Advertisement

ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް އޭއެފްސީ އާއި ފީފާގެ އެހީ ލިބޭނެ

17 އޮކްޓޯބަރު 2025 - 09:02 0


ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް އޭއެފްސީ އާއި ފީފާގެ އެހީ ލިބޭނެ

17 އޮކްޓޯބަރު 2025 - 09:02 0

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން މި ސަރަހައްދުގެ ގައުމުތަކުގެ މެދުގައި "ސާފް ފުޓްސަލް ޗެމްޕިއަންޝިޕް"ގެ ނަމުގައި ބާއްވާ މުބާރާތް ޖެނުއަރީ މަހު ތައިލެންޑުގައި ކުރިއަށްގެންދަން ނިންމާފައިވާއިރު، އެ މުބާރާތަށް އޭއެފްސީ އާއި ފީފާގެ އެހީތެރިކަން ލިބޭނެ ކަމަށް ސާފް އިން ބުނެފި އެވެ.

ސާފުން އަންހެން އަދި ފިރިހެން ޓީމުތަކަށް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް ތާވަލުކޮށްފައިވަނީ، ޖެނުއަރީ މަހުގެ 13-26 އަށް ތައިލެންޑުގައި ކުރިއަށްގެންދާ ގޮތަށެވެ. މިއީ، ސާފް އިން މި ސަރަހައްދުގެ ގައުމުތަކަށް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ.

ސާފްގެ ޖެނެރަލް ސެކްރެޓަރީ، ޕްރުޝޮތަމް ކައްޓެލް ވިދާޅުވީ، ފީފާގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮވެ، ފުޓްބޯޅައިގެ އިތުރުން ފުޓްސަލް އާއި ބީޗްފުޓްބޯޅަ ޑިވެލޮޕްކުރުމަކީ ވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންކަން ކަމަށެވެ.

"އަަހަރެމެންނަށް ފާހަގަކުރެވުނު ފުޓްސަލްގައި އަހަރެމެންނަށް މި އުޅެވެނީ ތަންކޮޅެއް ފަހަތުގައި، ރަނގަޅު ކުޅުންތެރިންނާއި އޮފިޝަލުންނެއް ވެސް ނެތް. މި ހުރިހާ ކަމަކަށް ބަލައި، ފުޓްސަލް ޑިވެލޮޕްމަންޓަށް އެބަ މަސައްކަތްކުރަން ޖެހޭ އަހަރެމެން ވަރަށް ބޮޑަށް، (ސާފްގެ) އެގްޒެކްޓިވް ކޮމިޓީން ފުޓްސަލް މުބާރާތް ބޭއްވުމުގެ ނިންމުން ފާސްކޮށްފި، މި މުބާރާތަށް އަހަރެމެންނަށް އޭއެފްސީ އާއި ފީފާގެ އެހީ ވެސް ލިބޭނެ،" ޕްރުޝޮތަމް ވިދާޅުވި އެވެ.

ސާފްގެ ގިނަ ގައުމުތަަކަކުން ވަނީ، މިދިޔަ ފަަސް ވަރަކަށް އަހަރުތެރޭ އޭޝިއަން ފުޓްސަލް ކަޕްގެ ކޮލިފައިންގައި ކުޅެން ފަށައިފަ އެވެ. ގިނަ ޓީމުުތަކަކަށް އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވޭއިރު، ސާފް ސަރަހައްދުގައި، ފުޓްސަލް އަށް ހާއްސަކޮށް މުބާރާތެއް ނޯންނާތީވެ އެ މައްސަލަ ކުރިމަތިވެ އެވެ.

އަންނަ އަހަރު އިންޑޮނޭޝިއާގައި ބާއްވާ އޭޝިއަން ފުޓްސަލް ކަޕްގެ ކޮލިފައިންގައި ރާއްޖޭން ވާދަކުރަން ޖެހުނީ އަފްގާނިސްތާން އާއި މިޔަންމާއާ އެއް ގްރޫޕެއްގަ އެވެ. ފުޓްސަލް ވޯލްޑް ކަޕްގައި ކުޅޭ އަފްގާނިސްތާން އަތުން ރާއްޖެ 10-1 އިން ބަލިވިއިރު، މިޔަންމާ އަތުން ބަލިވީ 7-3 އިންނެވެ. މުޅިން އަލަށް އޭއެފްސީ ފުޓްސަލް ކޮލިފައިންގައި ކުޅުނު ބަންގްލަދޭޝް އިން ވަރުގަދަ އީރާން އަތުން 12-0 އިން ބަލިވިއިރު، މެލޭޝިއާ އަތުން ބަލިވީ 7-1 އިންނެވެ. އަދި، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަތުން ބަލިވީ 8-2 އިންނެވެ.

އިންޑިއާ އިން އޭޝިއަން ފުޓްސަލްގެ ކޮލިފައިން ފުރަތަމަ މެޗުގައި ކުވެއިތު އަތުން 4-1 އިން ބަލިވިއިރު، ދެ ވަަނަ މެޗުން އޮސްޓްރޭލިއާ އަތުން ބަލިވީ 10-1 އިންނެެވެ. އަދި، ތިން ވަނަ މެޗުން އިންޑިއާ އިން ވަނީ، 3-0 އިން މޮންގޯލިއާ ބަލިކޮށްފަ އެވެ. މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި އިންޑިއާ އިން ހޯދި ފުރަތަމަ މޮޅެވެ.

އޭއެފްސީ ކޮލިފައިންގައި، ޕާކިސްތާންގެ މެޗުތައް މި މަހު އޮތްއިރު، ނޭޕާލާއި، ބޫޓާން އަދި ސްރީ ލަންކާ އިން ކޮލިފައިންގައި ނުކުޅެ އެވެ.

މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު، ފީފާ އިން ނެރުނު ފުޓްސަލް ރޭންކިންގައި ރާއްޖެ އޮތީ، ދުނިޔޭގެ 106 ވަނައިގަ އެވެ. މިއީ، ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުން ބަލާނަމަ އެއް ވަނަ އެވެ. ނޭޕާލް، ދުނިޔޭގެ 118 ވަނައިގައި އޮތްއިރު، އިންޑިއާ އޮތީ 135 ވަަނައިގަ އެވެ. ބަންގްލަދޭޝް، ސްރީ ލަންކާ، ޕާކިސްތާން އަދި ބޫޓާން އަދި ފުޓްސަލްގައި ރޭންކް ކުރެވިފައިނުވެ އެވެ.