Advertisement

ސިނގިރޭޓު މައްސަލައިގައި ބާއްވަން އުޅުނު 241 ކޮމިޓީ ފަސްކޮށްފި

17 އޮކްޓޯބަރު 2025 - 12:57 0

އަހުމަދު އާއިދު

އަހުމަދު އާއިދު

241 ކޮމިޓީގެ މުގައްރިރު ސަލީމް އަދި ނައިބު މުގައްރިރު ފަލާހު: ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި އިދާރާތައް 241 ކޮމިޓީއަށް ހާޒިރުކުރުން މިހާރު ވަނީ ފަސްކޮށްފަ ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ސިނގިރޭޓު މައްސަލައިގައި ބާއްވަން އުޅުނު 241 ކޮމިޓީ ފަސްކޮށްފި

17 އޮކްޓޯބަރު 2025 - 12:57 0

ރާއްޖެއަށް ވަގަށް އެތެރެކުރަނިކޮށް ކަސްޓަމްސް އިން އަތުލައި އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި 13 މިލިއަން ސިނގިރޭޓުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ކަމާ ބެހޭ އިދާރާތައް ހާޒިރުކުރުން ފަސްކޮށްފި އެވެ.

މި މައްސަލާގައި ހޯމް މިނިސްޓްރީ އާއި ފުލުހުންގެ އިތުރުން ކަސްޓަމްސް އާއި އެމްޕީއެލުގެ އިސް ބޭފުޅުން ހާޒިރުކޮށް ސުވާލުކުރަން ތާވަލުކޮށްފައި އޮތީ އާދިއްތަ ދުވަހަށެވެ. އެކަމަކު، 241 ކޮމިޓީގެ އެ ބައްދަލުވުން ހަފުތާއަކަށް ފަސްކޮށްފައިވާކަން މަޖިލީހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މަޖިލީހުގެ މީޑިއާތަކުން ނޫސްވެރިންނަށް ފޮނުވި މެސެޖެއްގައި ބުނީ މި ބައްދަލުވުން ފަސްކުރީ ދިރާސާކުރަން ނިންމާފައިވާ މައްސަލަ އާއި ގުޅިގެން މިވަގުތު ކޮމިޓީ ބައްދަލުވުމެއް ބާއްވައިފިނަމަ އެ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

ދެ ކޮންޓެއިނަރުގައި ހުރި 13.6 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލަ ފެންމަތިވީ އޮކްޓޯބަރު 8، ގަ އެވެ. މި މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށް 12 މީހަކު ވަނީ ފުރުން މަނާކޮށްފަ އެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އަމިއްލަ ވިޔަފާރިވެރިޔެއް ކަމުގައިވާ އަހުމަދު އާރިފު އާއި މުހައްމަދު ވަހީދު އަދި ކަސްޓަމްސްގެ ކުރީގެ ސީނިއާ އޮފިސަރެއް ކަމުގައިވާ މުއާޒު އަލީ އަދި ހުޅުމާލޭ ޕޯޓުގައި މަސައްކަތްކުރާ ކަސްޓަމްސްގެ ސީނިއާ އޮފިސަރެއް ކަމުގައިވާ ހދ. ވައިކަރަދޫ ޒިވާރު އިސްމާއީލް އެވެ.

ފުލުހުން ތަހުގީގުގެ ތަފުސީލެއް އާންމުކޮށްފައި ނުވި ނަމަވެސް، ހައްޔަރުކުރި ބައެއް މީހުން އިއްޔެ މާލެ ގެނެސް ބައެއް ތަންތަން ބަލާފާސްކޮށްފައިވެ އެވެ. ވަގަށް ނެގި ސިނގިރޭޓުތައް ފެނިފައިވާ ކަމެއް ސާފެއް ނޫނެވެ.

މީގެ އިތުރުން، މި މައްސަލައާ ގުޅިގެން އެމްޕީއެލް އިން ވަނީ އެ ކުންފުނީގެ ހަ މުވައްޒަފަކު ސަސްޕެންޑުކޮށްފަ އެވެ.

އެމްޕީއެލް އިން ބުދަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސިނގިރޭޓު ކޮންޓެއިނަރުތައް ގެއްލުނުކަން އޮކްޓޯބަރު 8، ގައި ފާހަގަވި ވަގުތުން ފެށިގެން އެ މައްސަލަ ބަލައި، އޮކްޓޯބަރު 12، ގައި ފަސް މުވައްޒަފުން ސަސްޕެންޑުކޮށް، އަދި މިއަދު އެއް މުވައްޒަފަކު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

މި ނޫހުން ހޯދި ހޯދުންތަކުން އެނގޭ ގޮތުގައި ކޮންޓެއިނަރުތައް ވަގަށް ނެގީ ދުރާލައި ރޭވި ރޭވުމެއްގެ ދަށުންނެވެ. އެކަން ކުރުމަށް ހުޅުމާލެ ބަނދަރުގެ ސެކިއުރިޓީ ކެމެރާތައް ނިއްވާލައި، އެހެން ކެމެރާތަކުގެ މަންޒަރު ގެއްލުވާލާފައިވެ އެވެ.