Advertisement

ކޯޓު ތުރުނުކުރައްވައި މުއިއްޒުއަށް ޖަލްސާއަކަށް ވަޑައިގެންނެވުމުން އެންމެންގެ ކޯޓު ބާލަން އަންގައިފި

13 އޮކްޓޯބަރު 2025 - 09:04 8

އަހުމަދު އާއިދު

އަހުމަދު އާއިދު

ހޮނިހިރު ދުވަހުގެ ޖަލްސާގައި މުއިއްޒު ބައިވެރިވަޑައިގަންނަވަނީ: މުއިއްޒު އަށް ކޯޓު ނުލާ ޖަލްސާއަކަށް ދެވުމުން އެންމެންގެ ކޯޓު ބާލަން ވަނީ އަންގާފަ ---- ފޮޓޯ: ރައީސް އޮފީސް


ކޯޓު ތުރުނުކުރައްވައި މުއިއްޒުއަށް ޖަލްސާއަކަށް ވަޑައިގެންނެވުމުން އެންމެންގެ ކޯޓު ބާލަން އަންގައިފި

13 އޮކްޓޯބަރު 2025 - 09:04 8

ރައީސް މުހައްމަދު މުއިއްޒު ޖަލްސާ އަކަށް ވަޑައިގެންނެވިއިރު ކޯޓު ތުރުނުކުރައްވައި ވަޑައިގެންނެވުމުން، އެ ޖަލްސާއަށް ކޯޓު ލައިގެން ގޮސް ތިބި އެންމެންގެ ކޯޓު ބާލުވައިފި އެވެ.

މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހު ކްރޮސްރޯޑްސް ގައި ފެށި ޕްރިންސިޕަލުންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގަ އެވެ. އެ ދުވަހުގެ ޖަލްސާއަށް މުއިއްޒު ވަޑައިގެންނެވީ ކޯޓު ތުރުނުކުރައްވަ އެވެ.

އެ ޖަލްސާގައި ބައިވެރިވި މީހަކު މި ނޫހަށް މައުލޫމާތު ދިން ގޮތުގައި މުއިއްޒު ކޯޓު ތުރުނުކުރައްވައި ވަޑައިގެންނެވިރު ޕްރިންސިޕަލުން ހިމެނޭހެން ޖަލްސާއަށް ދިޔަ ގިނަ މީހުން ތިބީ ކޯޓު ލައިގެން ކަމަށެވެ.

ކޯޓު ބާލައި، އިށީންނަ ގޮނޑީގައި އެޅުވުމަށް އެންގީ އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ކަމަށް އޭނާ ބުންޏެވެ. ޖަލްސާ ހިނގަމުން ދިޔައިރު ރައީސް އޮފީހުން ނަގައި އާންމުކުރި ފޮޓޯތަކުން ގިނަ ބައެއްގެ ކޯޓު ބާލައި ގޮނޑީގައި އަޅުވާފައި ހުރި މަންޒަރު ފެނެ އެވެ. ކޯޓު ލައިގެން ތިބީ ޖަލްސާގައި ބައިވެރިވި ބައެއް އަންހެނުންނެވެ.

ކޯޓު ބާލަން އެންގުމުން ލައިގެން ތިބި ކޯޓު ބާލައި ގޮނޑީގައި އަޅުވާފައި --- ފޮޓޯ: ރައީސް އޮފީސް


ޖަލްސާއަށް މުއިއްޒު ކޯޓު ތުރުނުކުރައްވައި ވަޑައިގެންނެވި ސަބަބު ސާފު ނޫން ކަމަށް އޭނާ ބުންޏެވެ.

ޕްރިންސިޕަލުންގެ މަހާސިންތާ ފެށުމުގެ ޖަލްސާގެ އިތުރުން އެ ދުވަހު މުއިއްޒު ވަނީ ސްކޫލު ކުދިންގެ ކޭމްޕު ސައިޓެއް ކްރޮސްރޯޑްސް ގައި ހުޅުވައިދެއްވި އެވެ. އެ ރަސްމިއްޔާތަށް ދިޔަ ގިނަ މީހުން ވެސް ތިބީ ކޯޓު ފަޓުލޫނުގަ އެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަސްމިއްޔާތުގައި ބައިވެރިވި މީހުންގެ ކޯޓުތައް ވެސް ބާލަން އެންގި އެވެ. އެ މީހުންނަށް ޖެހުނީ އެ ތަނުގައި ހުރި ކޮޓަރިއަކަށް ކޯޓުތައް ލުމަށްފަހު، ގަމީހާއި ޓައީގައި ރަސްމިއްޔާތުގައި ބައިވެރިވާށެވެ.