Advertisement

ސިޓީގެ ދަރަޖަ ލިބިގެން އައްޑޫ އަށް ހާސިލުވި ކަމެއް ނެތް: އިބްރާހިމްދީދީ

13 އޮކްޓޯބަރު 2025 - 10:35 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމްދީދީ: އޭނާ ވިދާޅުވީ ސިޓީގެ ދަރަޖަ ލިބިގެން އައްޑޫ އަށް ވީ ކަމެއް ނެތް ކަމަށް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ސިޓީގެ ދަރަޖަ ލިބިގެން އައްޑޫ އަށް ހާސިލުވި ކަމެއް ނެތް: އިބްރާހިމްދީދީ

13 އޮކްޓޯބަރު 2025 - 10:35 1

ސިޓީގެ ދަރަޖަ ލިބިގެން އައްޑޫގެ ރަށްތައް އެކަތިގަނޑެއްގެ ގޮތުގައި އޮވެގެން ހާސިލުވި ކަމެއް ނެތް ކަމަށާއި އެގޮތަށް އޮވެގެން އެއްވެސް ތަރައްގީއެއް ނުލިބުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމްދީދީ ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ކޮންމެ ރަށެއްގައި ވަކި ކައުންސިލުތަކެއް ހަދަން ފެނޭތޯ ބަލަން ވޯޓެއް ނަގަން ނިންމާފައި އޮއްވައި، އިބްރާހިމްދީދީ ވިދާޅުވީ، ސިޓީއެއްގެ ގޮތުގައި އޮވެގެން އައްޑޫގެ އެއްވެސް ރަށެއް ތަރައްގީ ނުވި ކަމަށެވެ.

"އައްޑޫ އެއްވެސް ތަނަކަށް ތަރައްގީއެއް ނާދެ. ހިތަދޫ އަށް ވެސް ނާދެ. ފޭދޫ އަށް ވެސް ނާދެ. މަރަދު، މަރަދޫ ހިތަދޫ އަށް ވެސް ނާދެ. އެހެންވެ ސިޓީއޭ ކިޔައިގެން ވީ ކަމެއް ނެތް އިއްޒަތްތެރި ރައީސް،" ދީދީ ވިދާޅުވި އެވެ.

އައްޑޫއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ވައްކަން ކުރުން ކަމަށާއި ކަރަންޓު ކެނޑެނީ ވެސް އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އައްޑޫ އެކަތިގަނޑެއްގެ ގޮތުގައި އެއް ސިޓީއެއްގެ ދަރަޖައިގައި އޮވެގެން ވީ އެއްވެސް ކަމެއް ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ވޯޓުގައި އައްޑޫ ހުޅުދޫ އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގަން ފެނޭތޯ އެހުމަށް ނިންމި ނިންމުން މިހާރު ވަނީ ބަދަލުކޮށްފަ އެވެ. އެހެންކަމުން މިމަހު 25 ގައި އޮންނަ ވޯޓުގައި ދެން ހިމެނޭނީ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އާއި އައްޑޫ ފޭދޫގައި ވަކި ކައުންސިލެއް ގާއިމު ކުރުމާ ބެހޭ ސުވާލުތައް އެކަންޏެވެ.

އެ ވޯޓުގައި އައްޑޫ ސިޓީ ކައުންސިލް އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމަށް ފެންނަ ކަމަށް ވިދާޅުވެ، ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ގާއިމު ކުރުމާ ދެކޮޅަށް ވޯޓު ދޭން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވަނީ ވިދާޅުވެފަ އެވެ.

"ވަކި ވަކި ކައުންސިލް ހަދާ، މިހާރު މިއޮތް އައްޑޫ ސިޓީ ކައުންސިލުން ވަކިވުމަކީ މި ބާރުވެރިކަން އަހަރުމެންގެ އަތުން ބީވެ، ސިޔާސީ ގޮތުން އައްޑޫއަށް ނިސްބަތްވާ ރައްޔިތުންނަށް ޖުމްލަ ގޮތެއްގައި ނިކަމެތިކަން ލިބުމުގެ ވަރަށް ބޮޑު ފުރުސަތެއް އޮތް ކަމެއް،" އައްޑޫ ބަހުން ކުރެއްވި ޕޯސްޓުގައި އަޒާން ލިޔުއްވާފައިވެ އެވެ.