14 އޮކްޓޯބަރު 2025 - 23:48 0
14 އޮކްޓޯބަރު 2025 - 23:48 0
ޓޯކިޔޯ، ޖަޕާން (އޮކްޓޫބަރު 14) - ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި މިރޭ ޖަޕާނުން އަމިއްލަ ދަނޑުގައި ފަހަތުން އަރައި 3-2 އިން ބްރެޒިލް ބަލިކޮށް ތާރީހީ މޮޅެއް ހޯދައިފި އެވެ.
މިއީ، ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ބްރެޒިލް އަތުން ޖަޕާނަށް މިހާތަނަށް ލިބުުނު ފުރަތަަމަ މޮޅެވެ. މީގެ ކުރިން މި ދެ ޓީމު ކުޅުނު 13 މެޗުގެ ތެރެއިން 11 މެޗުން ބްރެޒިލް މޮޅުވިއިރު، ދެ މެޗު ވަނީ އެއްވަރުވެފަ އެވެ.
ޖަޕާނުގެ އަޖިނޮމޮޓޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ 32 މިނިޓް ތެރޭ ބްރެޒިލުން ދެ ގޯލުގެ ލީޑެއް ނެގި އެވެ. އެ ގޮތުން، ބްރެޒިލުން މި މެޗުގައި ފުރަތަމަ ގޯލު ޖެހީ، 26 ވަނަ މިނިޓްގައި ޕައޮލޯ ހެންރީކޭ އެވެ. މިއީ، ބްރޫނޯ ގިމާރޭސް ދިން ބޯޅައަކުން ހެންރީކޭ ޖެހި ގޯލެކެވެ. އޭގެ ހަ މިނިޓްފަހުން، ގަބްރިއެލް މާޓިނެލީ ވަނީ ބްރެޒިލްގެ ދެ ވަނަ ލަނޑު ޖަހައިދީފަ އެވެ.
ދެ ވަނަ ހާފުގައި ކުޅެން އަރައި ޖަޕާނުން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައި ނަތީޖާ އަނބުރާލައިފަ އެވެ. އެ ގޮތުން، ޖަޕާނުން ފުރަތަމަ ލަނޑު ޖެހީ، 52 ވަނަ މިނިޓްގައި، ލިވަޕޫލްގެ ކުރީގެ ފޯވާޑް، ޓަކޫމީ މިނަމީނޯ އެވެ. އޭގެ 10 މިނިޓް ފަހުން، ޖަޕާނުގެ ކެއީޓޯ ނަކަމޫރާ ވަނީ ލަނޑެއް ޖަހައި އެއްވަރުކޮށްފަ އެވެ. އަދި، ޖަޕާން މޮޅުވި ލަނޑު ޖެހީ، 71 ވަނަ މިނިޓްގައި، އަޔާސޭ އުއޭޑާ އެވެ.
މިދިޔަ މެއި މަހު ބްރެޒިލްގެ ކޯޗުކަމާ ހަވާލުވި އަންޗެލޮޓީ މި ވަނީ އެ ޓީމާ ހަވާލުވި ފަހުން ނުކުތް ހަ މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފަ އެވެ. ތިން މެޗުން މޮޅުވިއިރު، އެއް މެޗު ވަނީ އެއްވަރުވެފަ އެވެ.
މިދިޔަ ހުކުރު ދުވަހު ބްރެޒިލުން ވަނީ 5-0 އިން ދެކުނު ކޮރެއާ ބަލިކޮށްފަ އެވެ. އެކަމަކު، ދުނިޔޭގެ ރޭންކިން 19 ވަނައިގައި އޮތް ޖަޕާނުން މި ވަނީ ރޭންކިން ހައެއްގައި އޮތް ބްރެޒިލް އަތުން ބޮޑު މޮޅެއް ހޯދައިފަ އެވެ.
Comment