Advertisement

ބީއެމްއެލްގެ ސީއެފްއޯ ނަންދަނަ މަގާމުން ވަކިވެއްޖެ

16 އޮކްޓޯބަރު 2025 - 13:19 3

އަމަން ހަލީމް

އަމަން ހަލީމް

ބީއެމްއެލްއިން ވަކިވި ސީއެފްއޯ ނަންދަނަ ސެނެވިރަތުނެ: އޭނާއަކީ ބޭންކުގެ ސީނިއާ މެނޭޖުމަންޓުގައި ދުވަސްވީ ސްޓާފެއް --- ފޮޓޯ: ބީއެމްއެލް


ބީއެމްއެލްގެ ސީއެފްއޯ ނަންދަނަ މަގާމުން ވަކިވެއްޖެ

16 އޮކްޓޯބަރު 2025 - 13:19 3

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޗީފް ފައިނޭޝަލް އޮފިސަރު، ނަންދަނަ ސެނެވިރަތުނެ ކުއްލި ގޮތަކަށް އެ ބޭންކުން ވަކިވެއްޖެ އެވެ.

ބީއެމްއެލްއިން މީޑިއާތަކާ އިއްޔެ ހިއްސާކުރި މެސެޖެއްގައި މާ ގިނަ ތަފުސީލުތަކެއް ނުދީ ބުނީ، މިއަދުން ފެށިގެން އޭނާ އެ މަގާމުން ވަކިވެފައިވާ ކަމަށެވެ.

ނަންދަނައަކީ ބޭންކުގެ ސީނިއާ މެނޭޖުމަންޓުގައި ތިބި ބިދޭސީންގެ ތެރެއިން އެންމެ ދުވަސްވީ މުވައްޒަފެވެ. އޭނާ ބޭންކުގައި މަސައްކަތް ކުރާތާ 11 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ބީއެމްއެލްއިން ވަނީ ނަންދަނަ ކޮށްދިން ހިދުމަތުގެ އަގު ވަޒަންކޮށް، ބޭންކުގެ ޑިރެކްޓަރުންނާއި މެނޭޖުމަންޓާއި ސްޓާފުންގެ ނަމުގައި އޭނާ ކޮށްދިން މަސައްކަތަށް ޝުކުރުއަދާކޮށްފަ އެވެ.

ބީއެމްއެލްގެ ސީނިއާ މެނޭޖުމަންޓަށް މިދިޔަ އަހަރު ބޮޑެތި ބަދަލުތަކެއް ގެނަ އެވެ. އަދި މިހާރު ބޭންކުގެ މެނޭޖުމަންޓުގައި ތިބި ގިނަ ދިވެހިންނަކީ ބޭންކުގެ މެނޭޖިން ޑިރެކްޓަރަކަށް އިބްރާހިމް ޝަރީފު އައްޔަނުކުރި ފަހުން މެނޭޖުމަންޓަށް ގެނައި ބަދަލުތަކެކެވެ.

ޝަރީފު އެ މަގާމަށް އައްޔަނު ކުރުމުގެ ކުރިން ހިނގައިދިޔަ ކަންކަމުގެ ތެރޭގައި، ބީއެމްއެލްގެ ދިވެހި ރުފިޔާ ކާޑުތަކުން ބޭރު ގައުމުތަކުންނާއި އޮންލައިންކޮށް ކުރެވޭ ވިޔަފާރި ލިމިޓު ކުރުމުގައި "މާލީ ބަގާވާތެއްގެ" ޓެގު އެޅުވުން ހިމެނެ އެވެ.

ރެގިއުލޭޓަރުގެ ހައިސިއްޔަތުން އެމްއެމްއޭގެ އެންގުމަކަށް ބޭންކުން މާ ގިނަ އިރުތަކެއް ނުވެ މި ނިންމުން ބަދަލުކުރިޔަސް، ސަރުކާރުން ވަނީ މި ދަނޑިވަޅުގެ ބޭނުން ހިފައި ބޭންކުގެ ހިންގުމަށް ސީދާ ސަރުކާރުގެ ބާރު ފޯރާ ގޮތަށް ބަދަލު ގެނެސްފަ އެވެ.

މެނޭޖުމަންޓުން ނަންދަނަ ވަކިވީއިރު، ސަރުކާރުގެ ސިޔާސަތުތަކަށް ވާގިވެރިވުމުގެ ގޮތުން ބޭންކުން ނިންމުންތައް ނިންމާ މައްސަލައިގައި ފާޑުކިޔުން އަމާޒުވެފައި ވެ އެވެ. މި ކަމާ ދެކޮޅު މީހުން ބުނަނީ ބޭންކުގެ ހިންގުން ހުންނަން ޖެހޭނީ ސިޔާސީ ނުފޫޒުން އެއްކިބާވެފައި ކަމަށެވެ.

މިކަމުގައި ބީއެމްއެލްއަށް ފާޑުކިޔުން އަމާޒު ވިޔަސް، އެ ބޭންކުން ބުނަނީ ސަރުކާރުގެ ސިޔާސަތުތަކަށް އެއްބާރުލުން ދެނީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މި ގޮތަށް ވާގިވެރިވަމުން ގެންދާނެ ކަމަށް ބީއެމްއެލްގެ ޝަރީފު ވަނީ ވިދާޅުވެފަ އެވެ.