Advertisement

ކުރީގެ ބަންޑާރަނައިބު ރިފްއަތު ވެސް އޭސީސީއަށް ހާޒިރުކުރަނީ

13 އޮކްޓޯބަރު 2025 - 18:56 0

އަމަން ހަލީމް

އަމަން ހަލީމް

ކުރީގެ ބަންޑާރަަނައިބު އިބްރާހިމް ރިފްއަތު: އޭނާއަކީ އޭސީސީއަށް ހާޒިރުކުރާ ސޯލިހު ކެބިނެޓުގެ ހަތަރު ވަނަ މިނިސްޓަރު --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ކުރީގެ ބަންޑާރަނައިބު ރިފްއަތު ވެސް އޭސީސީއަށް ހާޒިރުކުރަނީ

13 އޮކްޓޯބަރު 2025 - 18:56 0

ކުރީ ސަރުކާރުން ބަދަލު ދިން މައްސަލަތަކެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުންދާ ތަހުގީގަށް އޭރު ބަންޑާރަނައިބަކަށް ހުންނެވި އިބްރާހިމް ރިފްއަތު ވެސް ހާޒިރުކުރަން ނިންމައިފި އެވެ.

މިއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓު ވަޒީރުންގެ ތެރެއިން އޭސީސީއަށް ހާޒިރުވަން ޗިޓު ލިބުނު ހަތަރު ވަނަ ބޭފުޅާ އެވެ.

މި ތަހުގީގުގެ ބޭނުމަށް އޭސީސީން ސުވާލުކުރަން ބޭނުންވި ކުރީގެ އެހެން ވަޒީރުންނަކީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ އެވެ. އޭސީސީން މިހާތަނަށް ސުވާލުކޮށް ނިންމީ އަމީރާއި ފައްޔާޒާ އެވެ.

އެމްޑީޕީ ސަރުކާރުގެ ހަތަރު ވަނަ ވަޒީރަކު އޭސީސީއަށް ހާޒިރުކުރާތީ ކަންބޮޑުވުން ފާޅުކުރަައްވައި އެކްސްގައި ސޯލިހު ވިދާޅުވީ، މިއީ މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވައިގެން އެމްޑީޕީއަށް ބިރުދަައްކަން ހިންގާ ސިލްސިލާ ހަރަކާތެއް ކަމަށެވެ.

"ސިޔާސީ ނުފޫޒުގަ ޖެހި ރައްޔިތުންގެ އިތުބާރު ގެއްލޭ މި ޒާތުގެ ކަންކަން ނުކުރުމަށް އޭސީސީގެ ވެރިންނަށް އިލްތިމާސްކުރަން،" ސޯލިހު ވިދާޅުވި އެވެ.

އޭސީސީން ސުވާލުކުރުމަށް ފަހު ނިކުމެވަޑައިގެން އަމީރާއި ފައްޔާޒު ވެސް ވަނީ މި ތަހުގީގުގައި އެއްވެސް އަސާސެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. ސޯލިހެކޭ އެއް ފަދައިން މި ދެ ބޭފުޅުން ވެސް ވިދާޅުވީ މިއީ ސަރުކާރު އަޑީގައި އޮވެގެން ސިޔާސީ މަގުސަދެއް ހާސިލުކުރަން ހިންގާ ތަހުގީގެއް ކަމަށެވެ.

އޭސީސީން ތަހުގީގުކުރަމުންދާ މައްސަލަ ރައްދުވާ، ސްވިފްޓުން ވެސް ވަނީ ބަދަލު ދިނީ ރަނގަޅަށް ކަމަށް ބުނެފަ އެވެ. ސްވިފްޓަކީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުންޏެވެ.

ސައުދުﷲ ވަނީ ބަދަލުގެ ގޮތުގައި ޕްރޮޖެކްޓުތައް ނުދީ، ކޯޓަށް ގޮސްގެން ބަދަލު ހޯދި ނަމަ ސްވިފްޓަށް މާ ބޮޑު ބަދަލެއް ދޭން ޖެހުނީސް ކަމަށް ވިދާޅުވެފަ އެވެ.