Advertisement

އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނި ބަންކަރިން އިން އަހަރެއް ތެރޭ ލިބުނީ 12 މިލިއަން ޑޮލަރު

14 އޮކްޓޯބަރު 2025 - 10:00 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އިކޮނޮމިކް މިނިސްޓަރު ސައީދު: ބަންކަރިން އިން އަހަރެއް ތެރޭ ލިބުނީ 12 މިލިއަން ޑޮލަރު ކަމަށް އޭނާ މިއަދު ވިދާޅުވި --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނި ބަންކަރިން އިން އަހަރެއް ތެރޭ ލިބުނީ 12 މިލިއަން ޑޮލަރު

14 އޮކްޓޯބަރު 2025 - 10:00 1

އަހަރެއްގެ ތެރޭގައި 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ކަމަށް ވިދާޅުވެ މިދިޔަ ސެޕްޓެމްބަރު މަހު ސަރުކާރުން ފެށި ބަންކަރިންގެ ހިދުމަތުން އަހަރެއް ތެރޭ ލިބުނީ 12 މިލިއަން ޑޮލަރު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެެއްޖެ އެވެ.

ބަންކަރިންގެ ހިދުމަތުން އަހަރެއްގެ ތެރޭގައި 400 މިލިއަން ޑޮލަރު ލިބޭނެކަމުގެ ޔަގީންކަން ވެރިކަން ހިންގާ ޕީއެންސީގެ ހަރުގޭގައި ޖުލައި 7، 2024، ގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސައީދު ވަނީ ދެއްވައިފަ އެވެ.

"ކޮބައިތޯ މިކަމުން [ބަންކަރިން އިން] އިކޮނޮމީއަށް އަންނަ ބަދަލަކީ. ހަމައެކަނި ފުރަތަމަ. މި ޖުލައި މަސް ނިމޭއިރުގަ ބަންކަރިންގެ ހިދުމަތް ފަށައިގެން އަންނަ އަހަރުގެ ޖުލައި އަންނަން ވާއިރު. އަޅުގަނޑުމެން އަންދާޒާކޮށްލިއިރު. އަޅުގަނޑު ދެންމެ މި ދެންނެވި ރާއްޖޭގެ ޖީޑީޕީ އަކީ 6.5 ބިލިއަން އެމެރިކާ ޑޮލަރު. އޭގެތެރެއަށް އިރާދަކުރެއްވިއްޔާ މުޅިން އައު 400 މިލިއަން ޑޮލަރު ވަދެގެން ދާނެ،" ސައީދު އެ ދުވަހު ވިދާޅުވި އެވެ.

ބަންކަރިންގެ އަދާހަމަ ހޯދުމަށް ސައީދު އާއި މިއަދުގެ މަޖިލިސް ޖަލްސާގައި ސުވާލުކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެވެ. އޭނާގެ ސުވާލަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ ބަންކަރިންގެ ކަންކަން އެސްޓީއޯ އިން ކުރިއަށް ގެންދިޔަ ނަމަވެސް ބައެއް ތަފުސީލުތައް ދެވިދާނެ ކަމަށެވެ.

"ސެޕްޓެމްބަރު މަހު 2024 ގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތްފެށި މިހާ ހިސާބަށް 192،149،939ރ. ގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެސްޓީއޯއިން އަޅުގަނޑުމެންނަށް ފޯރުކޮށްދީފަ ހުރި މައުލޫމާތުތަކުން ހާމަވޭ،" ސައީދު ވިދާޅުވި އެވެ.

ބޭންކު ރޭޓުން މާރު ކުރާނަމަ މިއީ 12،466،085 ޑޮލަރެވެ. މީގެ އިތުރުން ޓެކްސްގެ ގޮތުގައި 17 މިލިއަން ރުފިޔާ އެސްޓީއޯއަށް ލިބިފައިވާ ކަމަށް ވެސް ސައީދު މިއަދު ވިދާޅުވި އެވެ.

މި ނޫހުން މި މަހުގެ ފުރަތަމަ ދުވަހު ހޯދި ހޯދުންތަކުން އެނގޭ ގޮތުގައި ބަންކަރިންގެ ހިދުމަތް ދޭން ގެނައި އެއް ބޯޓު މާލެ ކައިރި އަޅާފައި އޮތް އިރު އަނެއް ބޯޓު އަވަށްޓެރި ސްރީ ލަންކާގެ ބަނދަރެއްގަ އެވެ.

ބަންކަރިންގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތަށް މަސް ދުވަސް ވީއިރު، މި ދެ ބޯޓު މާލެ ސަރަހައްދަށް އައި ހަބަރު މިދިޔަ އަހަރު މި ނޫހުން ވާނީ ގެނެސްދީފަ އެވެ. އޭރު އެސްޓީއޯ އިން ބުނީ މާލެ ސަރަހައްދު ނުވަތަ އެހެން ސަރަހައްދެއްގައި އޮތް ނަމަވެސް އެ ބޯޓުތަކުން ބަންކަރިންގެ ހިދުމަތް ދެމުންދާ ކަމަށެވެ. ފުރަތަމަ މަޝްރޫއު ރޭވި ގޮތަށް އިހަވަންދިއްޕޮޅުގައި އޮވެ ހިދުމަތް ދެމުން ނުދާ ސަބަބެއް ސާފެއް ނޫނެވެ.