Advertisement

ބްރެޒިލުން އަންޗެލޮޓީގެ ކޮންޓްރެކްޓް 2030 އާ ހަމައަށް އާ ކުރަނީ

14 އޮކްޓޯބަރު 2025 - 12:45 0


ބްރެޒިލުން އަންޗެލޮޓީގެ ކޮންޓްރެކްޓް 2030 އާ ހަމައަށް އާ ކުރަނީ

14 އޮކްޓޯބަރު 2025 - 12:45 0

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (އޮކްޓޫބަރު 14) - ބްރެޒިލް ގައުމީ ފުޓްބޯޅަ ޓީމާ އެކު އިޓަލީގެ ކޯޗު ކާލޯ އަންޗެލޮޓީ ހަދާފައިވާ ކޮންޓްރެކްޓް 2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށް އާ ކުރަން ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަން (ސީބީއެފް) އިން ބޭނުންވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަަށް ބްރެޒިލާ އެކު، އަންޗެލޮޓީ ކޮންޓްރެކްޓް ހަދާފައިވާއިރު، އޭނާ އަންނަނީ، އެ އެއްބަސްވުން އާ ކުރުމުގެ ޝައުގުވެރިކަން ހުރި ކަމަށް އެކި ފަހަރު މަތިން ވާހަކަ ދައްކަމުންނެވެ. އެ ގޮތުން، ފްރާންސްގެ ނޫހެއް ކަމަށް "ލެކިއުޕޭ" އަށް ދިން އިންޓަވިއުއެއްގައި އަންޗެލޮޓީ ވަނީ، 2030 ވަަނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަށް ބްރެޒިލުން ކޮންޓްރެކްޓެއް ދިނަސް މަޑުކުރުމުގެ ޝައުގުވެރިކަން ހުރި ކަމަށް ބުނެފަ އެވެ.

ބްރެޒިލްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި ކުރިއަށްދާ ބްރެޒިލްގެ މެޗުތައް ނިމުމުން، ސީބީއެފް އިން އަންޗެލޮޓީއާ އެކު ކޮންޓްރެކްޓްގެ މަޝްވަރާތައް ފަށަން ވަނީ ނިންމައިފަ އެވެ.

އަންޗެލޮޓީ ވަނީ މިހާތަނަށް ބްރެޒިލަށް ފަސް މެޗުގައި ކޯޗުކޮށްދީފަ އެވެ. ތިން މެޗުން މޮޅުވިއިރު، އެއް މެޗުން ބަލި އަދި އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. އަންޗެލޮޓީގެ އިރުޝާދުގެ ދަށުން ބްރެޒިލުން ކުޅޭ ހަ ވަަނަ މެޗުގައި މިއަދު ޖަޕާނާ ދެކޮޅަށް ކުޅޭނެ އެވެ.

އަންޗެލޮޓީ އަކީ 100 އަހަރު ތެރޭ ބްރެޒިލް ގައުމީ ޓީމަށް ކޯޗުކޮށްދޭ އެ ގައުމަށް ނިސްބަތްނުވާ ފުރަތަމަ ފުލްޓައިމް ކޯޗެވެ.

އަންޗެލޮޓީ ކޯޗިން ކެރިއަރު ފެށީ އިޓަލީގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި 1992 ވަނަ އަހަރު އެވެ. އަންޗެލޮޓީ ވަނީ ކޯޗިން ކެރިއަރުގައި، އިޓަލީގެ ރެޖިއާނާ، ޕާމާ، ޔުވެންޓަސް، އޭސީ މިލާން އަދި ނަޕޯލީގެ އިތުރުން އިންގްލެންޑްގެ ޗެލްސީ އާއި އެވަޓަން، ފްރާންސްގެ ޕީއެސްޖީ އަދި ޖަރުމަނުގެ ބަޔާން މިއުނިިކަށް ކޯޗުކޮށްދީފަ އެވެ. ކެރިއަރުގައި ދެ ވަނަ ފަހަރަށް އަންޗެލޮޓީ ރެއާލާ ހަވާލުވީ، 2021 ވަނަ އަހަރު އެވެ. އެއީ އެވަޓަން ދޫކޮށްލުމަށް ފަހު އެވެ.

ބްރެޒިލުން އެންމެ ފަހުން، ބައިނަލްއަގުވާމީ މުބާރާތެއް ކާމިޔާބުކުރީ 2019 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތެވެ. ބްރެޒިލްގެ ކޯޗުކަން ހުސްވީ، މާޗް މަހު އާޖެންޓީނާ އަތުން ބަލިވުމުން އޭރު އެ ޓީމުގެ ކޯޗަކަށް ހުރި ޑޮރިވާލް ޖޫނިއާ ވަކިކުރުމުންނެވެ.