައްޑޫ އާންމު ވޯޓު ނަގަނީ އެކަށީގެންވާ ވަގުތު ނުދީ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެގޮތުން އެކަމާ ގުޅިގެން ސަރުކާރަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.