17 އޮކްޓޯބަރު 2025 - 15:21 1
ރަސްމާލެ ހިއްކަން ފެށި ދުވަހު މުއިއްޒު: ފައިސާ ޗާޕު ކުރަނީ ވެސް ރަސްމާލެ ހިއްކަން ކަމަށް ބައެއް ބޭފުޅުން ބުނޭ -- ފޮޓޯ: ރައީސް އޮފީސް
17 އޮކްޓޯބަރު 2025 - 15:21 1
ރަސްމާލޭގެ ނަމުގައި ރައީސް މުހައްމަދު މުއިއްޒު ތަރައްގީ ކުރަން ބޭނުންވާ ފުށިދިއްގަރު ފަޅު ހިއްކުމަކީ ރާއްޖެއަށް މިވަގުތު ކުރިމަތިވާނެ އިގްތިސާދީ ބޮޑު ނުރައްކަލެއް ކަމަށާއި އެ ޕްރޮޖެކްޓު ހުއްޓުވަންޖެހޭ ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމްރު ވިދާޅުވީ ރަސްމާލެ ހިއްކުމަކީ އިގްތިސާދީ ގޮތުން ބަލާއިރު ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށެވެ. މާލީ ވަޒީރު މޫސާ ޒަމީރާއި އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ހިމެނިވަޑައިގަންނަވާ ގޮތަށް ހުރިހާ ވަޒީރުން އެ ޕްރޮޖެކްޓާ ދެކޮޅު ހަދަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކ. ގުޅި ކައިރީ ރަށެއް ހިއްކުން އިގްތިސާދީ ގޮތުން ދެކޮޅުނުޖެހޭ. ރާއްޖޭގެ މާލީ ހާލަތު ވެސް ތަނެއް ނުދޭ. މާލީ ވަޒީރު މިކަމާ ދެކޮޅު ހައްދަވަންޖެހޭ. އިގްތިސާދީ ވަޒީރު މިކަމާ ދެކޮޅު ހައްދަވަންޖެހޭ. ހުރިހާ ވަޒީރުން މިކަމާ ދެކޮޅު ހައްދަވަންޖެހޭ،" އަމްރު ވިދާޅުވި އެވެ.
"ރަސްމާލެ އަކީ ރާއްޖެއަށް ދިމާވާނެ އެންމެ ބޮޑު އެއް އިގްތިސާދީ އަރައްކާ."
އެކްސްގައި ކުރެއްވި އެހެން ޕޯސްޓެއްގައި އަމްރު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތުން ފުށިދިއްގަރުފަޅު ހިއްކުމަކީ "ކުރަން ހެޔޮނުވާވަރުގެ ކަމެއް" ކަމަށެވެ.
"ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަން ޖެހޭ. މިއީ މިވަގުތު ރާއްޖޭގެ މާލީ ހާލަތު ހުރި ގޮތުން ކުރަން ހެޔޮނުވާވަރުގެ ކަމެއް. ދައުލަތުގެ މާލިއްޔާގައި ފައިސާއެއް ނެތް. އެމްޓީސީސީގައި ފައިސާއެއް ނެތް. އެޗްޑީސީގައި ފައިސާއެއް ނެތް. އެމްއޭސީއެލްގައި އެއް ބިލިއަން ޑޮލަރުގެ ދަރަނި އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.
ފުށިދިއްގަރު ފަޅު ހިއްކުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ނޫނެވެ. އެކަމަކު، ވެރިކަމަށް ވަޑައިގެންނެވި ގޮތަށް ޑިސެމްބަރު، 2023، ގައި އެމަނިކުފާނު ވަނީ އެ ޕްރޮޖެކްޓު އިއުލާނު ކުރައްވައިފަ އެވެ. ވިދާޅުވީ އެ ފަޅުގެ 1153 ހެކްޓަރު ހިއްކަވާނެ ކަމަށެވެ.
މުއިއްޒު އެންމެ ފުރަތަމަ ވިދާޅުވީ ރަސްމާލެ ހިއްކާނީ ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދުނުކޮށް ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުން ކަމަށެވެ. އެކަމަކު އެންމެ ފުރަތަމަ މަސައްކަތް ހަވާލު ކުރި ކުންފުނީގެ ކޮންޓްރެކްޓު ބާތިލު ކުރުމުން ސަރުކާރުން ވަނީ ބޮޑު ބަދަލެއް ދޭންޖެހިފަ އެވެ.
އޭގެ ފަހުން މުއިއްޒު ވަނީ ދައުލަތުގެ ރިޒާވުން ހަރަދުކޮށްގެން ނަމަވެސް ފުށިދިއްގަރުފަޅު ހިއްކަން އަންގައިފަ އެވެ. އަދި އެ ޕްރޮޖެކްޓު ކުރިއަށްގެންދަން 600 މިލިއަން ޑޮލަރުގެ ބޮޑު ލޯނެއް ނަގަން ވެސް ސަރުކާރުން ވިސްނި އެވެ. ޕެންޝަން އޮފީހާއި އެމްއެމްއޭ މެދުވެރިވެގެން ފައިސާ ޗާޕު ކުރަން މުއިއްޒު ނިންމެވީ ވެސް އެ ފަޅު ހިއްކާނެ ފައިސާ ނެތިގެން ކަމަށް ބައެއް ބޭފުޅުން ވިދާޅުވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment