Advertisement

އެސްބީއައި އިން ޑޮލަރު ލިމިޓު ދަށްކުރުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދަން އިންޑިއާ ސަރުކާރުން މަސައްކަތް ކުރަނީ

17 އޮކްޓޯބަރު 2025 - 12:18 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ބަލަސުބްރަމާނިއަން : އެސްބީއައި ޑޮލަރު ލިމިޓަށް ގެނައި ބަދަލާއެކު ކުރިމަތިވާނެ ދަތިތައް ހައްލުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ހައި ކޮމިޝަނުން ވަނީ ބުނެފަ ---- ފޮޓޯ: އިންޑިއާ ހައިކޮމިޝަން


އެސްބީއައި އިން ޑޮލަރު ލިމިޓު ދަށްކުރުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދަން އިންޑިއާ ސަރުކާރުން މަސައްކަތް ކުރަނީ

17 އޮކްޓޯބަރު 2025 - 12:18 0

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޑޮލަރު ލިބުން ތާށިވެ، ޑޮލަރު ލިމިޓު ދަށްކުރަން ނިންމުމާއެކު ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހުންނަށް ކުރިމަތިވާނެ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.

ޑޮލަރުގެ ދަތިކަމާއެކު އެސްބީއައި އިން މިހާރު ނިންމާފައިވަނީ ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ މީހުންގެ މުސާރަ ފޮނުވޭ އަދަދު 150 ޑޮލަރަށް ތިރިކޮށް، އެ ބޭންކުގެ ރުފިޔާ ކާޑުތައް ރާއްޖޭން ބޭރުގައި ބޭނުން ނުކުރެވޭ ގޮތް ހެދުމަށެވެ. މި ބަދަލުތަކަށް އަމަލުކުރަން ފަށަނީ މި މަހުގެ 25، އިން ފެށިގެންނެވެ.

އެސްބީއައިގެ މި ނިންމުމާއެކު ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، މިކަމަށް ހައްލެއް ގެނައުމަށް ފޮރިން މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހިމެނޭހެން އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މި މަޝްވަރާތަކުގެ ތެރެއިން، އެސްބީއައި ގެ ކަންބޮޑުވުންތައް ދިވެހި ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކާ މި ހަފުތާ ތެރޭގައި ބޭއްވުނު ބައްދަލުވުންތަކުގައި ހިއްސާކޮށްފައިވާނެ ކަމަށް ހައި ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ. މަޝްވަރާތަކުގެ މިސްރާބު ހުރީ ވީހާވެސް އަވަހަށް މިކަމަށް ހައްލެއް ހޯދުމަށް ކަމަށް ވެސް އިންޑިއާ ސަރުކާރުން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން، ދެ ގައުމުގެ ކަރަންސީ އިން މުއާމަލާތް ކުރުމަށް ވެވިފައިވާ އެއްބަސްވުމަށް އަމަލުކުރުމާއި، މީގެ އަހަރެއް ކުރިން ތައާރަފުކުރި އިންޑިއާގެ ރުޕޭ ކާޑުގެ ހިދުމަތް ފުޅާކުރުމާއި ރާއްޖޭގެ ބޭންކުތަކުގެ އިންޑިއާ ރުޕީސް އެކައުންޓު ހުޅުވޭނެ ގޮތް ހެދުމަށް ވެސް ދިވެހި ސަރުކާރާއެކު މަޝްވަރާކުރަމުންދާ ކަމަށް އިންޑިއާއިން ބުނެފައިވެ އެވެ.

އެސްބީއައިގެ ރުފިޔާ-ރުޕީސް ރެމިޓަންސްގެ ދަށުން މުސާރަ ފޮނުވާއިރު، ދިވެހި ރުފިޔާއިން ޖަމާކުރުން އިންޑިއާ ރުޕީސްއިން އެ ފައިސާ އިންޑިއާގައި ހުންނަ އެކައުންޓުތަކަށް ޖަމާކޮށްދެމުން ދިޔަ އެވެ. މިއީ ރާއްޖޭގައި މަސައްކަތް އިންޑިއާ މީހުންނާއި އެމްޕްލޯޔަރުންނަށް ވެސް ފަސޭހަކޮށްދިނުމުގެ ބޭނުމުގައި އެ ބޭންކުން ކުރަމުން ދިޔަ ކަމެކެވެ.

ނަމަވެސް އާ ބަދަލުތަކާއެކީ، އެސްބީއައިއިން ފޮނުވޭނީ 2،313ރ. އާ ހަމައަށެވެ. ބާކީ މުސާރަ ފޮނުވަން ބޭނުން ނަމަ ޖެހޭނީ ބޭންކަށް ޑޮލަރު ޖަމާކުރާށެވެ. މި ގޮތަށް ޑޮލަރު ލިބެން އޮތް ހަމައެކަނި މަގަކީ ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަތުމެވެ. މިހާރު ހުރި ރޭޓުތަކުގައި، މާރުކުރަން ގިނަ އަދަދެއްގެ ފައިސާ ހަރަދުކުރަން ޖެހޭނެ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި 30،000 ގާތްކުރާ އަދަދަކަށް އިންޑިއާ މީހުން މަސައްކަތް ކުރެ އެވެ. އިންޑިއާ މީހުން އެންމެ ގިނައީ ކޮންސްޓަރްޝަނާއި ޓޫރިޒަމާއި ފިނޭންސް ދާއިރާގަ އެވެ.

އެސްބީއައިއަށް ޑޮލަރު ލިބުން ދަތިވެގެން އުޅެނީ ކީއްވެގެން ކަމެއް އެ ބޭންކުން ނުބުނެ އެވެ. ނަމަވެސް މިކަމާ ގުޅޭ މައުލޫމާތު އެނގޭ މަސްދަރަކުން ބުނީ ބޭރު ފައިސާ ގާނޫނުގެ ދަށުން މާރުކުރާ ޑޮލަރުގެ ބޮޑު ޕަސެންޓެއް އެމްއެމްއޭއަށް ނަގައި، ސަރުކާރު ހިއްސާވާ ބޭންކުތަކަށް އެ ޑޮލަރުގެ ބޮޑު ބަޔެއް އިންޖެކްޓު ކުރަމުން ދާތީ ކަމަށެވެ.