Advertisement

ސިޓީ މޮޅުވިޔަސް އާސެނަލުން އެއް ވަނައިގައި ލީޑެއް ނަގައިފި

18 އޮކްޓޯބަރު 2025 - 23:59 0


ސިޓީ މޮޅުވިޔަސް އާސެނަލުން އެއް ވަނައިގައި ލީޑެއް ނަގައިފި

18 އޮކްޓޯބަރު 2025 - 23:59 0

ލަންޑަން (އޮކްޓޫބަރު 18) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެވަޓަން އަތުން މޮޅުވެ، މެންޗެސްޓާ ސިޓީން ވަގުތުކޮޅަކަށް އެންމެ ކުރިއަށް ޖެހިލި ކަމުގައި ވިޔަސް، އާސެނަލުން 1-0 އިން ފުލަމް ބަލިކޮށް، އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ސިޓީގެ މެޗު ކުރިންއޮތްއިރު، އެ ޓީމުން އެވަޓަންގެ މައްޗަށް 2-0 އިން ކުރިހޯދައި، އެއް ވަނަ އަށް ޖެހިލި އެވެ. އެކަމަކު، އާސެނަލުން ފުލަމްގެ މައްޗަށް ކުރިހޯދައި އެއް ވަނަ އަށް އެރީ އަށް މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. އަދި، ސިޓީ ދެ ވަނައިގައި މިހާރު އޮތީ އަށް މެޗުން 16 ޕޮއިންޓާ އެކު އެވެ. މާދަމާރޭ، މެންޗެސްޓާ ޔުނައިޓެޑް އަތުން އެންމެ ފަހުގެ ޗެމްޕިއަން، ލިވަޕޫލުން މޮޅުުވެއްޖެނަމަ، ދެ ވަނަ އަށް އަރައި، އާސެނަލްގެ ލީޑު އެއް ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ.

އިއްތިހާދު ސްޓޭޑިއަމްގައި އެވަޓަން އިން ރަނގަޅު ކުޅުމެއް ދެއްކި މެޗުގައި ސިޓީ ގޯލު ބެލެހެއްޓުމުގައި އެ ޓީމުގެ ކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ދެ ވަނަ ހާފުގައި އެ ޓީމުގެ ދެ ގޯލު ވެސް ޖެހީ މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި އާލިން ބްރައުޓް ހާލަންޑް އެވެ. އޭނާ ދެ ގޯލު ވެސް ޖެހީ ހަ މިނިޓްގެ ތެރޭގަ އެވެ.

މި ލަނޑުތަކާ އެކު، ހާލަންޑް ވަނީ މި ސީޒަނުގައި 13 މެޗުން 23 ގޯލު ޖަހައިފަ އެވެ. އަދި، އޭނާ މި ވަނީ ގައުމީ ޓީމާއި ކްލަބަށް އެންމެ ފަހުން ކުޅުނު 11 މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ.

ފުލަމް ދަނޑުގައި އާސެނަލުން ޖެހި ހަމައެކަނި ގޯލު ދެ ވަނަ ހާފުގައި ކޯނަރަކުން ތަނަވަސްވި ފުރުސަތަކުން ޖެހީ ލެއަންޑްރޯ ޓްރޮސާޑް އެވެ. މިއީ، ކޯނަރެއްގައި ގަބްރިއެލް މަގާޅައެސް ބޮލުން ޖައްސާލި ބޯޅައަކަށް ރަނގަޅު ތަނަށް އަރައި ޓްރޮސާޑް ޖެހި ގޯލެކެވެ. މި މެޗުގައި އާސެނަލްގެ ބުކާޔޯ ސަކާ އާއި ވިކްޓަ ޔޯކެރޭޝް ފޮނުވާލި ހަމަލާތައް ފުލަމް ގޯލުގައި ހުރި އާސެނަލްގެ ކުރީގެ ކީޕަރު، ބާން ލޭނޯ ވަނީ މަތަކޮށްފަ އެވެ.

ލީގުގައި މިރޭ ކްރިސްޓަލް ޕެލަސް އާއި ބޯންމައުތު 3-3 އިން އެއްވަރުވިއިރު، ބްރައިޓަން އިން ވަނީ 2-1 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފަ އެވެ. އަދި، ސަންޑަލެންޑުން 2-0 އިން ވުލްވްސްގެ މައްޗަށް ކުރިހޯދިއިރު، ލީޑްސް ޔުނައިޓެޑް އަތުން ބާންލީ މޮޅުވީ 2-0 އިންނެވެ.